ADS BY PIZZA KITCHEN

ނ.މާފަރު ކައުންސިލުން ރައްޔިތުންނާއި ގާތުން މަސައްކަތްކުރުމަށް ތަފާތު ހަރަކާތްތަކެއް ހިންގަނީ

- 1 week ago 0 - މުއައްލިމް އިބްރާހިމް

ނ..މާފަރުގައި ދިރިއުޅެމުންދާ އެނދުމަތިވެފައިވާ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އެ ރަށު ކައުންސިލުން ތަފާތު ހަރަކާތެއް ފަށައިފިއެވެ.

ADS BY OOREDOO

އެގޮތުން އެރަށު ކައުންސިލާއި ސިއްހީ މަރުކަޒުން ގުޅިގެން ވަނީ އެރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އެނދުމަތިވެފައިވާ ފަރާތްތަކަށް ޒިޔާރަތްކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން "ވޮއިސް"އަށް އިތުރު ތަފްސީލްތައް ހިއްސާކުރައްވަމުން ނ.މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާން ވިދާޅުވީ މި ހަރަކާތުގެ ތެރެއިން ކޮންމެ މަހަކު އެއްފަހަރު އެފަދަ ފަރާތްތަކަށް ޒިޔާރަތްކޮށް، އެފަރާތްތަކާއި އެކު ވަގުތު ހޭދަކުރާނެކަމަށެވެ. އަދި އެފަރާތްތަކަށް ކައުންސިލްގެ ހަދިޔާއެއްގެ ގޮތުގައި މޭވާ ވަށިގަނޑެއްވެސް ހަދިޔާކުރާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އަދި މި ޒިޔާރަތުގެ ތެރެއިން، އެނދުމަތިވެފައިވާ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ މީހުންގެ އާއިލާތަކުން އެންސްޕާ ފަދަ މުއައްސަސާތަކުން ބޭނުންވާ އެހީތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށްވެސް މަސައްކަތްކުރާނެކަމަށް އަދުނާން ވިދާޅުވިއެވެ. މި ހަރަކާތަށް އެރަށުގައި ތިބޭ ފުލުހުންނާއި، ފެނަކަ ކޯޕަރޭޝަން ފަދަ މުއައްސަސާތަކުގެ މުވައްޒަފުންގެ އެއްބާރުލުންވެސް ލިބޭކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އަދުނާން ވިދާޅުވީ ނ.މާފަރު ކައުންސިލްގެ މިހާރުގެ ދައުރު ހުވާކުރުމަށްފަހު ކައުންސިލަރުންގެ މެދުގައި އެކި މުހިންމު ދާއިރާތައް ބަހާލެވުނުކަމަށެވެ. އެއާއިއެކު ކޮންމެ ދާއިރާއަކުންވެސް 5 އަހަރު ދުވަހުގެ ޕްލޭނެއް އެކުލަވާލައި، މިވަގުތަށް ކުރެވެން ހުރި ކަންތައްތައް ވަނީ ދެނެގަނެވިފައެވެ. އެގޮތުން ސިއްހީ ދާއިރާއިން މިވަގުތަށް ކުރުމަށް ދެނެގަނެވުނު ކަންތައްތަކަކީ އެންބިއުލާންސްގެ ޚިދުމަތް ހިލޭ ލިބޭނެ ގޮތް ހެދުމާއި، ރަށުންނާއި އާސަންދައިން ނުލިބޭ ބޭސްތައް ބޭރުން ގެނެވޭނެގޮތް ހެދުން އަދި އެނދުމަތިވެފައިވާ މީހުންނާއި ނުކުޅެދުންތެރިކަން ހުން މީހުންނަށް ޒިޔާރަތްކުރަން ފެށުން ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. މިގޮތުން އެ ދާއިރާއިން ފެށުނު އެންމެ ފުރަތަމަ ހަރަކާތަކީ އެނދުމަތިވެފައިވާ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޒިޔާރަތްކުރުންކަމަށް އަދުނާން ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް އަދުނާން ވިދާޅުވީ އެރަށުގެ ކައުންސިލުން ކުރާ މިފަދަ އިޖްތިމާއީ މުހިންމު ކަންތައްތަކަށް ރަށުގެ ރައްޔިތުންގެ ފަރާތުން އަބަދުވެސް ވަރަށް ބޮޑު ތަރުހީބެއް ލިބޭކަމަށެވެ. އެގޮތުން ކައުންސިލުން އެންމެ ފުރަތަމަ ބޭއްވި ހަރަކާތްކަމަށްވާ ރަށް ސާފުކުރުމަށް ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަކަމަށް އެބޭފުޅާ އުފަލާއި އެކު ވިދާޅުވިއެވެ. އަދުނާން ވިދާޅުވި ގޮތުގައި މާފަރު ކައުންސިލުން އަދިވެސް ދަނީ ގިނަ އިޖްތިމާއީ ހަރަކާތްތަކެއް ހިންގުމަށް ރާވަމުންނެވެ. އެގޮތުން އަންނަ މަހުގެ ތެރޭގައި ރަށުގައި ތިބި ނުކުޅެދޭ ކުދިންނަށް ތައުލީމް ފޯރުކޮށްދިނުމުގެ ޚާއްސަ މެކޭނިޒަމެއް ތައާރަފްކުރާނެކަމަށް އެބޭފުޅާ ވަނީ ހާމަކުރައްވާފައެވެ.

100%

0%

0%

ADS BY COCA COLA
0 ކޮމެންޓް

ހަބަރު