Advertisement

ޗައިނާއިން ރާއްޖެއަށް އިތުރު ކޮވިޑް ވެކްސިން ހަދިޔާކުރަނީ

16 Jul 2021 | 21:33

ކައިރި މުސްތަގްބަލެއްގެ ތެރޭގައި ޗައިނާއިން ދިވެހިރާއްޖެއަށް އިތުރު ކޮވިޑް-19 ވެކްސިން ހަދިޔާކުރުމަށް ނިންމާފައިވާކަމަށް އެގައުމުގެ ރައީސް ޝީ ޖިންޕިންގ ހާމަކުރައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި މިއަދު މެންދުރުފަހު ފޯނުން ގުޅުއްވައި ވާހަކަދައްކަވަމުންނެވެ.

މިއަދު މެންދުރު ކުރެއްވެވި މި ފޯނުކޯލުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީ.ޕީ.ސީ) އަށް މި ޖުލައި މަހުގެ ފުރަތަމަ ދުވަހު 100 އަހަރު ފުރުމާއި ގުޅިގެން އެކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސީ.ޕީ.ސީއަކީ ހަމަހަމަކަމަށް ގޮވާލާ، ކާމިޔާބު އަދި ބައިނަލްއަޤުވާމީ ގޮތުން އޮންނަ ގުޅުން ވަރުގަދަވެފައިވާ ޕާޓިއަކަށް ވެފައިވަނީ ޝީ ޖިންޕިންގ ހަރުދަނާ ހިންގުންތެރިކަމުގެ ދަށުންކަމުގައި ވިދާޅުވެފައެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅޭގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ޗައިނާއިން މުޅި ދުނިޔެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ހަމަ އެއާއެކު އެމަނިކުފާނު ވަނީ ދިވެހިރާއްޖެއަށްވެސް މިދިޔަ މާރިޗު މަހު 200،000 ޑޯޒް ސިނޯފާމް ވެކްސިން ޗައިނާއިން ހަދިޔާ ކުރައްވާފައިވާތީ އެކަމަށްޓަކައި ޗައިނާގެ ރައީސްއަށާއި، އެޤައުމުގެ ސަރުކާރަށް އިޚުލާސްތެރިކަމާއެކު ޝުކުރުއަދާކުރައްވާފައެވެ.

މި ފޯނުކޯލުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޗައިނާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ ކުރިއަށް އޮތް އަހަރު 50 އަހަރު ފުރޭއިރު، މިހާތަނަށް ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ އަދި ހިންގާފައިވާ ބައެއް މަޝްރޫޢުތައް ފާހަގަކުރައްވައި، ކުރިމަގުގައިވެސް ޗައިނާގެ އެހީތެރިކަން އެގޮތުގައި ލިބެމުންދާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްހުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެެމަނިކުފާނު ވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރާއިއެކު މަސައްކަތްކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި އާ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ޗައިނާ އާއި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

މި ފޯންކޯލުގައި ޗައިނާގެ ރައީސްވެސް ވަނީ ދެ ޤައުމުގެ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ޗައިނާގެ ރައީސްވަނީ ދެޤައުމުގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ޗައިނާގެ ރައީސްގެ ވާހަކަފުޅުގައި ކައިރި މުސްތަޤްބަލެއްގައި ޗައިނާއިން ރާއްޖެއަށް އިތުރު ވެކްސިން ހަދިޔާކުރުމަށް ނިންމަވާފައިވާކަން ފާހަގަކުރެއްވެވިއެވެ. އަދި، މީގެ އިތުރުންވެސް ޗައިނާއިން ރާއްޖެއަށް އެހީވެވެން ހުރި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމަވާފައިވާކަން އުފަލާއެކު ފާހަގަކުރެއްވެވިއެވެ. އެގޮތުން ޑެޕްޓް ސަރވިސް ސަސްޕެންޝަން އިނީޝިއޭޓިވް (ޑީ.އެސް.އެސް.އައި) އަށް އެހީ ތެރިވެދިނުމަށް ނިންމަވާފައިވާކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއަށް ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް އެހީއަކަށް ވެގެންދިއުމަށްވެސް އުންމީދުކުރައްވާކަމުގައިވެސް ޗައިނާގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ރާއްޖެއާއެކު ކުޅިވަރުގެ ދާއިރާއިން ތަމްރީނުވާ މީހުން އިތުރުކުރުމަށާއި، ޗައިނާ ފަތުރުވެރިން ރާއްޖެއަށް ފޮނުވުމަށް ޗައިނާގެ ރައީސްވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ރައީސަކަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ހޮވިވަޑައިގަތުމުން ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ފޯނުކޯލު ނިންމަވާލައްވަމުން ދެ ޤައުމުގެ އިސް ވެރިންވެސް ވަނީ އެއްބޭފުޅަކު އަނެއްބޭފުޅަކަށް ކާމިޔާބަށް އެދިވަޑައިގަންނަވާކަމަށް ފާހަގަކުރައްވާ ދެ ޤައުމުގެ މެދުގައިވާ ގުޅުންތައް ހަރުދަނާ މިސްރާބަކަށް ގެންދެވުމުގެ އަޒުމް އާކުރައްވާފައެވެ.

Advertisement

ކޮމެންޓް