ނާކާމިޔާބުވި ސަބަބު އަދިވެސް ނުވިސްނޭ: ރައީސް

30 Sep 2018 | 23:22

ރާއްޖެއަށް އެންމެ ފައިދާ ހުރި ސިޔާސަތުތަކަށް އަބަދުވެސް ވަކާލާތު ކުރަމުން އަންނަނީ އެމަނިކުފާނުގެ ޕާޓީކަމަށްވާއިރު، ރައްޔިތުން އެގޮތަށް ނިންމަން ޖެހޭ ސަބަބެއް އަދިވެސް ނުވިސްނޭ ކަމަށް އެ އިންތިހާބުން ނާކާމިޔާބުވެ ވަޑައިގެންނެވި ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ކޮންގްރަސް ނިންމާލުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށް އަދިވެސް އުނދަގޫވާ ކަމަށާއި، ރާއްޖެއަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ސިޔާސަތުތަކަށް އަބަދުވެސް ވަކާލާތު ކުރަމުން އަންނަނީ އެމަނިކުފާނުގެ ޕާޓީން ކަމަށެވެ.

އެގޮތުން، މާތްވެގެންވާ އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ނުދިނުމަށް އެންމެ ބޮޑަށް ވަކާލާތު ކުރީ ޕީޕީއެމް އިންކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ގައުމިއްޔަތާއި ވަތަނިއްޔަތުގެ ސިފަތައް ނަގަހައްޓައި ދާހިލީ ކަންކަމަށް ބޭރުގެ ފަރާތްތަކަށް ނުފޫޒު ފޯރުވިޔަ ނުދިނުމަށް ވަކާލާތު ކުރީވެސް ހަމަ އެ ޕާޓީން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، މުޅިގައުމަށް ތަރައްގީ ގެނެސް، ގާނޫނުން އެ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށްދޭން މަސައްކަތް ކުރީ ވެސް ޕީޕީއެމް ކަމަށާއި، ގައުމުގެ މަސްލަހަތު ހިފަހައްޓައި މުޖުތަމައުގައި އޮތް ނާމާންކަން ފޮހެލައި އަމާން ތަނަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަމުން ދިޔައީ އަދި ތަހުޒީބީ މުޖުތަމައަކަށް ބާރުއެޅީ ވެސް ޕީޕީއެމް ކަމަށެވެ.

ކަން މިހެން ހުރިއިރު، މި ހުރިހާ ކަމަކަށް ރައްޔިތުން ނޫނެކޭ ބުނަންވީ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަން ގަބޫލުފުޅު ކުރައްވަންވެސް ދަތި ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިޚާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

Advertisement

ކޮމެންޓް

Advertisement