ޒިނޭގެ ހުކުމާމެދު ސުވާލު އުފައްދަނީ ރަސޫލާގެ ސުންނަތް ގަބޫލުނުކުރާ މީހުން؟!

10 Jan 2019 | 17:28

ފާދިއްޕޮޅު ނައިފަރު ކޯޓުން ޒިނޭކުރި މީހެއްގެ މައްޗަށް ރަޖަމްކުރަން ކުރި ހުކުމަކާއި ގުޅިގެން، އިސްލާމީ ޝަރީއާ ގައިވާ ރަޖަމް ކުރުމާއި ހައްދު ޖެހުމުގެ ހުކުމްތަކާއިމެދު ދިވެހިންގެ ބަޔަކު ސުވާލު އުފައްދައި އާއްމުންގެ މެދުގައި ރުޅިވެރިކަން އުފެދިގެންދާނެ ބީދަޔަކުން ދަނީ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންނެވެ.

ސޯޝަލް މީޑިއާ ޕްލެޓް ފޯމްގައި މިވާހަކަ ދައްކައި ސުވާލު އުފައްދަމުންދާ މީހުންގެ އެންމެ ކުރީ ސަފުން ފެންނަމުންދާކަމަށް ހިތާމައާއެކު ފާހަގަކުރަންޖެހޭ އެއްބޭފުޅަކީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރ، އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް އެވެ.

ރަޖަމްކުރުމުގެ ހުކުމާމެދު ސޯޝަލް މީޑިއާގައި ދިވެހިންގެ ބަޔަކު ޝައްކާއި ވަހުމްގެ ހަރަކާތްތަކެއް މީހުންގެތެރެއަށް ފަތުރަމުންދަނިކޮށް ރާއްޖޭގެ ޝެއިޚް އެއް ކަމުގައިވާ ޑޮކްޓަރ އިޔާޒް އެކަމަށް ރައްދުދެއްވައި އިސްލާމް ދީނުގައި ކަނޑައެޅިފައިވާގޮތް ހަނދާންކޮށްދެއްމުގެ ގޮތުން ގެންނަވާފައިވެއެވެ. "ޒިނޭގެ ޙައްދަކީ ގުރްއާނާއި ސުންނަތުން އަދި އުއްމަތުގެ އިޖްމާއުން ސާބިތުވާ ކަމެއް. މުހްސަން (ކުރިން ކައިވެނީގެ ރަހަ ފެނިފައިވާ މީހަކު) ގެ ހުކުމަކީ ރަޖަމް ކުރުން. ޣައިރު މުހްސަން (ކުރިން ކައިވެނީގެ ރަހަ ފެނިފައިނުވާ މީހާ) ގެ ހުކުމަކީ 100 އެތިފަހަރުން ހައްދު ޖަހާ އެއް އަހަރަށް އަރުވާލުން"

މިފަދައިން ބަޔާންކޮށް ދެއްވުމުން އިބްރާހިމް އިސްމާއިލް ޑޮކްޓަރ އިޔާޒާ ޖަދަލުކުމުގެ ގޮތުން ޓްވީޓާގައި ބުންޏެވެ. މުހްސަންގެ ވާހަކައާއި ރަޖަމްގެ ވާހަކަ ބަޔާންވެފައިވާ އާޔަތް ބުނެދޭށެވެ. މުހްސަން އާއި ޣައިރު މުހްސަން ޒިނޭގެ ހުކުމްގައި ތަފާތުވެފައިވާ އާޔަތް އެގެން ބޭނުމެވެ. ހަމަ އެހެންމެ ރަޖަމް ހުކުމް ތަންފީޒުކުރަންޖެހެނީ ކާކަށްތޯ. ދައުލަތުގެ މުވައްޒަފުންނަށްތޯ. ނުވަތަ ހުކުމް އިއްވި ފަނޑިޔާރުންތޯ. ރަށުގެ ހުރިހައި ރައްޔިތުންތޯ. ގަލުން ތަޅަން ނުކުންނަ މީހާގެ ހުކުމަކީ ކޮބައިތޯ"

ގުރުއާންގައި ހުކުމްތައް އައިސްފައިވާގޮތް

އިސްލާމީ ޢިލްމުވެރިން ވިދާޅުވާގޮތުގައި އިސްލާމީ ޝަރީއާގެ ހުކުމްތައް ތިން ގޮތަކުން އައިސްފައިވެއެވެ. އެއީ ކީރިތި ގުރުއާންގައި ހުކުމްތައް ބަޔާންކުރައްވާ އާޔަތްތައް ބާވައިލެއްވުމަށްފަހު ފަހުން އެއާޔަތްތައް ﷲ ގެންދަވައި އެކަމަކު ހުކުމް މަންސޫޚުނުކުރައްވާ ހުކުމްތަކެވެ. ދެވަނަ ބާވަތަކީ ހުކުމްތައް ހިމެނޭ އާޔަތްތައް މަންސޫޚުނުކުރައްވައި ގުރުއާންގައި ބަޔާންކުރައްވާފައިވުމާއެކުވެސް ހުކުމް މަންސޫޚު ކުރައްވާފައިވާ އާޔަތްތަކެވެ. އަދި ތިންވަނަ ބާވަތަކީ ގުރުއާންގައި އާޔަތްތަކާއި ހުކުމްތައް މަންސޫޚުނުކުރައްވައި ދަމަހައްޓަވާ އާޔަތްތަކެވެ. 

ރަޖަމްކުރުމާއިގުޅޭގޮތުން އައިޝާ ރަޟިޔަﷲ އަންހާއާއި އުމަރު ރަޟުޔަﷲ އަންހު ވިދާޅުވެފައިވަނީ ތިމަންމެން ކުރިން އެއާޔަތްތައް ގުރުއާނުން ކިޔަވައި ވިދާޅުވާކަމުގައި ވީމުއެވެ. އެއާޔަތްތައް އުފުއްލެވުމަށްފަހު ހުކުމް މަންސޫޚުނުކުރައްވާކަން އެގިގެންދަނީ ކީރިތި ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް އެހުކުމް ދަމަހައްޓަވާފައިވުމެވެ. އެގޮތުން ކުރިން ކައިވެންޏެއް ކުރުމަށްފަހު ޒިނޭކުރި މީހަކު އަމިއްލައަށް ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ އަރިހައަށް އައިސް ކުށަށް އެތަކެއްފަހަރު އިއުތިރާފްވި ފިރިހެނަކާއި އަންހެނަކާއިމެދު އަމަލުކުރެއްވި ގޮތް ބަޔާންވެގެން އައިސްފައިވެއެވެ.

ރާއްޖޭގެ އިސްލާމީ އިލްމުވެރިޔަކު ވިދާޅުވިގޮތުގައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ގަޒުފްގެ ހުކުމްތަކާއިމެދު ސުވާލު އުފައްދަނީ ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތް ގަބޫލުކުރުމަށް އިންކާރު ކުރާ މީހުންނެވެ. އެމީހުންގެ ނަޒަރުގައި ގުރުއާންގައި ބަޔާންކޮށްފައިނުވާނަމަ އެއީ އަމަލުކުރަންޖެހޭ ގޮތަކަށް ނުވެއެވެ. މިއީ ފާޅުވެގެންވާ މަގުފުރެދުމެއްގެމަތީގައި ތިބި ބަޔަކު ކަމުގައި ނޫނީ ނުވެއެވެ.

އިސްލާމްދީނާމެދު ފިތުނަވެރިވާހަކަ ދައްކާމީހުން ހިމާޔަތްކުރެވެނީތަ؟

އިބްރާހިމް އިސްމާއީލްގެ ފަހަތްޕުޅުން އިސްލާމްދީނުގެ މިހައްދުތަކާއިމެދު ވާހަކަދައްކާ އަދި ފުރައްސާރައިގެ ބަސްތައް ރައްދުކުރާ މީހުން މަދެއް ނޫނެވެ. އެމީހުންގެ ނަޒަރުގައި ރަޖަމްކުރުމާއި ހައްދުޖެހުމަކީ ޖާހިލިއްޔަ ޒަމާނުގެ ޖާހިލުކަމުގެ ސިފަތަކެކެވެ. އެއީ ބަދަވީން އުޅުނުގޮތެވެ. ﷲގެ ހުކުމްތަކާއިމެދު މިފަދަ ނުބައި ބަސްތައް ރައްދުކުރުމުން ﷲގެ ރައްކާތެރިކަމަށް އަޅު އެދެމުއެވެ.

އިސްލާމީ ޝަރީއަތުގެ މިހުކުމްތަކާއިމެދު ފާޅުގައި ސޯޝަލްމީޑިއާގައި މީހުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ޒާތުގެ ބަހުސްތައް ފެށުމުން އެކަމާއި ދެކޮޅަށް އަޑުއުފުލާ މީހުންނަކީ މިމީހުންގެ ނަޒަރުގައި ހައްދުފަހަނައަޅާފައިވާ މީހުންނެވެ. ޒަމާނީ ތަހްޒީބުގެ އަހުލުވެރިންނަކީ އެމީހުންނެވެ. 

އިސްލާމީ ޝަރީއާއާއިބެހޭގޮތުން ދޮގުފަތުރާ މިމީހުންނާއި އަދި އެކަމާ ދެކޮޅަށް ޒުވާބު ހިންގާ މީހުންގެ ޒުވާބު ހޫނުވާތަންވެސް އެބައާދެއެވެ. އެހެންވެ އެކަމާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެވާހަކަ ފުލުހުން މިވަނީ ބުނެފައެވެ. 

ދީނީ މިނިވަންކަމަށް ގޮވާލައި މާލޭގައި ކުރި މުޒާހަރާގެ ތެރެއިން

ފާހަގަކުރެވޭ ކަމަކީ ޝަރީއަތުގެ ހައްދުތަކާއިމެދު އާއްމުންގެތެރެއަށް ނުކުމެ އޮޅުވާލައި ފިތުނަވެރިވާހަކަ ދައްކާ މީހުންގެ ބަދަލުގައި ފުރަތަމަވެސް ފުލުސް އޮފީހަށް ހާޒިރުކުރާތަން މިފެންނަނީ އެކަމާ ދެކޮޅަށް އަޑުއުފުލާ މީހުންކަމުގައި ވުމެވެ. މިއަދުވެސް އެމީހުންއެދަނީ މިނިވަންކަމާއެކު އެމީހުންގެ ނުބައި ޕްރޮޕެގެންޑާ ފަތުރަމުންނެވެ. މުޖްތަމައު ތަޣައްޔަރުކުރަމުންނެވެ. އެމީހުންނަކީ ގާނޫން ތަންފީޒުކުރާ ފަރާތްތަކަށް އަތްނުލެވޭ ހިމާޔަތްކުރެވިފައިވާ ބައެއް ފަދައެވެ.

ކޮންމެއަކަސް ފާހަގަކުރެވޭ ކަމަކީ ރާއްޖޭގައި ސެންޓަރރައިޓް ސަރުކާރު އަންނަ ކޮންމެ ހިނދަކު ހަށިފޮޅާފައިނުކުމެ އިސްލާމްދީނުގެ ހައްދުތަކާއި ދީނީ އެކިއެކި ކަންކަމަށް ފުރައްސާރަކުރާ ބަޔަކު ނުކުމެގަންނަކަމެވެ. އޭގެ އެންމެ ފާހަގަކުރެވޭ މަންޒަރަކީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެންދީންތަކަށް ޖާގަދޭންޖެހޭކަމަށް ބުނެ މުޒާހަރާކުރަން ބަޔަކު ނުކުތް ނުކުތުމެވެ. އެކަންމިދަނީ އެކި ސިފަސިފައިގައި މިއަދުވެސް ތަކުރާރުވަމުންނެވެ.

Advertisement

ކޮމެންޓް