ޑެންމާކް މެޗަށް ސާކާ އެއްކޮށް ފިޓު- ސައުތްގޭޓް

06 Jul 2021 | 12:31

ޔޫރޯ 2020 ގައި އިންގްލޭންޑުގެ އުއްމީދީ ކުޅުންތެރިޔާ ބުކަޔޯ ސާކާ ޑެންމާކް މެޗަށް ފިޓުވެފައިވާ ކަމަށް އެ ގައުމުގެ ކޯޗު ގެރެތް ސައުތްގޭޓް ބުނެފިއެވެ.

އާސެނަލަށް ކުޅެމުން އަންނަ އުމުރުން 19 އަހަރުގެ ސާކާ އަށް އަނިޔާވީ ކުއާޓާފައިނަލުގައި ޔޫކްރެއިން އާއި ދެކޮޅަށް ކުޅެ 4-0 އިން އިނގިރޭސީން މޮޅުވި މެޗުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިންނެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން އިނގިރޭސި ކޯޗު ސައުތްގޭޓް ބުނީ މިހާރު އެއްކޮށް ފިޓުވެފައިވާ ކަމަށާއި އޭނާއަކީ އެ ޓީމަށް މުހިއްމު ކުޅުންތެރިއެއް ކަމަށެވެ.

ގްރޫޕް ސްޓޭޖުގައި އިންގްލޭންޑް ކުޅޭ ފުރަތަމަ ދެ މެޗުގައި ސާކާގެ ބޭނުން ނުހިފި ނަމަވެސް ޗެކް ރިޕަބްލިކް އާއި ދެކޮޅަށް ކުޅުނު ގްރޫޕުގެ ފަހު މެޗުގައި އެންމެންގެ ސަމާަލުކަން ހުއްޓުނީ ސާކާ އެވެ.

ޗެކް ރިޕަބްލިކް އާއި ދެކޮޅަށް ކުޅުނު މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ސާކާ އެވެ. އެއާއެކު ޖަރުމަނާއި ދެކޮޅަށް ކުޅުނު ދެވަނަ ބުރުގެ މެޗުގައި ސާކާ ހިމަނާފައިވެއެވެ. އެ މެޗުގައިވެސް އޭނާގެ ހުނަރުވެރިކަން ވަރަށް ބޮޑަށް ފެނިގެންދިޔަ އެވެ.

ސާކާ ފާހަގަކުރެވެނީ އެހެން ކުޅުންތެރިންނާއި ހިލާފަށް މަސައްކަތު ރޭޓު ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި ހުނަރުގެ ގޮތުން ބަލާއިރުވެސް ތަފާތު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ޔޫރޯ 2020 ގެ ސެމީފައިނަލުގައި ޑެންމާކް އާއި އިންގްލޭންޑް ބައްދަލުކުރާ މެޗު ކުޅޭނީ މާދަމާ ރޭ 00:00 ގައެވެ.

Advertisement

ކޮމެންޓް

Advertisement