މުޒާހަރާކުރާ މީހުންގެ ގަޔަށް ބަޑިޖަހައިގެންވެސް ހުއްޓުވަން ފަރަންސޭސި ފުލުހުން ތައްޔާރުވެއްޖެ

15 Jan 2019 | 06:21

ފަރަންސޭސިވިލާތުގައި ރީނދޫ ޖެކެޓްއެޅި މުޒާހަރާކުރާ މީހުންކަންތައް ހަމަޔަކަށް އެޅުވުމަށް އެގައުމުގެ ސަރުކާރުން ހަތިޔާރު އެޅި ފުލުހުން މަގުތަކަށް ނެރެފިއެވެ. ފުލުހުންގެ އަތަށް ސެމީ އޮޓެމެޓިކް ބަޑިޔާއި އަސްލުވަޒަން ދީފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހުޅަނގުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހަތިޔާރު ދީފައި ރައްޔިތުންގެ ގަޔަށް ބަޑިޖަހަން ފުލުހުން ނެރުމަކީ ފަރަންސޭސި ރައީސް މެކްރޯންގެ ސަރުކާރުން ގާނޫނާއި ގަވާއިދު ތަންފީޒުކޮށް ހަމަޖެހުން ހިފެހެއްޓުމުގައި ނާކާމިޔާބުވެފައިވާކަމުގެ ނިޝާނެކެވެ.

ޔޫރަޕްގެ އެންމެ ތަހްޒީބު އެއްގައުމުކަމަށްވާ ފަރަންސޭސިވިލާތުން އެގައުމުގެ ރައްޔިތުން އިޖްތިމާއީ އަދި އިގްތިސާދީ އިސްލާހްތައް ގެނައުމަށް ގޮވައިލައި މުޒާހަރާކުރަން ނުކުތުމުން ހަތިޔާރެއް ރައްޔިތުންގެތެރެއަށް ބަޑިޖަހައި މުޒާހަރާ ރޫޅާލަން އުޅުމަކީ ލަދުވެތި ކަމެއްކަށް މުހައްލިލުން ސިފަކުރެއެވެ. ސަބަބަކީ އަރަބި ގައުމުތަކުގައި އެގައުމުތަކުގެ ސަރުކާރުތަކާއި ދެކޮޅަށް މިފަދައިން އިސްލާހީބަދަލަށްއެދި ރައްޔިތުން ކުރާ މުޒާހަރާ ހުއްޓުވަން އުޅުމަކީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުންކަމަށް ޔޫރަޕްގެ ގައުމުތަކުން ސިފަކޮށް އެގައުމުތަކާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން މިހާތަނަށް ޔޫރަޕުން މަސައްކަތްކޮށްފައިވާއިރު އަމިއްލަ ގައުމުގައި މިފަދަ ކަމެއް ކުރިމަތިވުމުން ހަމަ އެބީދައިން އަމަލުކުރާތަން ފެންނާތީއެވެ.

ފަރަންސޭސި ކޮންޒަވެޓިވް ކުރީގެ މިނިސްޓަރަކު ގޮވާލާފައިވަނީ މުޒާހަރާކުރާ މީހުންގެތެރެއަށް ފުލުހުން ބަޑިޖަހައިފެން އެކަން ހުއްޓުވުމަށެވެ.

ސަރުކާރުން ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރަމުންދާއިރުވެސް ފަރަންސޭސިމަގުތަކުގައި ރީނދޫޖެކެޓް އެޅި މުޒާހަރާކުރާމީހުންދަނީ އިސްލާހީ ބަދަލަށް ގޮވައިލައި އެމީހުންކުރާ މުޒާހަރާތައް އެތައް ހަފްތާތަކަކަށް ދަންމާލާފައެވެ. މިކަން ހުއްޓެން އުޅޭތަނެއް އަދި ނުފެނެއެވެ.

Advertisement

ކޮމެންޓް