ސިޔާސީ ފިކުރު އެއްކިބާކޮށް ރައްޔިތުންގެ އަޑު އައްސަވާ: ޑރ. މުޢިއްޒު

11 Jul 2021 | 18:14

ސިޔާސީ ފިކުރު އެއްކިބާކޮށް ރައްޔިތުންގެ އަޑު އެއްސެވުމަށް އެޗްޑީސީ އަދި ސަރުކާރަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާ ޔޫނިއަނުން ކުރަމުންދާ އާދޭސްތަކަށް ސަރުކާރާއި އެޗްޑީސީ އިން އިޖާބަ ދެއްވުމަކީ ރައްޔިތުންގެ ޙައްޤުގައި ކޮށްދެއްވަން ވާނެ ކަމެއް ކަމަށެވެ.

އަދި ސިޔާސީ ފިކުރު އެއްކިބާކޮށް ރައްޔިތުންގެ އަޑު އެއްސެވުމަށް އެދޭ ކަމަށްވެސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މުޢިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ ކުރީ ސަރުކާރުން ފެއްޓެވި ހިޔާ މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތްތަކުން ކުރަމުންދާ ޝަކުވާތަކާއި ގުޅިގެންނެވެ.

އެގޮތުން މިސަރުކާރަށް 3 އަހަރު ވީއިރުވެސް ފުލެޓުތަކުގެ ފިނިޝިންގް ނުނިންމާ ހަވާލުކުރުމާއި އަދި މަސައްކަތް ނިންމުމަށް ސަރުކާރުން ދީފައިވާ މުއްދަތު ކުރުވެގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ކުރީ ސަރުކާރުން ހިޔާ ފުލެޓުތަކުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 5600 ރުފިޔާގެ ކުއްޔެއްގައި މެއިންޓަނަންސް ފީ އެއްގެގޮތުގައި 1،000 ރުފިޔާ ދައްކާ ގޮތަށް، ޖުމުލަ މަހެއްގެ މައްޗަށް 6،600 ރުފިޔާއަށް ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިރު ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

އެހެން ނަމަވެސް މިސަރުކާރުން ފުލެޓުތަކުގެ ކުލި މެއިންޓަނަންސް ފީ އާއިއެކު ވަނީ 8500 ރުފިޔާއަށް ބޮޑު ކޮށްފައެވެ.

ހިޔާ ފުލެޓުތަކުގެ އަގު މިސަރުކާރުން ބޮޑުކުރުމުން ޑރ. މުޢިއްޒު ވިދާޅުވީ ހިޔާ ފުލެޓުތަކުގެ އަގު ބޮޑުކުރުމަކީ ރައްޔިތުންނަށްދެވޭ ނިކަމެތިކަމެއްކަމަށާއި 5600 ރުފިޔާއަށް ހިޔާ ފުލެޓުތައް ދީގެން އެޗްޑީސީއަށް އެއްވެސް ގެއްލުމެއް ނުވާނެކަމަށެވެ.

Advertisement

ކޮމެންޓް