ރައީސް ޔާާމީން މާދަމާ ފުލުހަށް ހާޒިރުކުރަނީ

06 Jan 2019 | 09:11

ފުލުހުން ތަހުގީގުކުރަމުންދާ މަނީ ލޯންޑަރިންގް މައްސަލައަކާއި ގުޅިގެން އަނެއްކާވެސް ސުވާލުކުރުމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައިފިއެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ހާާޒިރުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 1:30އަށެވެ. މިކަން ޕީޕީއެމްގެ ފަރާތުންވެސް ވަނީ ޔަގީންކޮށްދީފައެވެ.

ޕީޕީއެމްއިން ވަނީ އެޕާޓީގެ ވީހާވެސް ގިނަ ސަޕޯޓަރުން މާދަމާ މެންދުރުފަހު 12:30އަށް، ޕީޕީއެމްގެ އޮފީސް ކައިރިއަށް ޖަމާވުމަށް އެދިފައެވެ.

މީގެ ކުރިންވެސް ކުރީގެ ރައީސް ޔާމީން ވަނީ ފުލުހުންގެ އިދާރާއަށް ހާާޒިރުކުރެވިފައެވެ. އެކަމާއި ގުޅިގެން އޭރު ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އެމަނިކުފާނު ހާާޒިރުކުރެވުނީ ދައުލަތުގެ އިދާރާތަކުން ހުށައަޅާފައިވާ ޝައްކުކުރެވޭ މާލީ މުއާމަލާތްތަކުގެ ރިޕޯޓްތަކާއި، މައްސަލަތަކާއި ގުޅިގެން ކަމަށެވެ.

އެމަނިކުފާނުގެ ނަންފުޅުގައި ރާއްޖޭގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކަށް އެމަނިކުފާނުގެ ވެރިކަމުގެ ފަސްއަހަރުގެ ތެރޭގައި އެކި ފަހަރުމަތިން ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، އެފައިސާއިން މުއާމަލާތްކޮށްފައިވާކަންވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އަދި މި މައްސަލައިގެ ތަހުގީގަށް ހިފެހެއްޓުނު އެމަނިކުފާނުގެ ޑޮލަރު އަދި ރުފިޔާ އެކައުންޓްތަކުގައި ހުރި ފައިސާގެ ޖުމްލަ އަދަދު، ދިވެހި ފައިސާއިން ޖުމްލަ 100މިލިޔަން ރުފިޔާއަށްވުރެ މައްޗަށް އަރާކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ. މިއީ 6.5 މިލިޔަނެއްހާ ޑޮލަރުކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް