ADS BY STATE TRADING ORGANISATION PLC LTD

މ.އަތަމާޕްލާޒާގެ ވެރިޔާ ޤާނޫނީ އޮޅުންބޮޅުމެއްގެ ތެރޭގައި!

- 2 weeks ago 0 - ރިމާހް

މ.އަތަމާޕްލާޒާއޭ ކިޔުނު ގޯތި ނީލަމުގައި ވިއްކާލުމަށް ސިވިލް ކޯޓުން އިޢުލާންކޮށްފައިވާއިރު، މިކަމުގައި އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދާ އެއް ބޭފުޅަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރެވެ. އަތަމާޕްލާޒާގެ ވެރިފަރާތް އަދި މަލީޝާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ވެރިޔާ އިސްމާޢީލް ޢަބްދުއްލަޠީފް، އަމިއްލަ ފަރާތަކަށް ދަރާފައިވާ ދަރަނި އަދާކުރުމަށް އެގެ ވިއްކާލައިގެން ފައިސާ ޚަލާސްކުރުމަށް ވަނީ އެއްބަސްވެފައެވެ. ނަމަވެސް އެގޭގައި ދިރިއުޅުއްވަމުން ގެންދަވާ ޖާބިރު ގެންދަވަނީ އެއީ އެބޭފުޅާގެ ގެއެއްކަމަށާއި، އެގެ ވާނީ ފައިސާ ދީގެން ގަނެފައިކަމަށް ވިދާޅުވެފައެވެ.

މިކަމަށް ބާރުދޭ ލިޔުންތަކެއްވެސް ޖާބިރުގެ ކުރީގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު ވަނީ މީސް މީޑިއާގައި އާންމުކުރައްވާފައެވެ. އެ ލިޔުންތަކުން ފެންނަގޮތުގައި 2010 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 28ވަނަ ދުވަހުގައި މ.އަތަމާ ޕްލާޒާއޭ ކިޔާ 770 އަކަފޫޓުގެ އަމިއްލަ ބިމާއި، އެ ބިމުގައި 10 ބުރިއަށް ހަދާފައިވާ އިމާރާތާއި އަދި އެ އިމާރާތުގައި ހަރުކޮށްފައިވާ އެންމެހާ ތަކެތި އިސްމާޢީލް ވަނީ ޖާބިރަށް ވިއްކާލާފައެވެ. މި މުއާމަލާތުގެ ޖުމުލަ ފައިސާގެ އަދަދު ހާމަކޮށްފައިވާ ލިޔުމުން ފެންނަން ނެތަސް، އިސްމާޢީލަށް އެ ފައިސާ ލިބުނުކަމަށް އޭނާ އެއްބަސްވެފައިވާކަމަށް ބުނެ ސޮއިކޮށްފައިވާ ލިޔުންތަކެއްވެސް ދިޔާނާ ވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކާއި ވާހަކަދައްކަމުން ޖާބިރު ވިދާޅުވީ އޭނާ މ.އަތަމާ ޕްލާޒާ ގޯތި ގަނެފައިވަނީ ބޮޑު އަގެއްދީގެން ކަމަށާއި، އެގެ އޭނާގެ މައްޗަށް ރަޖިސްޓަރީވެފައި ނެތްނަމަވެސް އެއީ އޭނާގެ ތަނެއްކަމަށެވެ. އަދި އެ ގޯތި ވިއްކާލުމަށް ސިވިލް ކޯޓުން އިޢުލާންކުރީ އެކަން އެބޭފުޅާއަށް އެނގިވަޑައިގަތުމެއް ނެތިކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް "ވޮއިސް"އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އިސްމާޢީލްގެ ސާބިތު ދަރަނީގެ މައްސަލައިގައި ޑީޖޭއޭއިން މީގެ ކުރިން ވަނީ އެގެ އަގުމަގުކޮށްފައެވެ. އެގޮތުން ފުރަތަމަ އެގެއަށް ވަނުމަށް ޖާބިރުގެ ފަރާތުން ޑީޖޭއޭގެ އަގުމަގު ކުރާ ކޮމެޓީއަށް ހުރަސް އަޅާފައިވާއިރު، ފަހުން އެގެއަށް އެ ކޮމެޓީން ވަދެ މަސައްކަތްތައް ކުރަންޖެހުނީ ފުލުހުންގެ އެހީތެރިކަމާ އެކުގައެވެ. އެއަށްފަހު އިސްމާޢީލްގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ތެރެއަށް ޖާބިރު ވަނީ ތަދައްޚުލް ކުރެވިފައެވެ.

ތަދައްޚުލްކުރުމަށްފަހު ކުރިއަށްގެންދިޔަ އަޑުއެހުމުގައި ޖާބިރު ވަނީ އިސްމާޢީލަށް އެއްފަހަރާ ފައިސާ ދެއްކުމަށްފަހު މ.އަތަމާޕްލާޒާ ގަނެފައިވާކަމަށް ބުނެފައެވެ. އަދި އެހެންކަމުން މިހާރު އެތަނަކީ އެބޭފުޅާގެ މުދަލެއްކަމަށް ގަބޫލުކުރާކަމަށް ޖާބިރުގެ ފަރާތުން ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ޖޫން 3 ވަނަ ދުވަހު ސިވިލް ކޯޓުން އާންމުކުރި ނިންމުމެއްގައި ބުނެފައިވާ ގޮތުގައި މި މައްސަލައިގައި އިސްމާޢީލާއި ވާހަކަ ދެއްކުމުގެ ފުރުޞަތު ޝަރީއަތުން ޖާބިރަށް ދިނުމުން، މ.އަތަމާޕްލާޒާއަށް އޭނާގެ ޙައްޤެއްވާކަމަށް ބުނުން ފިޔަވައި ޤާނޫނީގޮތުން ޙައްޤެއް ދަލާލާތުކުރާނެ އެއްވެސް ހެއްކެއް ހުށައަަޅާފައެއް ނުވެއެވެ. އަދި މިގެއަކީ އިސްމާޢީލް ޢަބްދުއްލަޠީފްގެ ނަންމަތީ ރަޖިސްޓަރީކޮށްފައިވާ ގޯއްޗެއްކަން ރަޖިސްޓްރީންވެސް އެނގެން އޮތްކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

އެހެންކަމުން އެ ގަޟިއްޔާގެ ތެރެއަށް ތަދައްޚުލްކުރެވިފައިވާ ޖާބިރު، ތަޚައްރުޖްކުރުމަށް ސިވިލް ކޯޓުގެ ގާޟީ މަރިޔަމް ވަހީދު ވަނީ ނިންމަވާފައެވެ. އެހެނަސް އުފެދޭ ސުވާލަކީ، ސިވިލް ކޯޓުގެ ޝަރީއަތުން ނިންމި ނިންމުމުގައި އެގޭގެ ވެރިއަކީ ޖާބިރުކަން ޤާނޫނީ ގޮތުން ދަލާލާތުކުރާނެ އެއްވެސް ހެއްކެއް އެބޭފުޅާ ހުށައަޅުއްވާފައި ނުވާކަމަށް ޖަހާފައި އޮތީ ކީއްވެގެންތޯއެވެ. ދިޔާނާ އާންމުކުރައްވާފައިވާ އެއްބަސްވުން ޖާބިރު ކޯޓަށް ހުށަނާޅުއްވާތީތޯއެވެ؟

މަތީގައި ބަޔާންކުރެވިފައިވާ ފަދައިން ސިވިލް ކޯޓުން ނިންމުމަށްފަހު ފެނިގެންދިޔައީ މ.އަތަމާޕްލާޒާ ގޯތި ވިއްކާލުމަށް ދިވެހި ސަރުކާރުގެ ގެޒެޓްގައި އިޢުލާންކުރެވުނު ތަނެވެ. ސިވިލް ކޯޓުގެ ނަންބަރު 1365/Cv-C/2013 ޤަޟިއްޔާ އާއި ސިވިލް ކޯޓުގެ ނަންބަރު 2084/Cv-C/2017 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ސިވިލްކޯޓުގައި ބަލަމުންދާ ސިވިލްކޯޓުގެ ނަންބަރު 3096/Cv-C/2020 ޤަޟިއްޔާއާއި ސިވިލްކޯޓުގެ ނަންބަރު 1079/Cv-C/2019 ޤަޟިއްޔާއާއި ގުޅިގެން، ހުޅުމާލެ. އާފީނިވިލާ / މާލެ އިސްމާޢީލް ޢަބްދުއްލަޠީފް ނަމުގައި ރަޖިސްޓްރީކޮށްފައިވާ މ. އަތަމާޕްލާޒާ އެވެކިޔާ އަމިއްލަ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ސިޓީލާ ނީލަމުގެ އުސޫލުން ވިއްކާލުމަށް ބޭނުންވާ ކަމަށެވެ.

770 އަކަފޫޓުގެ މި ބިމުގައި 9 ބުރީގެ އިތުރުން ޓެރަހެއް ހުންނަ އިމާރާތެއް ހުރެއެވެ. މި ނީލަން ފެށޭ އަގަކީ 15,507,800 ރުފިޔާއެވެ.

މ.އަތަމާޕްލާޒާގެ ޤާނޫނީ ވެރިޔަކީ ކޮބައިކަން އޮޅުންބޮޅުމެއްގެ ތެރޭގައި އޮތްއިރު، މި މައްސަލައަށް އެކަށީގެންވާ ޙައްލެއް އަވަސް މިނެއްގައި ނުހޯދިއްޖެނަމަ ޖާބިރުގެ އިތުރުން އެހެނިހެން ބައެއްގެ ޙައްޤުތަކެއްވެސް ގެއްލިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. 

0%

0%

100%

ADS BY BANK OF MALDIVES
0 ކޮމެންޓް

ހަބަރު