އައިހެވަންއަށް އިންޑިޔާއިން ޝައުގުވެރިކަން ފާޅުކުރި: ރައީސް ޔާމީން

03 Jan 2019 | 11:52

އިހަވަންދިއްޕޮޅުގައި ކުރިއަށް ގެންދިއުމަށް ކުރީ ސަރުކާރުން މަސައްކަތްކުރި އައިހެވަން ޓްރާންސްޝިޕްމެންޓް ބަނދަރަށް އިންޑިޔާގެ ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާާޅުކޮށްފައިވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ވޮއިސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާއަށް ކުރި ރަސްމީދަތުރެއްގެ ބިޒްނަސް ފޯރަމްއެއްގައި ވާހަކަދެއްކިއިރު ބައެއް ފަރާތްތަކުން އެ މަޝްރޫއުއަށް ޝައުގުވެރިކަން ފާޅުކުރިކަމަށެވެ. ނަމަވެސް ޝައުގުވެރިކަން ފާޅުކުރިކަމުގައިވިޔަސް ނުފުދޭކަމަށް ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.

"ޝައުގުވެރިކަން އޮތިއްޔާ ފައިސާ ހިފައިގެން އަންނަންވާނެ. ނޫނީ ފައިސާ ހުރިކަން ދައްކަންވާނެ. އެވަރު ނުކުރެވެންޏާ އެޔަކަށް މަޑުކޮށްގެން ނުތިބޭނެ"، އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ދައުރުގައި އެ މަޝްރޫއު އެއްވެސް ފަރާތަކާއި ހަވާލުނުކުރެވުނީ އެކަން އެއްކޮށް އެއްފަރާތަކާއި ހަވާލުކުރަން ބޭނުންނުވުމުން ކަމަށާއި ސަރުކާރުގެ ވިސްނުންހުރީ ވަކި ބައިތައް ވަކި ފަރާތްތަކަށް ދިނުން ކަމަށެވެ.

"އިންޓަގްރޭޓެޑް ޑެވެލޮޕްމަންޓް ޕްރޮޖެކްޓެއްއެއީ. އެހެންވީމަ އަޅުގަނޑުގެ ވިސްނުމަކަށްވީ އަދި ސަރުކާރުގެ ވަޒީރުންގެ ވިސްނުމަކަށްވީ މުޅި ޕްރޮޖެކްޓް އެއްބަޔަކަށް ނުދިނުމަށް. ޕްރޮޖެކްޓްގެ އެކިބައިތައް ބަހާލައިގެން އެކި މީހުނަށް އެކި ބައިބައި ދީގެން މިކަންކުރާނީއޭ. އެހެންވީމަ އެއީ، އައިހެވަންއާދޭތެރޭގަ އަޅުގަނޑުމެންގެތެރޭގައި އެހާ ބާރަށް ގެންދިޔުމުގަ ދަތިތަކެއްހުރީ. އެއީ އެއްހާސް ދެހާސް ތިންހާސް މިލިއަނެއްނޫން. އެއަށްވުރެން މާބޮޑު ބިޔަ ޕްރޮޖެކްޓެއް މުޅި ޕްރޮޖެކްޓަކީ"، ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އެ ޕްރޮޖެކްޓާއި މެދު ބޭރުގައުމުގެ ކަންބޮޑުވުން ހުރުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

Advertisement

ކޮމެންޓް

Advertisement