މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ މޮރީނިއޯ ހޫނުފެނަށް

29 Sep 2018 | 18:50

އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަދު ވެސްޓް ހަމް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން 3 ލަނޑު 1 ލަނޑުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެއެވެ.

ވެސްޓް ހަމްގެ ފުރަތަމަ ލަނޑު މެޗުގެ 5 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޕަބްލޯ ޒަބަލޭޓާ ނަގައިދިން ހުރަހަކުން ފިލީޕޭ އެންޑަސަންއެވެ. ދެވަނަ ލަނޑަކީ ވެސްޓް ހަމްއާއި މިސީޒަނުގައި އަލަށް ގުޅުނު ޔޫކްރެއިންގެ އަންދްރީ ޔަމޮލެންކޯ ގޯލާ އަމާޒުކޮށް ފޮނުވާލި ހަމަލާއެއް މެންޗެސްޓަރގެ ދިފާއީކުޅުންތެރިޔާ ވިކްޓަރ ލިންޑެލޯފް ގައިގާ ޖެހި ބައިކޮޅަށް ވައިން ލަނޑެކެވެ.

ދެވަނަ ހާފުގައި ކައިރި ކާއިރީގައި މެންޗެސްޓަރއިން 3 ބަލަދު ގެނެސް ކުޅުން ރަނގަޅުކޮށް މެޗުގެ 71 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ޖަހައިދިން ލަނޑުން ފަރަގު ކުޑަކޮށްދިނެވެ. ނަމަވެސް އެ ލަނޑު ޖެހިތާ 3 މިނެޓުފަހުން ދެންވެސް ފެނުނީ ވެސްޓް ހަމުން ލަނޑެއްޖަހައި ލީޑް ފުޅާކުރި ތަނެވެ.

މި މެޗުން މެންޗެސްޓަރ ބަލިވުމާއި ގުޅިގެން މެންޗެސްޓަރ އޮތީ 10 ޕޮއިންޓާއެކު ތާވަލުގެ 8 ވަނައިގައެވެ. އަދި ތާވަލުގެ 1 ވަނައިގާއި އޮތް ލިވަރޕޫލާއި ދެމެދު 10 ޕޮއިންޓްގެ ފަރަގު އެބޯތެވެ.

މި މެޗުން މެންޗެސްޓަރ ބަލިވުމުން މޮރީނިއޯއަށް އޮތް ޕްރެޝަރުވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ. ލީގު އަދި މުބާރާތްތަކުގައި މެންޗެސްޓަރ ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން މޮރީނިއޯ މަގާމުން ވަކިކޮށް ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗް ޒިދާނާއި މެންޗެސްޓަރ ގެ ކޯޗުކަން ހަވާލުކުރަން އުޅޭ ކަމުގެ ހަބަރުތައް މިހާރުވެސް ދަނީ މީޑިއާގައި ދައުރުވަމުންނެވެ.  

Advertisement

ކޮމެންޓް

Advertisement