ޕްރައިމަރީއެއް ނެތި ރައީސަށް ދެވަނަ ދައުރެއްގެ ޓިކެޓް ލިބެންޖެހޭ: ސަނީފް

13 Jul 2021 | 05:17

ޕްރައިމަރީއަކާއި ނުލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއްގެ ޓިކެޓް ލިބެންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު  ސަނީފް ވިދާޅުވެއްޖެއެވެ.

ދާދިފަހުން "އާސްކް ސްޕީކަރ" ގެ ނަމުގައި ކުރިޔަށް ގެންދިޔަ ޝޯއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ، 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބެއް އޮންނަނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ނަޝީދު ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ވާހަކަފުޅު ދައްކާވާފައިވަނިކޮށް "އަވަސް" އިން ގެނެސްދިން "ފަށަމާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސަނީފު ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުންތަކަށް އަބަދުވެސް އިހުތިރާމު ކުރަންޖެހޭ ކަމަށެވެ. އެ މަޖިލީހުގެ ނިންމުންތަކަކީ ވަކި ބޭފުޅަކަށް ހާއްސަ ނިންމުންތަކަކަށް ހަދައިގެން ވެސް ނުވާނެ ކަމަށެވެ.

ސަނީފް ވިދާޅުވީ، އެމްޑީޕީގެ ގަވާއިދު ބުނާ ގޮތުންނަމަ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ލިބެން ޖެހޭނެއެވެ. އަދި އެއިރެއްގައި ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެއްޖެއްޔާ ރައީސުލްޖުމްހޫރިއްޔާއަކީ އެންމެ އިސް ފަރާތް ކަމަށާއި، އޭގެ މާނައަކީ މި ވަގުތުގައި އެމްޑީޕީގެ އެންމެ އިސް ބޭފުޅަކީ ރައީސް ޞާލިޙްކަމަށް ސަނީފް ވިދާޅުވިއެވެ.

އަދި އެއީ އެމްޑީޕީ ޤައުމީ މަޖިލީހުން ނިންމި ނިންމުމެއް ކަމަށާއި އެހެންވީމަ ޕްރައިމަރީއަކާއި ނުލައި ރައީސަށް ޓިކެޓް ލިބިވަޑައިގަންނަވަން ޖެހޭކަމަށް ސަނީފްވަނީ ވިދާޅުވެފައެވެ.

އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، 2023 ގައި ރިޔާސީ އިންތިޚާބެއް އޮވެއްޖެނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ނަޝީދު ކަމަށާއި ނަމަވެސް ބަރުލަމާނީ ނިޒާމަކަށް ނިޒާމު ބަދަލު ކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި، ނިޒާމު ބަދަލު ކުރެއްވިއްޖެނަމަ، ބޮޑުވަޒީރަކަށް ވާން އެދޭނެކަމަށެވެ.

Advertisement

ކޮމެންޓް