ޕާކިން ޖޫރިމަނާކުރަންވާނީ ޕާކްކުރާނެ ޖާގަ ދައްކާފައި: ޑރ.މުއިއްޒު

17 Jul 2021 | 06:42

ޕާކިން އާއި ގުޅިގެން ޖޫރިމަނާކުރަންވާނީ އެކަށީގެންވާވަރަށް ޕާކްކުރާނެ ޖާގަ ދައްކާފައި ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭގައި އެއްގަމު އުޅަނދުތަކަށް ޕާކިން ހަމަޖެއްސުމަށް މަސައްކަތްތަކެއް ފަށާފައެވެ.

މި މަސައްކަތާއި ގުޅިގެން މުއިއްޒުގެ ޓްވީޓްގައި ވިދާޅުވީ ސިޓީކައުންސިލުން މާލޭގެ ޕާކިން އަށް ފަށާފައިވާ މަސައްކަތުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއި އެއްކޮށް ނަތީޖާ ނެރުމުގެ ފުރުސަތު ދެވެންވާނެކަމަށް ދެކިވަޑައިންނަވާކަމަށެވެ.

އަދި ޕާކިންއާއި ގުޅިގެން ޖޫރިމަނަ ކުރެވެންވާނީ އެކަށީގެންވާ ވަރަށް ޕާކުކުރާނެ ޖާގަ ފަހިކޮށްދިނުމަށްފަހު ކަމުގައި ދެކިވަޑައިންނަވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ވެހިކަލް އެތެރެކުރެވޭ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކައި ބޭނުންވާ މައުލޫމާތުތައް ފޮނުވައިދިނުމަށްއެދި ޓްރާންސްޕޯޓް މިނިސްޓްރީގައި އެދިފައި ވާނެކަމަށްވެސް މުއިއްޒުވިދާޅުވިއެވެ. އެހެންނަވެސް އެ މައުލޫމާތު އަދި ލިބިފައި ނުވާކަމަށާއި ލިބުނުހާ އަވަހަކަށް މާލެ ސިޓީ އަށް ވެހިކަލް އެތެރެ ކުރެވޭވަރާއި، ވެހިކަލްތަކުގެ އުމުރު ކަނޑައެޅޭނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މާލޭގައި ޕާކުކުރާނެ ޖާގަ އެކަށީގެންވާވަރަށް ނެތި ޖޫރިމަނާ ކުރަމުންދާތީ ގިނަބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

ރައީސް ސޯލިހު 2018 ގެ ރިޔާސީ އިންތިޚާބުގައި ވެލެއްވި އެންމެބޮޑު އެއް ވައުދަކީ ޕާކިންގެ މައްސަލަ ހައްލުނުކޮށް އާމްދަނީ ހޯދުމަށް ޖޫރިމަނާ ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް މިއަހަރުގެ ފުރަތަމަ 6 މަހު އެކަނިވެސް އެކިއެކި ޖޫރިމަނާތަކުން ޖުމްލަ 123 މިލިއަން ރުފިޔާގެ އާމްދަނީއެއް މިސަރުކާރުން ވަނީ ހޯދާފައެވެ.

Advertisement

ކޮމެންޓް

Advertisement