މަގުމައްޗަށް "ފިސާރި މާރިޔާ" ދިފާއީ ވުޒާރާ ހިންގުމުގައި ސުމެއް!

10 Jul 2021 | 16:19

ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މެއި މަހުގެ 6 ވަނަ ދުވަހުގެރޭ ދިން ބޮމުގެ ހަމަލާއަށްފަހު ރައީސް ނަޝީދު އޭޑީކޭއަށް ގެންދެވުނު ފަހުން ދިފާއީ ވަޒީރު މާރިޔާ ދީދީ އޭޑީކޭ ހޮސްޕިޓަލަށް ވަޑައިންނެވުމާއި އެކު މުޅި ސަރަޙައްދުން އިވިގެން ދިޔައީ އެކަމަނާގެ އިސްތިއުފާއަށް ގޮވާ އަޑެވެ. މަޤާމަށް ކުފޫ ހަމަނުވާ ވާހަކަ އާއި، މަޤާމުގެ މަސްޢޫލިއްޔަތު އަދާނުކުރެވި ފެއިލްވެފައިވާ ވާހަކައެވެ. މިވާހަކަތައް ހަރު އަޑުން ގޮވީވެސް އެކަމަނާ ނިސްބަތްވެ ވަޑައިންނަވާ ޕާޓީ އެމްޑީޕީގެ އާންމު މެމްބަރުންނެވެ. އެމްޑީޕީގެ "މަންމަ" ގެ އިސްތިއުފާއަށް އެމްޑީޕީގެ އިޚުލާސްތެރި މެމްބަރުން ގޮވާލާނީ ވަރަށް ބޮޑެތި ސަބަބުތަކެއް ހުރެގެން ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

މެއި 6 ގެ ހަމަލާއިން އެކަނިވެސް މާރިޔާގެ އެތައް އިހުމާލެއް

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެރޭ ނޫސްވެރިން ކުރިމަތި ކުރުވި ސުވާލުތަކުގެ ޖަވާބުގައި މާރިޔާ ވިދާޅުވީ މަޖިލީހުން އެކަމާއި ގުޅޭ އިންކުއަރީއެއް ހަދަމުންދާކަމަށާއި އެއްޗެއް ދަންނަވަން އެނގޭނީ އިންކުއަރީއަށް ފަހުގައި ކަމަށެވެ. މިހާރު މި ވަނީ އެވިދާޅުވި އިންކުއަރީވެސް ހަދާ ނިމިފައެވެ. އަދިވެސް ދިފާއީ ވަޒީރު އެއްޗެއް ވިދާޅެއް ނުވެއެވެ. އެކަމަނާ ވިދާޅުވާން އެންމެ އައުލާކަންބޮޑު ވާހަކަ އަކީ މަޤާމުގެ މަސްޢޫލިއްޔަތު އަދާ ނުކުރެވުމުގެ ސަބަބުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާ ވާހަކަ ކަން އިންކުއަރީ ރިޕޯޓުން ވަނީ ހާމަވެގެން ގޮސްފައެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާއަށް ފަހު މަޖިލީހުގެ 241 ކޮމިޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީ އިން ހަދާފައިވާ ރިޕޯޓުގައި މާރިޔާއާއި ހަވާލާދީ ބުނެފައިވަނީ،ހަމަލާގެ މަޢުލޫމާތު ދުރާލާ މާރިޔާ އަށް އެނގިފައި ވާކަމަށާއި، އެ މައުލޫމާތު އެއްވެސް ފަރާތަކާއި ހިއްސާ ނުކުރެއްވީ، ޓެރަރިޒަމް މަނާކުރާ ޤާނޫނުގެ ގައި ބަޔާން ކޮށްފައިވާ ގޮތުން، އެފަދަ މައުލޫމާތެއް ލިބިއްޖެނަމަ އަންގަން ޖެހެނީ ފުލުހުންނަށް ކަމަށާއި އެހެން ކަމުން އެ މައުލޫމާތު އިލްޔާސް ލަބީބް، މާރިޔާ އާއި ހިއްސާ ކުރުމަކީ ޤާނޫނު ދަންނަ ކަމެއް ނޫން ކަމަށް ވާތީކަމަށެވެ. އަދި އިލްޔާސް ލަބީބް ދެއްވީ މަޢުލޫމާތެއް ނޫންކަމަށާއި އެއީ ފޯނު ކޯލެއް ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން އެކަން އެހެން ފަރާތަކާއި ލާޒިމް ކުރުމަކީ ޤާނޫނު ދަންނަ ކަމެއް ނޫން ކަމަށްވެސް މާރިޔާ ވިދާޅުވެފައިވެއެވެ.

މިއީ ދިފާޢީ ވަޒީރަކު މިފަދަ ޚައްސާސް މައްސަލަ އެއްގައި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގެ އިންކުއަރީ އަށް ވިދާޅުވާން ކޮންފަދަ ޒިންމާދާރުކުޑަ ވާހަކައެއްތޯއެވެ.

ރައީސް ނަޝީދަށް ހަމަލާއެއް ދިނުމަށް ރާވަމުން ދާކަމުގެ މައުލޫމާތު ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ މާރިޔާދީދީއަށް ފޯނުން ގުޅުއްވާ ހިއްސާކުރައްވާފައެވެ. އެހެންނަމަވެސް އެކަމަށް މާބޮޑު ފަރުވާލެއް ނުބެހެއްޓެވިއެވެ.

އެކަމާ އަޅާނުލެއްވި ސަބަބުގެ ގޮތުގައި އިންކުއަރީ ރިޕޯޓުން ފާހަގަވި ޕޮއިންޓަށް ބަލާއިރު މާރިޔާ ވިދާޅުވެފައިވަނީ ހަމަލާގެ މައުލޫމާތު ލިބުނުއިރު ރައީސް ނަޝީދުގެ ތްރެޓް ލެވެލް ވަނީ ކްރިޓިކަލްއަށް ބަދަލުކޮށްފައި ކަމުން ދެން އިތުރަށް އެ މައުލޫމާތު ޑިފެންސް އިންޓެލިޖެންސް ސާވިސް އާއި ހިއްސާ ކުރި ނަމަވެސް، އެއަށްވުރެ ތްރެޓް ލެވެލް މަތި ކުރެވެން ނެތްކަމަށެވެ.

އެހެންނަމަވެސް 241 ކޮމިޓީ އިން ފާހަގަކޮށްފައިވާ ގޮތުގައި، މާރިޔާ އެހެން ވިދާޅުވި ނަމަވެސް، ޓެރަރިޒަމް މަނާކުރާ ޤާނޫނުގައި ބުނެފައިވާ ގޮތުން އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިންޓެލިޖެންސް އިދާރާތަކުގެ އިތުރުން ދައުލަތުގެ އެއްވެސް އިދާރާއެއްގެ މަސައްކަތުގެ ދާއިރާއިން ޓެރަރިޒަމާއި ގުޅޭ މުހިންމު މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެ މައުލޫމާތު ޤާނޫނުގައި ބަޔާންކުރާ އިންޓެލިޖެންސް އިދާރާތަކުގެ ތެރެއިން އެ މައުލޫމާތާއި ގުޅުން ހުރި އިންޓެލިޖެންސް އިދާރާއަކާއި ހިއްސާ ކުރަންޖެހޭނެއެވެ.

އެހެން ކަމުން ދިފާއީ ވަޒީރު ގެ މަޤާމުގައި ހުންނެވި މާރިޔާ ދީދީ އަށް އެފަދަ މައުލޫމާތެއް ލިބި، ކަމާއިބެހޭ އެހެނިހެން ފަރާތްތަކާއި ހިއްސާ ނުކުރެއްވުމުން އެކަމަނާ އެވަނީ ޓެރަރިޒަމްގެ ޤާނޫނާއި ވެސް ޚިލާފުވެފައެވެ.

241 ކޮމެޓީގައި މާރިޔާ ދެއްކެވި ވާހަކަތައް ދިމައެއްނުވޭ

މި ރިޕޯޓުން ފާހަގަވެގެން ދިޔަ އަނެއް ކަމަކީ ނީލޯފަރު ހިނގުމުގައިހުރި ސައިކަލްޒޯން ނެގުމާއި ގުޅޭގޮތުން މާރިޔާ އާއި، މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރ ޝިފާ މުޙައްމަދުގެ ވާހަކަ ދިމާނުވާކަމެވެ. ހަމަލާއާއި ގުޅިގެން ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ތައްޔާރުކުރި އިންކުއަރީ ރިޕޯޓްގައި ބުނެފައިވަނީ އެ ސައިކަލުތައް ނަގައިދިނުމަށް އެދި މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ، ކުރީގެ މޭޔަރ ޝިފާ މުޙައްމަދުގެ އަރިހުގައި ފޯނުން ގުޅުއްވާ ދެންނެވި ކަމަށް އިންކުއަރީ އަށް މަޢުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވި ނަމަވެސް، މާރިޔާ ގުޅުއްވާފައި ނުވާ ކަމަށާއި އަދި މާރިޔާ އާއި ފޯނުން ވާހަކަ ނުދައްކަވާކަމަށް ޝިފާ މުޙައްމަދު ވިދާޅުވެފައިވާ ކަމަށެވެ.

މިކަމުގައިވެސް މިއޮތީ ދިފާއީ ވަޒީރު އިތުރުފުޅު ހައްދަވާފަކަން ކޮމެޓީއަށް ވެސް ސާފުކޮން އެބަ އެނގެއެވެ.

ސުވާލަކީ މި ބޮޑު ފެއިލްވުމުންވެސް މާރިޔާއަށް ހަމަ އެކަމަނާގެ އެއްވެސް މައްސަލައެއް ފެނިވަޑައި ނުގަންނަވަނީތޯއެވެ. ނުވަތަ މަޤާމަށް ފެންބޮވައިގެންފައި ހުންނެވިވަރުން ކުށް ޤަބޫލުކުރައްވަން ބޭނުންފުޅު ނުވަނީތޯއެވެ.

މިއަދު މި ފެންނަނީ ވަޒީރެއްގެ ނާޤާބިލްކަން އޭގެ އެންމެ މަތީ ދަރަޖައަށް ފެނިގެން ދިޔައިރުވެސް ސަރުކާރު ހިމޭނުން އޮތްތަނެވެ. ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވެސް ބަހަކުން ކުރެ ބަހެއް މިކަމުގައި ވިދާޅުވެފައެއްނުވެއެވެ. ރައްޔިތުން ގެ އިތުބާރު ގެއްލި، ރައީސް ނަޝީދުގެ އާއިލާގެ އިތުބާރު ގެއްލި، މަޖިލީހުގެ މެޖޯރިޓީ އަދި އެކަމަނާ އެޕާޓީއަކަށް ނިސްބަތްވެ ވަޑައިންނަވާ އެމްޑީޕީގެ މެޖޯރިޓީގެ އިތުބާރެއްވެސް މިއަދު ދިފާއީ ވަޒީރު މާރިޔާ ދީދީ އަކަށްނެތެވެ. އެހެން ނަމަވެސް މީގެން ހަމަ އެއްވެސް ކަމަކާއި ފަރުވާލެއް ނެތި އަދިވެސް އެކަމަނާ އެ އިންނެވީ ވަޒީރުކަމުގެ ކޮނޑިކޮޅުގައެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގައިވެސް މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރެވުމުން ޝަރަފުވެރި ކަމާއިއެކު ވަޒީރުން އިސްތިއުފާ ދީފައި އެބަހުއްޓެވެ. އެހެންނަމަވެސް މި ރާއްޖޭގައި ވެރިޔަކު ނާޤާބިލް ވެގެން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަކީ ވަރަށް ނުވާކަމެކެވެ. އިސްތިއުފާ ދެއްވާނެ ނަމަ މި އިންކުއަރީ ރިޕޯޓު ހާމަ ވުމާއި އެކު ދިފާއީ ވަޒީރު ކަމުން މާރިޔާ އިސްތިއުފާ ދެއްވީހެވެ. 

Advertisement

ކޮމެންޓް

Advertisement