ފުލުހުން ހަތަރު ގަޑިއިރުވަންދެން ރައީސް ޔާމީންއާއި ސުވާލުކޮށްފި

06 Jan 2019 | 21:17

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާއި، ފުލުހުން މިއަދު ހަތަރު ގަޑިއިރު ވަންދެން ސުވާލުކޮށްފިއެވެ.

ފުލުހުންގެ އިދާރާއަށް މިއަދު މެންދުރުފަހު 1:30 ހާއިރު އެމަނިކުފާނު ހާާޒިރުކުރެވުމަށްފަހު، ހަތަރު ގަޑިއިރު ވަންދެން ސުވާލުކޮށްފައިވެއެވެ. އެމަނިކުފާނު ވަނީ ތަހުގީގަށް ޖަވާބުދާރީވުން ނިންމަވާލެއްވުމަށްފަހު ފުލުހުންގެ އިދާރާއިން ނިކުމެ މީޑިޔާތަކަށް މައުލޫމާތު ދެއްވާފައެވެ.

މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ މިއަދު ސުވާލުކުރެވުނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުށައެޅި މައްސަލައަކާއި ގުޅިގެން ކަމަށެވެ.

އެގޮތުން ތުހުމަތުކުރެވެނީ އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފްގެ އެކައުންޓަކުން ފައިސާ ޖަމާކުރެވުން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި އެ ފައިސާތަކަކީ މިވަގުތު އޭސީސީގެ ބެލުމުގެ ދަށުގައި ހުރި ފައިސާތަކެއްކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަަލަތަކުގެ ތެރޭގައި ބުރަދަނެއް ހުރި އެއްވެސް މައްސަލައެއް އޮންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާާކަމަށްވެސް ހާާމަކުރައްވާފައެވެ.

Advertisement

ކޮމެންޓް