ރައީސް ޔާމީން ހައްޔަރުކޮށްފާނެކަމުގެ އިޝާރާތެއް އާ ރައީސްގެ ތަރުޖަމާން ދެއްވައިފި

01 Oct 2018 | 09:20

އެމްޑީޕީގެ ވެރިކަން ފެށުމާއެކު ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށްފާނެކަމުގެ އިޝާރާތެއް ރައީސް ކަމުގެ މަގާމަށް އަލަށް ހިވިވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސާލިހްގެ ފަރާތްޕުޅުން ދެއްވައިފިއެވެ. 

އިބްރާހިމް މުހައްމަދު ސާލިހްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ނޫސްވެރިންނާ މައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސްގެތެރޭގައި ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުގައި ފެބްރުއަރީ އެއްވަނަ ދުވަހު ސިޔާސީ ލީޑަރުންތަކެއް ހައްޔަރުކުރީ ރާއްޖޭގެ ގާނޫންތަކުގެ ބޭރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިގެންކަމަށް އިއުތިރާފްވެފައިވާކަމަށެވެ. 

އެހެންވީމާ ރާއްޖޭގެ ސަލާމަތީ އިދާރާތަކުން ބަލަން ޖެހޭކަމަށް އެކަންވާނަމަ އެމައްސަލަ ބަލަން ގޮވާލާކަމަށެވެ. ތަރުޖަމާން މިވާހަކަފުޅަކީ އެމްޑީޕީގެ ސަރުކާރުން ފެބްރުއަރީ އެކެއްގެ މައްސަލަ ތަރުޖަމާކުރާގޮތްކަމަށް ވާނަމަ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ނުކޮށް ދޫކޮށްލާނެކަމެއްކަމަކަށް ނުބެލެވެއެވެ. 

ސަބަބަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ޝަރީއަތެއްގައި އެމްޑީޕީގެ ލީޑަރ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ދިގު މުއްދަތަކަށް ޖަލަށް ލާފައިވާތީއެވެ. 

މިހާތަނަށް ތަރުޖަމާން މާރިޔާ އަހުމަދު ދީދީގެ ގިނަ ނޫސްކޮންފަރެންސްތަކުގައި އެމްޑީޕީގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީނާއިމެދު އުފެދިފައިވާ ނަފްރަތުގެ އުދާސްތައް ބޭރުކުރާތީ ފެނެއެވެ. ވެރިކަން ލިބުމަކުން އެއުދާސްތަކަށް ފިނިކަމެއް އަންނަތަކެއް އަދި ނުފެނެއެވެ. ކާމިޔާބުގައި ހިތްތިރިކުރާ ވާހަކައެއްވެސް މިފަހަރު ނުދައްކައެވެ.

Advertisement

ކޮމެންޓް