ADS BY PIZZA KITCHEN

އަފްޣާނިސްތާނުގައި އެމެރިކާއިން މިކުރީ ކޮންކަމެއް؟

- 1 week ago 0 - އައްޝައިޚް މުޙައްމަދު ސިނާން

1989 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހެވެ. އެއީ އޭގެ ގާތްގަނޑަށް 10 އަހަރުކުރިން، 1979 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހު އަފްޣާނިސްތާނުގެ ބިމަށް އަރައިގަތް ސޯވިއެޓް ޔޫނިއަންގެ ސިފައިން ހިތި ބައްޔަކުން ބަލިވެ، އެ ޤައުމު ދޫކޮށް ފައިބައިގެން ދިޔަ ދުވަހެވެ. ސޯވިއެޓް ޔޫނިއަންގެ 15 ހާހެއްހާ ސިފައިން މަރުވިއެވެ. އެ ހަނގުރާމައިން ލިބުނު މާއްދީ ގެއްލުންތަކުން އަރައިނުގަނެވިއުޅެނިކޮށް 1991 ވަނަ އަހަރު ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިޔައެވެ. އޭގެފަހުގައި، އެމެރިކާ އިސްވެ އޮވެ، އަފްޣާނިސްތާނުގެ ކަންކަން ރަނގަޅުކުރުމުގެ ނަމުގައި މަސައްކަތްތަކެއް ކުރިއެވެ. އެހެންނަމަވެސް، ޤައުމަށް ހަމަޖެހުމެއް ނުލިބި، ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް އަފްޣާނިސްތާން ވެއްޓިގެން ދިޔައެވެ. ޤައުމުގެ ހަމަޖެހުން ގެއްލި، ކޮރަޕްޝަނާއި މި ނޫންވެސް ފަސާދަތައް ފެތުރި ޢާއްމުވެގެން ދިޔައެވެ.

މި އަނދަވަޅުން ޤައުމު ނެގެހެއްޓުމަށްޓަކައި، 1994 ވަނަ އަހަރު މުއްލާ މުޙައްމަދު ޢުމަރާއި އޭނާގެ ބައެއް ދަރިވަރުންނާއެކު ޠާލިބާން ގެ ނަމުގައި ޖަމާޢަތެއް ވުޖޫދަށް ގެނައެވެ. އިސާހިތަކު، މި ޖަމާޢަތުގެ މީހުންގެ ޢަދަދު ގިނަވެ، ބާރުގަދަވެގެން ދިޔައެވެ. އަދި 1996 ވަނަ އަހަރު ހަނގުރާމަވެރި އެކި ޖަމާޢަތްތަކުގެ މެދުގައި ވާންއުޅުނު ޞުލްޙައިގެ އެއްބަސްވުން ނާކާމިޔާބުވެގެން ދިޔައެވެ. އަދި އެ އަހަރުގެ ސެޕްޓެމްބަރުމަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އާއި އެނޫންވެސް އެކި ހިސާބުތައް ޠާލިބާނުންގެ ބާރުގެދަށަށް ގެނެސް، ޠާލިބާނުންގެ ވެރިކަމެއް ޤާއިމުކުރިއެވެ. ސޯވިއެޓް ޔޫނިއަންއާ ދެކޮޅަށް ހަނގުރާމަކުރުމަށްޓަކައި އިސްލާމީ އެކި ޤައުމުތަކުން އަފްޣާނިސްތާނަށް ދަތުރުކުރި މުޖާހިދުންގެ ތެރެއިން ބައެއް މުޖާހިދުން އެބައިމީހުންގެ ޤައުމުތަކަށް އަނބުރާ ދިޔައެވެ. އަދި ބޮސްނިއާއި، ޗެޗްނިޔާފަދަ މުސްލިމް ޤައުމުތަކުގައި ހަނގުރާމަ ކުރެވެމުންދާތީ އެ ޤައުމުތަކަށް ދަތުރުކުރިއެވެ. އަދި އަނެއްބައި މުޖާހިދުން އަފްޣާނިސްތާނުގައި މަޑުކުރިއެވެ. އަފްޣާނިސްތާނުގައި މަޑުކުރި ފަރާތްތަކަށް ޠާލިބާނުން ޙިމާޔަތްތެރިކަން ދިނެވެ.

ޠާލިބާނުންގެ ވެރިކަމަކީ އެމެރިކާ ރުހޭ ވެރިކަމެއްކަމުގައެއް ނުވިއެވެ. ދޭތެރެ ދޭތެރެއިން އަފްޣާނިސްތާނުގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދެމުން ގެންދިޔައެވެ. ބަހަނާއެއްކަމުގައި ދައްކަމުން ގެންދިޔައީ "އަލްޤައިދާ" ޖަމާޢަތުގެ ހަނގުރާމަވެރިންނަށް ހިމާޔަތް ދޭ ދިނުމެވެ.

ކޮންމެއަކަސް، 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވީ އަންގާރަ ދުވަހެވެ. އެމެރިކާގެ 4 މަތިންދާ ބޯޓެއް ހައިޖެކުކޮށް، 110 ބުރީގެ ވަރުގަދަ ވޯލްޑް ޓްރޭޑް ސެންޓަރުގެ ދެ ޓަވަރަށާއި، ދުނިޔޭގައި އެވަރެއްނެތްކަމަށް އަމިއްލައަށް ދަޢުވާކުރާ އެމެރިކާގެ ޖާސޫސީ އިދާރާ ޕެންޓެގަންގެ ހުޅަނގު ބިތަށް ހަމަލާދިނެވެ. 4 ވަނަ ފުލައިޓް ވަނީ ވެއްޓިފައެވެ. މި ބިޔަ ބޮޑު، ރޭވުންތެރި ހާދިސާ ހިނގިތާ މާ ގިނައިރެއް ނުވެއެވެ. އިތުރު ތަޙްޤީޤުތަކަކާނުލައި، މި ހާދިސާގެ ޒިންމާވާ ފަރާތަކީ އަލްޤަޢިދާ ޖަމާޢަތްކަމުގައި އޭރު އެމެރިކާގައި ރައީސްކަންކުރި ޖޯޖް ޑަބްލިޔު ބުޝް އިޢުލާނުކުރިއެވެ. އަދި އަލްޤަޢިދާގެ އިސްވެރިން އެމެރިކާއާ ޙަވާލުކުރުމަށް ޠާލިބާނުންނަށް މުހުލަތުދިނެވެ. އެހެންމަވެސް، ޠާލިބާނުން އަންގަމުންދިޔައީ އަލްޤަޢިދާ ޖަމާޢަތުގެ މީހުން ހިންގި ކަމެއްކަމަށް ސާބިތުކޮށްދޭނެ ހެކި ބަޔާންކޮށްދިނުމަށެވެ. އެމެރިކާއަށް އެކަމުގެ ހެއްކެއް ނުދެއްކުނެވެ. އަދި އެ ޙާދިސާއަކީ ޖާސޫސީ އިދާރާތަކުން ހިންގިކަމެއް ކަމަށް އަދިއަދަށްދާންވެސް ވަރަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. އަދި އެފަދަ ރޭވުންތެރި، ބޮޑު ހަމަލާއެއް ދިނުމުގެ ޤާބިލުކަން އަލްޤަޢިދާއަށް ލިބިގެންވޭތޯ މިއީވެސް ގިނަބަޔަކު އަދިވެސް ކުރަމުންދާ ސުވާލުތަކެކެވެ. އޭގެފަހުގައި ޢިރާޤަށް އެރުމާއި، ސަޢޫދީ ޢަރަބިއްޔާއަށް ދޭތެރެދޭތެރެއިން ފިއްތުންތައް ކުރިމަތިކޮށް، ބިރުދެއްކުމަށްޓަކައި އަދިއަދަށްދާންދެންވެސް މި ޙާދިސާ ބޭނުންކުރެއެވެ.

އިސާހިތަކު، ޓެރަރިޒަމާދެކޮޅަށް ހަނގުރާމަކުރުމުގެ ނަމުގައި އެމެރިކާއާއި ނޭޓޯގެ ޤައުމުތަކާއެކު ޖެހިގެން އައި އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހު ޠާލިބާނުންނަށް ވައިގެ ހަމަލާތައް ދޭން ފެށިއެވެ. އަދިފަހުން، އެއްގަމުމަގުން އެރިއެވެ. ވައިގެ މަގުންދޭ ހަމަލާތަކުން ޢާއްމުންނަށް ގެއްލުންވުމާއި، ގެރިއްލާ ހަނގުރާމައަކަށް އެމެރިކާއާއި އެމެރިކާގެ ބައިވެރިން ވެއްދުމުގެގޮތުން ޠާލިބާނުން ފަރުބަދަތަކުގެ ތެރެއަށް ފޭދިގެން ދިޔައެވެ. 2003 ވަނަ އަހަރުގެ މެއި 1 ވަނަ ދުވަހު، ހަނގުރާމަ ކާމިޔާބުވެއްޖެކަމަށް އެމެރިކާއިން އިޢުލާނުކުރިއެވެ. އަދި ހަމަ އެ އަހަރުގެ މާރޗު 20 ވަނަ ދުވަހުވަނީ ގެއްލުންދެނިވި ހަތިޔާރުތައް އިރާޤުގައި ހުރިކަމަށް ތުހުމަތުކޮށް، އެ ޤައުމަށްވެސް އަރައިގެންފައެވެ. އަދިއަދަށް ދާންދެންވެސް އެފަދަ ހަތިޔާރެއް އިރާޤުން ފެނިފައެއްނުވެއެވެ.

ކޮންމެއަކަސް، ނޭޓޯއާއި ބައިނަލްއަޤްވާމީ ސަލާމާތުގެ ލަޝްކަރުތައް އެކުލެވިފައިވާ ޤައުމުތަކުން އަފްޣާނިސްތާނަށް ސިފައިން ފޮނުވަމުން ގެންދިޔައެވެ. މިގޮތުން، ނޭޓޯގެ 28 ޤައުމަކުންނާއި، އެނޫންވެސް ޤައުމުތަކާއެކު މުޅިއެކު 42 ޤައުމަކުން އަފްޣާނިސްތާނަށް ސިފައިން ފޮނުވިއެވެ. 2011 ވަނަ އަހަރު އެއްލައްކަ ދިހަ ހާސް ބޭރު ޤައުމުތަކުގެ ސިފައިން އަފްޣާނިސްތާނުގައި ތިއްބެވެ.

މި އަހަރުގެ އޭޕްރިލް 14 ވީ ބުދަދުވަހު، އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ވަނީ ވޯލްޑް ޓްރޭޑް ސެންޓަރަށް ހަމަލާދިންތާ 20 އަހަރުވުމުގެ ކުރިން އެމެރިކާގެ ހުރިހާ ސިފައިން އަފްޣާނިސްތާނުން ބާލާނެކަމަށް ވަޢުދުވެފައެވެ. އަދި އޮގަސްޓް މަސް ނިމުމުގެ ކުރިން ހުރިހާ ސިފައިން ބޭލުމަށް ވަނީ ތާވަލުކޮށްފައެވެ. މި ނިންމުމާއެކު، އަފްޣާނިސްތާނަށް އެމެރިކާއިން ގަދަކަމުން އަރައިގަތް މަޤްޞަދު ޙާޞިލުވެއްޖެތޯއާއި، އަލުން ޠާލިބާނުން ވެރިކަމަށް ނާންނާނެކަމުގެ ކިހާ ޔަޤީންކަމެއް އޮތްތޯ ސުވާލުތައް ކުރިމަތިކުރަން ފެށިއެވެ. މިގޮތުން ޖުލައިމަހުގެ ތެރޭގައި އެމެރިކާގެ ރައީސް ވަނީ ބޮޑާކަމާއެކު ޠާލިބާނުންނަށް ދެން ނާދެވޭނެކަމުގެ ޔަޤީންކަން ދީފައެވެ. އަދި ހަނގުރާމަކުރާނެ އަފްޣާން ސިފައިން ތަމްރީނުކޮށްފައިވާކަމަށް ބުނަމުން ދިޔައެވެ. އަދި އަފްޣާން ސިފައިންގެ އަތުގައި ހުންނާނީ އެންމެ ޒަމާނީ ހަތިޔާރުކަމަށާއި އަފްޣާނިސްތާން ރައްކާތެރިކުރުމުގެ ފުރިހަމަ ޤާބިލުކަން އެމީހުންގެ ކިބައިގައި ހުންނާނެކަމަށް ބުންޏެވެ.

ކަންވެގެންދިޔައީ ހީކުރިގޮތަކަށް ނޫނެވެ. އެތައް އަހަރެއްވަންދެން ހަނގުރާމަކޮށް ބަލިކުރި ޠާލިބާނުން އިސާހިތަކު އަފްޣާނިސްތާނުގެ ބޮޑެތި ރަށްތަކާއި ސަހަރުތައް ހިފަމުން އައީ ފަސޭހަކަމާއެކުގައެވެ. ގިނަ ހިސާބުތަކުގައި އެއްވެސް ހަމަލާއެއް ބަދަލުކުރުމެއް ނެތިއެވެ. ޠާލިބާނުން ހޯދަމުން އައި ކުރިއެރުމާއެކު، ދުނިޔޭގެ އެންމެ ވަރުގަދަކަމަށް ބުނާ އެމެރިކާގެ ޖާސޫސީ އިދާރާއިން ބުނަމުން އައީ ޠާލިބާނުންނަށް ވެރިރަށް ކާބުލް ހިފޭވަރު ވާނީ 90 ދުވަހުގެ ތެރޭގައި ކަމުގައެވެ. އެހެންނަމަވެސް، ދެ ހަފްތާގެ ތެރޭގައި އެތައް ޕްރޮވިންސެއް ޠާލިބާނުންގެ ބާރުގެ ދަށަށް ގެނެސް، ވެރިރަށް ކާބުލްވެސް އެބައިމީހުންގެ ބާރުގެދަށަށް އައީ ޚުދު ޠާލިބާނުންވެސް ހީކުރިވަރަށްވުރެ ފަސޭހަކޮށެވެ. އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރުގެ ރައީސް ބިރުން ފިލައިގެން ޤައުމުން ބޭރުވެގެން ދިޔައެވެ.

އެމެރިކާއާއި އެމެރިކާގެ ބައިވެރިން ކުރި އެންމެ ދިގު ހަނގުރާމަ، ވިހި އަހަރަށް ދެމިގެންދިޔައިރު، މި ހާދިސާއިން މުޅި ދުނިޔެއަށް ވަނީ ވަރަށް ބޮޑެތި ފިލާވަޅުތަކެއް އުނގަންނައިދީފައެވެ. މި ހަނގުރާމައިގައި ގާތްގަނޑަކަށް އެމެރިކާގެ 2500 އެއްހާ ސިފައިންނާއި، 4 ހާހެއްހާ ކޮންޓެކްޓަރުންނާއި، ނޭޓޯގެ 1200 ސިފައިން ވަނީ މަރުވެފައެވެ. އަފްޣާނިސްތާނުގެ 66 ހާސް ސިފައިންނާއި ޢާއްމުންގެ 50 ހާސް މީހުންވަނީ މަރުވެފައެވެ. ޠާލިބާނުންގެ 50 ހާސް ހަނގުރާމަވެރިން މަރުވިކަމުގައިވެއެވެ. 20 އަހަރުގެ ތެރޭގައި 2.26 ޓްރިލިއަން ޑޮލަރުވަނީ ޚަރަދުކޮށްފައެވެ. ޒަމާނީ އެކިއެކި ހަތިޔާރުތަކާއި ވަސީލަތްތައްވަނީ ބޭނުންކޮށްފައެވެ. އެހެންނަމަވެސް، މިއަދު އެމެރިކާއަށްވަނީ ވިއެޓްނާމް ހަނގުރާމައިގެ ހިތި ހަނދާންތައް އާ ކޮށްދީފައެވެ. އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފައިބަންޖެހުނީ މަޤްޞަދު ޙާޞިލުނުވެ، ބިރުގަތް ޢަދުއްވުން އިތުރަށް ބާރުގަދަކުރުވާފައެވެ. ޖާސޫސީ އިދާރާތައް ނާކާމިޔާބުކޮށްލާފައެވެ. އަފްޣާނިސްތާނުގެ ބިމަކީ އިސްތިޢުމާރުކުރާ އިސްތިޢުމާރީންގެ ޤަބުރުސްތާނެއްކަމުގެ ހަނދާންތައް ހަނދާންކޮށްދީފައެވެ.

މިއީ ޓެރަރިޒަމް ނައްތާލުމުގެ ނިވަލުގައި ތިބެގެން އެމެރިކާއާއި އެމެރިކާގެ އަޢުވާނުން ހިންގާފައިވާ ލާއިންސާނީ އަނިޔާވެރި ސިލްސިލާއަށް އިތުރުކޮށްލި މުޑުދާރު ބޮޅެކެވެ. ޓެރަރިޒަމް ނައްތާލުމުގެ އަވާމެންދުރު ޤައުމުތަކަށް ދައްކައި، އަފްޣާނިސްތާނާއި ޢިރާޤުގައި އެމެރިކާ އިސްވެ އޮވެ ވަނީ ޓެރަރިޒަމްގެ އެތައްއެތައް ޢަމަލުތަކެއް ހިންގާފައެވެ. އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި އަޑުގަދަކުރަމުން އެ ޙައްޤުތައް ތަޅާ ސުންނާފަތިކޮށްލާފައެވެ. ޤައުމުގެ ޚަޒާނާތައްވަނީ ލޫޓުވާލާފައެވެ. ތަރައްޤީގެ ނަމުގައި އެ ޤައުމުތަކުގެ ޢުމްރާނީ ތަރައްޤީތައް ފުނޑުފުނޑުކޮށްލައި، އެ ޤައުމުތަކުގައިވާ މުއްސަނދިކަންވަނީ ފޭރިގެންފައެވެ. ތިމާމެންގެ ދަރަޖަ އޮޅިގެން އުޅުނު އެމެރިކާއަށާއި އެމެރިކާގެ އަޢުވާނުންނަށް ހިތާމަވެރި ފިލާވަޅެއްގެގޮތުގައި މިކަންވަނީ ވެފައެވެ. ޠާލިބާނުން ކާބުލް ހިފި ދުވަހަކީ އޯގަސްޓްމަހުގެ 15 ވަނަ ދުވަހެވެ. އެދުވަހަކީ ދެކުނު އޭޝިޔާއަށް އަތްގަދަކުރުމަށް މަސައްކަތްކުރަމުން އަންނަ އެމެރިކާގެ އެކުވެރި އިންޑިޔާގެ މިނިވަންދުވަސްވެސްމެއެވެ.

މާތް ﷲ އަފްޣާނިސްތާނަށް ޞުލްޙަވެރިކަން މިންވަރުކުރައްވައި، އެތަނުގެ އަހުލުންނަށް ހެޔޮގޮތް މިންވަރުކުރައްވާށި!

0%

0%

0%

ADS BY BANK OF MALDIVES
0 ކޮމެންޓް

ހަބަރު