ޕީޕީއެމްގެ އާ ލީޑަޝިޕަކީ އުއްމީދީ ލީޑަރޝިޕެއްބާ؟

29 Sep 2018 | 21:26

ހުކުރު ދުވަހު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ކޮންގްރެސް ބާއްވައި ޕާޓީގެ ލީޑަރޝިޕް އަލުން މިވަނީ އެކުލަވައިލައިފައެވެ. 

ކޮންގްރެސްގައި ބެލެވުނީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބުގައި ޕާޓީން ދެއްކި ދަށްނަތީޖާއަށްފަހު ކޮންމެވެސް ބޮޑު ބަދަލެއް ނުވަތަ އާ މޫނުތަކެއް އެޕާޓީގެތެރެއިން ފެނިގެންދާނެކަމަށެވެ. އެހެންނަމަވެސް މީހުން ހީކުރި ކަހަލަ ބަދަލެއް އެޕާޓީއަކުން ނުފެނުނެއެވެ. 

ޕާޓީގެ ރައީސްގެ މަގާމް މިހާރުގެ މުސްތަޝާރް އަދި ރައީސް އަބްދުﷲ ޔާމީންއަށް ދިނުމާއިމެދު ޕާޓީގެތެރޭގައި މާކަބޮޑު ޚިޔާލުތަފާތުވުންތަކެއް އޮތްކަމަކަށް ޕާޓީގެ އާއްމު މެމްބަރުންގެ ޝުއޫރުތަކުން އެގެއެވެ. 

ރައީސް ޔާމީން ނެތްނަމަ ލީޑަރެއްގެ ކޮލިޓީ ހުރި އެހެން މީހަކު ޕާޓީގައި ނެތްކަމަށް ކޮންގްރެސްގައިވެސް ހުރިހައި މަންދޫބުންއެވަނީ އިއްތިފާގުވެފައެވެ. 

ރައީސް ޔާމީން ޕާޓީގެ އެންމެ އިސް މަގާމުގައި ނުހުންނަވަން ނިންމަވައިފިނަމަ ދެން އަނެއްކާވެސް އެބުރެން އޮތީ ރައީސް މައުމޫންއާއި ދިމާއަށެވެ. އެކަމަކު އެމަނިކުފާނަކީ ޕާޓީގެ އުއްމީދުތައް ފުރިހަމަކޮށްދެވޭވަރުގެ ހަކަތައެއް މިހާރު ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ނުވެއެވެ. 

އެމްޑީޕީއާއި ކުރިމަތިލުމުގެ ހިއްވަރުހުރި އެހެން ޝަޚްސިއްޔަތެއް ހުންނަންޖެހެއެވެ. ރައީސް މައުމޫންގެ ދަރިކަލުން ފާރިޝްމައުމޫންއަކީ ރައީސް އަބްދުﷲ ޔާމީނަށްވުރެ ޕަބްލިކްއާއި ދުރުބޭފުޅަކަށްވާތީ އޭނާގެ ވާހަކަ މިވަގުތަށް ޖެހޭނީ އަދި ބާއްވާށެވެ.

ޕީޕީއެމްގެ ކޮންގްރެސްގައި ޕާޓީގެ ރައީސްގެ ނާއިބުންގެ ގޮތުގައި ހޮވިގެންދިޔަ ބޭފުޅުންނާމެދު ނަޒަރެއް ހިންގާލަމާތޯއެވެ. 

މޫސާ ޒަމީރާއި އަބްދުއްރަހީމްއަކީ ނިމިދިޔަ ރިޔާސީ އިންތިޚާބު ވިލަރެސްކުރެއްވުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނެވެ. ތަރައްގީގެ ބޮޑު ބަދަލެއް ދިވެހި ރާއްޖެއަށް ގެނައުމަށްފަހު އެކާމިޔާބުތައް ދިވެހި ރައްޔިތުންނަށް ވިއްކަން ނުވަތަ ރައްޔިތުންގެ ހިތް އަތުލަން އެގިވަޑައި ނުގަތް ބޭފުޅުންނަށް އަލުން ކޮށްދެވޭނީ ކޮންކަމެއް ބާއެވެ. 

ޕީޕީއެމްގެ އެތެރޭގެ ސޯސްތަކުން ބުނާގޮތުންނަމަ އިންތިޚާބުގެ މައިގަޑު ކަންކަން ކުރިއަށް ގެންދިޔައީ ނާއިބް ރައީސުންނާއި ނުބައްސައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވަރަށް ބޮޑަށް ބައިވެރިވެވަޑައިގެންނެވެ. 

ކެމްޕެއިން މެނޭޖަރަކަށް މިފްކޯގެ މެނޭޖިން ޑައިރެކްޓަރ އަދި ސިޔާސީ ގޮތުން އެއްވެސް ތަޖުރިބާއެއް ނެތް އަދްލީ ހަމަޖެއްސިކަން އިއުލާންކުރި އިރު މޭޒުގެ ދެފަރާތުގައި ތިއްބެވީ މުހައްމަދު ސައީދާއި ރީކޯ މޫސާ މަނިކެވެ. 

ކޮންގްރެސްގައި ސައީދަށް އެވަނީ ލީޑަރޝިޕުން ޖާގަލިބިވަޑައިގެންފައެވެ. އެހެންވީމާ ޕީޕީއެމްގެ ލީޑަރޝިޕްގައި މަސައްކަތްކުރައްވަން ތިއްބެވި ބޭފުޅުންނަކީ ދެން އޮންނަ އިންތިޚާބެއްގައިވެސް ޕީޕީއެމަށް ކާމިޔާބެއް ހޯދައިދެވޭވަރުގެ ގާބިލް ބައެއްތޯ ހަމަ ސުވާލު ނުކުރެވެންވީ ސަބަބެއް ނެތެވެ.

Advertisement

ކޮމެންޓް