މިފަހަރުގެ ޔޫރޯގެ ތަށި ދާނީ ހޯމްއަށްތަ ނުވަތަ ރޯމްއަށްތަ؟

12 Jul 2021 | 00:20

ޔޫރަޕްގެ ޤައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތްކަމަށްވާ ޔުއެފާ ޔޫރޯޕިއަން ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯގެ މިއަހަރުގެ މުބާރާތުގެ ފައިނަލަށް މިވަނީ ވަގުތު ކުޑަތަންވެފައެވެ. މި މުބާރާތަކީ ޙަޤީޤތުގައި މިދިޔަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތަކަށްވުމުން، މިއަހަރުގެ މުބާރާތަށްވެސް ދެވިފައިވާ ނަމަކީ "ޔޫރޯ 2020"އެވެ. މުބާރާތުގެ ކުޅުން ފަސްވެގެންދިޔައީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުންނެވެ.

މިދިޔަ ޖޫންމަހުގެ 11ވަނަ ދުވަހުން ފެށިގެން މި މުބާރާތުގެ ކުޅުން ޔޫރަޕްގެ އެކި ޤައުމުތަކުގެ ސްޓޭޑިއަމްތަކުގައި ދިޔައީ ކުޅެވެމުންނެވެ. އެތަކެއް ފޯރިގަދަ މެޗުތަކަކަށްފަހު، މުބާރާތުގެ ފައިނަލާއި ހިސާބަށް މިވަނީ ވާސިލުވެފައެވެ. ރާއްޖޭގެ ގަޑިން މިރޭ 00:00 ގައި ކިކްއޮފް ކުރާ މި މުބާރާތުގެ ފައިނަލްގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ޔޫރަޕުގެ ފުޓްބޯޅައިގެ ގަދަފަދަ ދެ ބާރެވެ. އިންގްލޭންޑް އަދި އިޓަލީއެވެ.

އިންގްލޭންޑްގެ ލަންޑަންގެ މަޝްހޫރު ވެންބްލީ ސްޓޭޑިއަމްގައި ކުޅޭ މި ފޯރިގަދަ ފައިނަލް މެޗަށް، އިނގިރޭސީންނާއި އިޓަލީން ދަތުރުކޮށްފައި މިވަނީ ވާދަވެރި މެޗުތަކަކަށް ފަހުގައެވެ. އެގޮތުން އިޓަލީން ފައިނަލާއި ހިސާބަށް ވާސިލުވެފައިވަނީ، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އެ ޓީމުން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ ސެމީ ފައިނަލްގައި، ޔޫރަޕުގެ ފުޓްބޯޅައިގެ ގަދަބާރެއްކަމަށްވާ ސްޕެއިނާއި ވާދަކޮށް ޕެނަލްޓީން ކުރި ހޯދައިގެންނެވެ. އެއީ 4-2ގެ ނަތީޖާއަކުންނެވެ.

މިރޭގެ ފައިނަލަށް އިނގިރޭސިވިލާތުން ދަތުރުކޮށްފައިވަނީވެސް ތަފާތު ދަތުރަކަށް ފަހުގައެވެ. އެގޮތުން އެ ޓީމުން ސެމީ ފައިނަލްގައި ޑެންމާކާއި ދެކޮޅަށް ވާދަކޮށް 2-1އިން މޮޅުވި މެޗަކީ މި ފަހުގެ ތާރީޚެއްގައި ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ "ކޮންޓްރޮވާޝަލް" އެއް މެޗޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ޔޫރޯ 2020ގެ ފައިނަލަށް ވަގުތު ކުޑަތަންވެފައިވާއިރު، މުޅި މީސް މީޑިއާގައި ވަނީ ދެ ޓީމުގެ ސަޕޯޓަރުންގެ ހަމަލާ ބަދަލުކުރުންތައް ވަރުގަދަކޮށްލާފައެވެ. މުބާރާތުގެ ތަށި އަންނާނީ ފުޓްބޯޅައިގެ "ގެ"ކަމަށްވާ އިނގިރޭސިވިލާތަށްކަމަށްބުނެ، އިނގިރޭސީންގެ މަޝްހޫރު ޝިއާރުކަމަށްވާ "އިޓްސް ކަމިންގ ހޯމް" އަދި "ފުޓްބޯލްސް ކަމިންގ ހޯމް"އިން އެ ޓީމުގެ ސަޕޯޓަރުން ދައްކާ ވާހަކަތަކަށް އިޓަލީގެ ސަޕޯޓަރުން ސަމާސާ ރާގުގައި ބުނަމުންދަނީ "އިޓްސް ކަމިންގ ރޯމް" ކަމަށެވެ. މާނައަކީ ޔޫރޯ 2020ގެ ތަށި ނަގާނީ އިޓަލީންކަމަށެވެ.

އެހެނަސް އެކަން ކަށަވަރުވާނީ މިރޭގެ ފޯރިގަދަ ކުރިމަތިލުމުންނެވެ. ޔޫރޯގެ ތަށި ގެންދާނީ ހޯމްއަށްތޯ ނުވަތަ ރޯމްއަށްތޯ އެނގެން އެތައް މިލިޔަން ބަޔަކު ތިބީ ކެތްމަދުވެފައެވެ!

Advertisement

ކޮމެންޓް