ޔޫރޯގެ ތަށި އިޓަލީއަށް، އިންގްލޭންޑް ކުޅުންތެރިން ގެއަށް

12 Jul 2021 | 03:52

ޔޫރޯ 2020 ގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިންގްލޭންޑް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އިޓަލީ ހޯދައިފިއެވެ.

އިންގްލޭންޑްގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ 1-1 އިން އެއްވަރުވުމުން އިތުރުވަގުތުގެ ދެ ހާފުގައިވެސް ނަތީޖާ ނުނެރެވުމުން ދެން ޖެހީ ޕެނަލްޓީއެވެ.

ޕެނަލްޓީގައި އިޓަލީ ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. މިއީ އިޓަލީއަށް ބޮޑު ކާމިޔާބެކެވެ. އެ ޓީމަށް އެންމެފަހުން ޔޫރޯ ކާމިޔާބުކުރެވުނީ 1968 ގައެެވެ.

މެޗު ވަރުގަދަކޮށް ފެށީ އިންގްލޭންޑެވެ. ރަނގަޅު ރޫހެއްގައި ފެށި އިންގްލޭންޑް ޓީމުން ވަރަށް ކުރީކޮޅު ލީޑު ނެގިއެވެ. ޓްރިޕިއާ ހުރަސްކޮށްލި ބޯޅައަކުން މެޗުގެ ދެވަނަ މިނެޓުގައި މި ގޯލު އިންގްލޭންޑަށް ކާމިޔާބުކޮށްދިނީ ލޫކް ޝޯ އެވެ. ޝޯ މި ލަނޑު ޖެހިއިރު ކައިރީގައި އިދިކޮޅު އެއްވެސް ކުޅުންތެރިއެއް ނެތެވެ.

ފުރަތަމަ ހާފުގައި މުޅިން ހެން ފެނުނީ އިންގްލޭންޑް ވަރުގަދަކޮށް ކުޅުނު ތަނެވެ. ނަމަވެސް ފަހަރަކަށް ފަހު ފަހަރެއް އިޓަލީ ދިޔައީ ވަރުގަދަކުރަމުންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުނީ އިންގްލޭންޑް ކުރީގައި އޮވެގެންނެވެ.

އިޓަލީން ނަތީޖާ ހަމަހަމަކުރީ މެޗުގެ 67 ވަނަ މިނެޓްގައެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ ޑިފެންޑަރު ލިއަނާޑޯ ބޮނޫޗީ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވުމުން ދެން ކުޅުނީ 15 މިނެޓުގެ ދެ ހާފެވެ. މި ދެ ހާފުގަައި ވެސް ދެޓީމުން ކުރެ ޓީމަކަށް ކުރި ނުހޯދުނެވެ. އެއާއެކު ދެން ޖެހީ ޕެނަލްޓީއެވެ. ޕެނަލްޓީގައި ފެނިގެންދިޔައީ މުބާރާތުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު އިޓަލީގެ ކީޕަރު ޑޮނަރުއްމާގެ ހުށިޔާރުކަމެވެ.

Advertisement

ކޮމެންޓް

Advertisement