ADS BY PIZZA KITCHEN

މާލެ ސިޓީ ކައުންސިލްގެ ޤާނޫނީ ޒިންމާ އަދާކުރަން ފުރުސަތެއް ނުލިބޭ: މުޢިއްޒު

- 1 week ago 0 - ހަނާން ހުސައިން

މިއަދާއި ހަމަޔަށްވެސް މާލެ ސިޓީ ކައުންސިލްގެ ޤާނޫނީ ޒިންމާ އަދާކުރަން ފުރުސަތެއް ނުލިބޭ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ADS BY VOICE

މުއިއްޒު މިފަދައިން ވިދާޅުވީ ‎ދިވެހިޗެނަލަށް ދެއްވި އިންޓަވިއުއެއްގައެވެ. މުއިއްޒު ވިދާޅުވީ މިއަދާއި ހަމަޔަށް އައިއިރުވެސް މާލެ ސިޓީ ކައުންސިލްގެ ޤާނޫނީ ޒިންމާ އަދާކުރަން ފުރުސަތު ލިބިފައިނުވާކަމަށާއި

‎އެހެންނަމަވެސް ރައްޔިތުންގެ ހައްޤުގައި ކުރަންޖެހޭކަންކަން ކުރާނެކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެއާއިއެކު މާލެ ސިޓީ ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް މާލެ ސިޓީގެ މެންޑޭޓްގެ ތެރެއަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މުއިއްޒުގެ ވާހަކައިގައި ވިދާޅުވިއެވެ.

"މިއަދާހަމަޔަށް އައިރުގައިވެސް މާލެ ސިޓީ ކައުންސިލްގެ ޤާނޫނީ ޒިންމާ އަދާކުރާކަށް ފުރުސަތެއް ނުއެއްލިބޭ. އެކަމަކު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުކުރާނަން"

‎ހުޅުމާލޭގެ ފްލެޓްތަކުގެ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް ގަސްހައްދާ މައްސަލައާއި ގުޅިގެން މުޢިއްޒު ވިދާޅުވީ ކަންކަން މިވަގުތުން މިވަގުތަށް ހައްލު ކުރެވެން ނެތްކަމަށާއި އެހެން ނަމަވެސް، މާލޭ ސިޓީ ކައުންސިލްގެ މެންޑޭޓް ބަދަލުކޮށްގެން މިކަންކަމަށް ހައްލެއް ގެނެވިދާނެކަމަށެވެ.

‎މީގެ އިތުރުން ސަރުކާރުން އެ މަސައްކަތް ހަވާލު ކުރުމަށްފަހު ފްލެޓްތަކުގެ ބިންމަތި ބޭނުން ކުރަމުންދާ އުސޫލު ބަލަހައްޓާނެ ކަމަށާއި މިގޮތަށް ފްލެޓްތަކުގެ ބިންމަތި ބޭނުން ކުރާއިރު ފްލެޓްތަކުގެ އެހެން ފަންގިފިލާތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ބަސް ހޯދަން ޖެހޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވެފައިވެއެވެ.

‎ހުޅުމާލެ ފްލެޓްތަކުގައި ޤަވާއިދާ ޚިލާފަށް ގަސް ހައްދަމުންދާ މައްސަލާގައި ބައެއްފަރާތްތަކުން ރިޕޯޓްކުރުމުން މީގެކުރިން އެޗްޑީސީއިން ވަނީ އެފަދަ ފަރާތްތަކަށް ނަސޭހަތްތެރިވެފައެވެ.

އަދި ބައެއް ގަސްތައް އެޗްޑީސީގެ ބެލުމުގެ ދަށަށްވެސް މީގެކުރިން ގެންގޮސްފައިވެއެވެ.

އެހެންނަމަވެސް އަދިވެސް މިކަމަށް ދާއިމީ ހައްލެއް ލިބިފައިނުވާތީ ފްލެޓްތަކުގައި ދިރިއުޅޭ ބައެއްފަރާތްތަކުން އަންނަނީ ކަންބޮޑުވުންފާޅުކޮށް މިކަމަށް އަވަސް ހައްލެއް ހޯދަންޖެހޭކަމަށް ބުނަމުންނެވެ.

0%

0%

0%

ADS BY BANK OF MALDIVES
0 ކޮމެންޓް

ހަބަރު