ރައީސް ނަޝީދަށް ދިން ހަމަލާއާއިގުޅޭ އިންކްއަރީ ރިޕޯޓް 241 ކޮމިޓީން ފާސްކޮށްފި

08 Jul 2021 | 02:02

ރައީސް ނަޝީދަށް ދިން ހަމަލާއާއިގުޅޭ އިންކްއަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ (241) ކޮމިޓީއިން ފާސްކޮށްފިއެވެ.

މަޖިލީހުގައި ތިއްބެވި އެކި ޕާޓީތަކަށް ނިސްބަތްވެ ވަޑައިންނަވާ މެންބަރުން ހިމެނޭ މި ކޮމިޓީއިން ކުރިއަށް ގެންދިޔަ އިންކްއަރީގެ ރިޕޯޓް ފާސްކުރުމަށް ނިންމާފައިވަނީ ކޮމެޓީގައި ހިމެނިވަޑައިންނަވާ 13 މެންބަރުންގެ އިއްތިފާގުންނެވެ.

މި ރިޕޯޓް ފާސްކުރުމަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއެވެ. އަދި އެ ހުށައެޅުއްވުމަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އެވެ.

މަޖިލީހުން ކުރިއަށްގެންދިޔަ އިންކްއަރީ މިހާ ކާމިޔާބުކަމާއި އެކު ނިންމާލެވުނީ ކޮމެޓީގެ ހުރިހާ މެމްބަރުންގެ އެއްބާރު ލެއްވުމާއި މުޤައްރިރުގެ މަސައްކަތުން ކަމަށް ނައިބު ރައީސް އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮމެޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ މި އިންކްއަރީ ކުރިއަށް ގެންދިއުމުގައި ތަޢުލީމީ ބޭފުޅުން ކޮމެޓީގައި ހިމެނި ވަޑައިންނެވުމަކީ ލިބުނު ކުރިއެރުމެއްކަމަށެވެ.އަދި އެކަން ރިޕޯޓުން ފެނިގެން ދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. ޚާއްސަކޮށް ކުރީގެ ޑިފެންސް މިނިސްޓަރާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ވެސް 241 ކޮމެޓީގައި ހިމެނި ވަޑައިންނަވާ ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

މެއި މަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ބޮމުގެ ހަމަލާއަށްފަހު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކްއަރީ އަށް ދައުލަތުގެ އެކި ވުޒާރާތަކުގެ ބޭފުޅުން ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

އަދި ސަލާމަތީ ބާރުތަކުގެ އިސްވެރިންނާއި އެކި ފަންތީގެ ބޭފުޅުންވެސް 241 ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް