ޙަސަން ލަތީފުވެސް ރާގު ބަދަލު ކުރައްވައިފި؟

14 Jul 2021 | 20:13

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް އިތުރު ކޯލިޝަނެއް ބޭނުންވާކަމަށް ވިދާޅުވެ، ރައީސް ޔާމީން އަދި ޕީޕީއެމްއާއިއެކު މަސައްކަތް ކުރަން ބޭނުންވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހާމަ ކުރެއްވުމާއި ގުޅިގެން ގިނަ ބަޔަކަށް މިވަނީ ސިހުމެއް ލިބިފައެވެ.

ރައީސް ނަޝީދުގެ މި ވިސްނުންފުޅު ހާމަ ކުރެއްވުމާއި ގުޅިގެން އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި މެންބަރުންނާއި އާންމު މެންބަރުން ދެ ބައިވެފައިވަނިކޮށް، އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފު މިވަނީ ޕީޕީއެމްއާއި މެދު ކުރިން ދައްކަވާ ވާހަކައާއި ތަފާތު ރާގަކަށް ވާހަކަ ބަދަލު ކުރައްވާފައެވެ.

ޙަސަން ލަތީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގައި އުންމީދުތަކަކާއި އުސޫލުތަކެއް ވާކަމަށާއި، ބޭނުންވަނީ ކާބަފައިން އުޅުނު ރީތި އިސްލާމް ދީނުގައި ތިބެން ކަމަށެވެ.

އަދި އެއީ، ރާއްޖެ އަފްޣާނިސްތާނަކަށް ނުވެ ސަލާމަތްވާން އޮތް މަގު ކަމަށާއި، އެމްޑީޕީއާއި ޕީޕީއެމްގައިވެސް ކޮރަޕްޝަނާއި ވައްކަމާއި ހަރުކަށި ފިކުރު "އޯކޭ" ނޫން އެތައް މެންބަރުންނެއް އެބަތިބި ކަމަށްވެސް ޙަސަން ވަނީ ވިދާޅުވެފައެވެ.

އާންމު ގޮތެއްގައި ޕީޕީއެމަށް ފާޑުވިދާޅުވާ ބޭފުޅަކު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާތީ، ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

ރައީސް ނަޝީދު އިއްޔެ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ހަމައެކަނި ވިސްނުމަކީ ދިވެހިރާއްޖެ ސަލާމަތްކުރުން ކަމަށާއި އެމްޑީޕީއަށް އާ އިއްތިހާދެއް ބޭނުންވާކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އަދި އެއީ އިންޑިއާ އައުޓް ނުގޮވާ ނަފުރަތުގެ ބިލަށް ތާއީދުކުރާ މިއުޒިކް ހަރާމް ނުކުރާ އިއްތިހާދެއް ކަމަށްވެސް ވިދާޅުވިއެވެ.

އެ އިއްތިހާދަކީ ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަނުކުރާ އިއްތިހާދަކަށް ވާންޖެހޭނެ ކަމަށްވެސް ރައީސް ނަޝީދުގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމް އާއި އެމްޑީޕީގެ ގިނަ މީހުން ތިބޭނީ އެގޮތަށް ކަމަށް ދެކެވަޑައިންނަވާކަމަށާއި، އަދި ރާއްޖެ އަފްޣާނިސްތާނުގެ ޙާލަތަށް ދާން ގިނަދިވެހީން ބޭނުމެއްނުވާނެ ކަމަށެވެ.

ފޮޓޯ: އަވަސް

Advertisement

ކޮމެންޓް

Advertisement