ކޮވިޑުގެ ބޭއިންސާފު - ރިސޯޓް މުވައްޒަފުންގެ ޙައްޤުގައި ވަކާލާތު ކުރާނެ ބަޔަކު ނެތް!

10 Jul 2021 | 19:37

ރާއްޖޭގެ އިޤުތިޞާދަށް އެންމެ ބޮޑު ހިއްސާއެއް ވެދޭ މީހުންނެވެ. ރެޔާއި ދުވާލު އެންމެ ބުރަކޮށް ވަޒީފާ އަދާކުރާ އެއްބައެވެ. ޤައުމަށް އަންނަ ފަތުރުވެރިންނަށް، ހަލާކުވެފައިވާ އިޖުތިމާޢީ ފޭރާން ރީތިކޮށް ސާފުކޮށް ހިނިތުންވުމާއި އޯގާތެރިކަމާއިއެކު ދައްކައިދޭ މީހުންނެވެ. ރިސޯޓް ވަޒީފާ އަދާކުރާ ހިތްވަރުގަދަ މަސައްކަތްތެރިންނެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ ރިސޯޓް މުވައްޒަފުންގެ ގެއްލިފައިވާ ޙައްޤުތަކުގެ ވާހަކައަކީ ތަކުރާރުކޮށް ދައްކަން ޖެހިފައިވާ ވާހަކައެކެވެ. ތަކުރާރުކޮށް އެކި ފެންވަރުގައި، އެކިއެކި މައިދާންތަކުގައި ދައްކަން ޖެހޭ ވާހަކައެކެވެ. ނުހަނު ބުރަކޮށް ރެޔާއި ދުވާލު މަސައްކަތްކުރާ އެ މުވައްޒަފުންގެ އެތަކެއް ޙައްޤުތަކެއް ގެއްލިފައިވާތީއެވެ. ހިތްދަތި ކަމެއްގައި ބަންދެންގައި ތިބެން ޖެހިފައިވާތީއެވެ.

ކޮވިޑް-19 ގެ ބޭއިންސާފު

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކުގައި އެންމެ ބޮޑު ބޭއިންސާފެއް ތަހައްމަލު ކުރަންޖެހުނު އެއްބަޔަކީ ރިސޯޓް މުވައްޒަފުންނެވެ. ކަރަންޓީނު ވުމުގެ އުސޫލުތަކުގެ ސަބަބުން، ރިސޯޓް މުވައްޒަފުން ރަށަށް ދާންޖެހެނީ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރާގޮތަށެވެ.

ނަމަވެސް، ބައެއް ރިސޯޓުތަކަކީ ބޭނުންވާ ދުވަސްވަރު ޗުއްޓީ ހަމަޖައްސައިދޭން ގިނަފަހަރު ދެކޮޅުހަދާ ރިސޯޓްތަކެވެ. މީގެ އެއް ސަބަބަކަށްވަނީ ރިސޯޓުތަކުގައި ކޮންމެ މުވައްޒަފަކީވެސް ބޭނުންތެރި މުވައްޒަފަކަށްވުމެވެ. އަދި އެކަށީގެންވާ އަދަދަށް މުވައްޒަފުން ނެތުމެވެ.

އޭގެ ސަބަބުން، ޢާއިލާއާއި ދުރުގައި ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރަމުންދާ ފަރާތްތަކަށްވަނީ ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. އެންމެ ކުޑަމިނުން، 48 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއިއެކު ރަށަށް ޢާއިލާ ކައިރިއަށް ދެވޭނެ ގޮތެއް ހަމަޖެހޭތޯ އެ މުވައްޒަފުން އެކި ސިފަސިފައިގައި އަޑު އުފުލައިފިއެވެ. ނަމަވެސް، މިއަދާއި ހަމައަށްވެސް ރިސޯޓް މުވައްޒަފުންނަށް ލުޔެއް ލިބިފައެއް ނުވެއެވެ.

ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިންވެސް ކަންބޮޑުވުން ފާޅުކުރޭ

ދުވަސްކޮޅެއްކުރިން "ޓީމް" ގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިސޯޓުތަކުގައި އެތައް މަސްތަކެއް ވަންދެން ޢާއިލާއާއި އަނބިދަރިންނާއި ދުރުގައި ޤައުމަށާއި އިޤުތިޞާދަށްޓަކައި މަސައްކަތްކުރާ މުވައްޒަފުންނަށް ޢާއިލާއާއި ދަރީންނާއި ބައްދަލުވުމަށް، އެޗްޕީއޭ އަދި ސަރުކާރާއި މަދު ވިޔަފާރިވެރިން ގުޅިގެން އަޅާފައިވާ ހުރަސްތަކުގެ ކަންބޮޑުވުން ވަރަށް ބޮޑު ކަމަށެވެ.

"ޖަލުތަކުގައި ބަންދު ކުރެވިފައިވާ ކުއްވެރީންނަށްވެސް މަހަކު އެއްފަހަރު ޢާއިލީ ބައްދަލުވުމާއި، އަނބި ފިރިންނާއި އެކު އެކަހެރި ބައްދަލުވުން ލިބޭއިރު، މިފަދަ ޙައްޤުތަކުން ރިސޯޓް މުވައްޒަފުން މަހުރޫމު ކޮށްފައި އޮތް އޮތުމަށް ލުއިތަކެއް ގެނައުމަށް ގޮވާލަން" އެ ބަޔާނުގައި ވެއެވެ.

ޓޫރިޒަމް މިނިސްޓަރ އެކަށީގެންވާ މަސައްކަތެއް ކުރައްވާތަ؟

މިއީ ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ދިމާވާ މައްސަލައެއްކަމަށް ވާހަކަ ދެކެވެއެވެ. ރިސޯޓުތައް ހިންގާ ބޮޑެތި ވިޔަފާރިވެރިންގެ ވިޔަފާރިއަށް އަސަރުކޮށްފާނެތީ، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޙައްޤުގައި ހަރުއަޑުން ބަސްވިދާޅުވާން ނުކެރުމެވެ.

ކޮވިޑުގެ ހާލަތު ގޯސްވާ ކޮންމެ ފަހަރަކު މާލޭގެ ކުޅިވަރު ދަނޑުތައް ބަންދު ކުރެއެވެ. ނަމަވެސް، ކޮވިޑްގެ ހާލަތު ކުޑަކޮށް ދަށަށް ދާއިރަށް ކުޅިވަރު ދަނޑުތައް ހުޅުވާލަން ޔޫތު މިނިސްޓަރު އިސްވެ މަސައްކަތްތައް ކުރައްވާތަން ފެނެއެވެ. ނަތީޖާއަކަށްވަނީ، މިސްކިތްތަކުގެ ޖަމާޢަތް ހުޅުވާލުމުގެ ކުރިން ޖިމުތައް ހުޅުވާލަންވެސް ހުއްދަ ލިބޭކަމެވެ. އެންމެފަހުންވެސް ކަންވީ އެފަދައިން ނޫންތޯއެވެ.

މި މިސާލުތަކަށް ބަލާއިރު، ރިސޯޓް މުވައްޒަފުންނަށް ލުޔެއް ހޯދައިދޭން ކަމާއިބެހޭ ވަޒީރު ކުރެއްވީ ކޮންކަމެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ކޮވިޑް ރާއްޖެ އެތެރެވީއްސުރެ ބަންދުގައި ތިބި މުވައްޒަފުން އެބަތިއްބެވެ. ނަފްސާނީގޮތުން އެފަރާތްތަކަށް ލިބޭނެ ގެއްލުންތައް ވެރިން ވިސްނަވަން އެބަޖެހެއެވެ.

ރިސޯޓް މުވައްޒަފުން ކަރަންޓީނަށް ރަށަށް ދާއިރު ކަރަންޓީންވާ ދުވަސްތައް ޗުއްޓީގައި ނުހިމެނުމަށް ރިސޯޓްތަކުގެ މެނޭޖުމަންޓްތަކަށް މިނިސްޓަރ ގޮވާލެއްވުމާއި ގުޅިގެން ގިނަ ރިސޯޓުތަކަކުން މިކަން އެގޮތަށް ހަމަޖައްސައިދިނެވެ. މިއީ މިހާތަނަށް ލިބުނު ކުޑަކުޑަ ހަމައެކަނި ލުޔެވެ.

ކޮވިޑްތެރޭ ޓޫރިޒަމް މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެން ޑރ. މައުސޫމް "ރާއްޖެޓީވީ" ގެ ޕްރޮގްރާމެއްގައި މިއަހަރުގެ ޖަނަވަރީ 13 ވަނަ ދުވަހު ވިދާޅުވީ، އެންމެ ގިނައިން ލިބޭ ޝަކުވާއަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ރަށަށް ގޮސް ކަރަންޓީންވާން ޖެހޭ ކަމުގެ ޝަކުވާ ކަމަށެވެ. އަދި އެ ޝަކުވާއަށް ލުއި ގޮތެއް ލިބިގެންދާނީ ކޮވިޑް ވެކްސިން ލިބި، މިހާރު ހެދިފައިވާ އުސޫލުތަކަށް ތަބާވެ، ފަރުދީ ޒިންމާ އަދާކޮށްގެންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

70 އިންސައްތަ މުވައްޒަފުން ވެކްސިން ފުރިހަމަކޮށްފައިވޭ

މިއަހަރުގެ ޖޫންމަހުގެ ފަހުކޮޅު ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުން އަންނަ މުވައްޒަފުންގެ ތެރެއިން ޖުމުލަ 94 އިންސައްތަ މުވައްޒަފުން ކޮވިޑް-19 އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށް، ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ނިސްބަތް 70 އިންސައްތައަށްވަނީ އަރާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ޖޫން މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓުތަކުގައި މަސައްކަތް ކުރާ 184،865 މުވައްޒަފުން ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަކޮށްފައެވެ.

މި އަދަދުތަކަށް ބަލާއިރު، ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެކްސިންގެ ދެ ޑޯޒް ޖަހައިގެން ކަރަންޓީން ނުވެ އަނބިދަރިން ކައިރިއަށް ދެވޭނެ އިންތިޒާމު، ކަމާއިބެހޭ ފަރާތްތަކުން މިކަމާއި އުޅެންވާވަރަށް އުޅެފިނަމަ ހަމަޖެއްސިދާނެކަމީ ޝައްކެއް ނެތް ކަމެކެވެ.

ރިސޯޓުތަކުން ޕޮޒިޓިވްވާ އަދަދު ބޮޑުތަނުން ދަށް

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، އޮޕަރޭޝަންގައި އޮތް އިސޯޓުތަކުން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އެންމެ 6 މީހުންނެވެ. އަދި މިއަދަދު ފަހަކަށް އައިސް އެވްރެޖު ގޮތެއްގައި އުޅެނީ 6 އާއި 13 އާއި ދެމެދުގައެވެ.

މި އަދަދުތައް ހުރި ވަރަށް މާލޭގެ އަދަދުތައް ގޮސްފިނަމަ، ލުއިތަކެއް ދޭން މަޖުބޫރުވެއެވެ. ނަމަވެސް، ރިސޯޓްތަކުން ޕޮޒިޓިވްވާ އަދަދު މިހާ ބޮޑުތަނުން ދަށްވެފައިވާއިރު، އެ މުވައްޒަފުންނަށް ލިބޭ އެއްވެސް ލުޔެއް ނެތުމަކީ، ބައެއްގެ އިހުމާލަށް ނުވެ ދާނެތޯއެވެ.

ޚިދުމަތުގެ އަގުވަޒަންކޮށް ލުއިތަކެއް ދޭންޖެހޭ

"އެންމެ ބޮޑަށް ވިސްނެނީ ބޭބީއާ ދޭތެރޭގަ. ބޭބީ އަށް ކޮށްދޭންޖެހޭ ކަމެއް ނުކޮށްދެވިދާނެތީ ދެރަ ވަނީ. ޢާއިލާ ރަށުގައި މިވަގުތު ތިބެފައި އަޅުގަނޑު ދުރުގައި ހުންނަން ޖެހޭތީ ވާނެ ގޮތެއް ނޭނގޭތީ ދެރަވަނީ. ވަރަށް މިސްވޭ ޢާއިލާ މަތިން،" ރިސޯޓް މުވައްޒަފަކު އަސަރާއިއެކު ބުންޏެވެ.

ޢާއިލާއާއި ދުރުގައި ޤައުމަށް ޚިދުމަތް ކުރުމުގައި ރިސޯޓުތަކުގެ މުވައްޒަފުން ބަންދުގައި އެ ހޭދަކުރާ ކޮންމެ ދުވަހަކީ އޭނާއާއި އޭނާގެ ލޯބިވާ އަނބިމީހާއާއި ދަރިފުޅަށް ނުހަނު ގިނަ އަނިޔާ ލިބޭނެ ކަމެކެވެ.

އެއް މަސްދުވަހު ޖިމަށް ނުދެވުމުން ނަފްސާނީގޮތުން ލިބޭ ގެއްލުން ބޮޑުކަމުން، އަވަހަށް ޖިމްތައް ހުޅުވަން ޖެހޭއިރު، ރިސޯޓް މުވައްޒަފުން ދިހަބާރަ މަސް ވަންދެން އަނބިދަރިން ކައިރިއަށް ނުދެވި ބަންދުވެފައި ތިބޭއިރު ކޮންމެވެސް ލުޔެއް އެފަރާތްތަކަށް ހޯދައިދިނުމަކީ ނުހަނު މުހިންމު ކަމެކެވެ.

48 ގަޑިއިރުނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއަކާއިއެކު ރަށަށްގޮސް އުޅެވޭނެ ގޮތް ހަމަޖެހުމަކީ މިއަދު އެމުވައްޒަފުންގެ އާދޭހެވެ. 

Advertisement

ކޮމެންޓް