ޔޫރޯ 2020: ޗެކް މާޔޫސްކޮށް ޑެންމާކް ސެމީފައިނަލަށް

03 Jul 2021 | 23:28

ޗެކް ރިޕަބްލިކް ގެ މައްޗަށް އަތްގަދަކޮށް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލުން ޑެންމާކް ޖާގަ ހޯދައިފިއެވެ.

އަޒަރުބައިޖާންގެ ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޑެންމާކް ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ސެމީފައިނަލުގައި ޑެންމާކް ބައްދަލުކުރާނީ ކުއާޓާފައިނަލުގެ ފަހު މެޗުގައި އިންގްލޭންޑާއި ޔޫކްރެެއިން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ޑެންމާކްގެ ފެށުން ރަނގަޅުކުރުމުގެ ނަތީޖާއެއްގެ ގޮތުން މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ޗެކް ރިޕަބްލިކުން ރަނގަޅަށް ކުޅުމުގެ ތެރެއަށް ނުވަދެވި އުޅެނުކޮށް މި ލަނޑު ކާމިޔާބުކުރީ ޑެލޭނީ އެވެ. މިއީ ލާސަން ނަގައިދިން ކޯނަރަކުން ޖެހި ގޯލެކެވެ.

ޑެންމާކް އިން ލީޑު ފުޅާކޮށްފައިވަނީ ފުރަތަމަ ހާފުގެ ފުރިހަމަަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށެވެ. ޑޮލްބާގް މި ލަނޑު ކާމިޔާބުކުރީ މަޔޭލީ ނަގައިދިން ހިތްގައިމު ހުރަހަކުންނެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައެވެ.

ދެވަނަ ހާފަށް ޗެކް ރިޕަބްލިކް އިން ގެނައި ބަދަލުތަކާއެކު އެ ޓީމުގެ ހަމަލާތައް ނުރައްކާވިއެވެ. އަދި ޑެންމާކަށްވެސް އުނދަގޫތަކާއި ކުރިމަތިވިއެވެ. ނަތީޖާއެއްގެ ގޮތުން މާގިނައިރުތަކެއް ނުވެ ޗެކް ރިޕަބްލިކުން ފުރަތަމަ ލަނޑު ޖެހިއެވެ. ކޫޕަލް ދިން ބޯޅައެއްގައި އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ހަމަލާއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޕެޓްރިކް ޝިކް އެވެ.

މި ލަނޑާއެކު ޝިކް ވަނީ މި މުބާރާތުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތް ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑުތަކާއި އެއްވަރުކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement