Advertisement

އުފާ ފާޅުކުރުމަށް އިބޫ ރައްޔިތުންނާއި އެކު

30 Sep 2018 | 07:11

މިމަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ ބޮޑުތަނުން އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރައްވައިފި ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރުމާއިއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުން އުފާ ފާޅުކުރަންފަށައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެއްޖެ ކަން އިއުލާން ކުރުމާއިއެކު ރައްޔިތުންނާއިއެކު އުފާ ފާޅުކުރުމަށް އިންތިހާބީ ރައީސް އިބޫވެސް ވަނީ ނުކުންނަވައިފަ އެވެ. ނިމިގެންދިޔަ ރިޔާސީ އިންތިހާބު ތަފާތުބޮޑު ނަތީޖާއަކުން އިބޫ ކާމިޔާބު ކުރެއްވުމާއިގުޅިގެން އެކަމުގެ އުފާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ކުރަމުންނެވެ.

އެގޮތުން ހޮނިހިރު ދުވަހުގެ ހަވީރު އެމްޑީޕީގެ ހަރުގެ ކުރިމަތީ ބޭއްވި އުފާފާޅުކުރުމުގެ އެއްވުގައި އާންމުން ވަނީ އިބޫއަށް މަރުހަބާ ދެންނެވުމުގެ ޝުއޫރުތައް ހާމަކޮށްފަ އެވެ. އުފާފާޅުކުރުމަށް ބޭއްވި މި އެއްވުމަށް އިންތިހާބީ ރައީސް އިބޫ އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ވަޑައިގެން އާންމު މެމްބަރުންނާ ބައްދަލު ކުރައްވައި ސަލާމް ކުރެއްވި އެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ވަނީ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ އުފާފާޅުކުރުމުގެ ގޮތުން ސައިކަލު ބުރު ޖަހާފަ އެވެ.

އިންތިހާބީ ރައީސަކަށް އިބޫ ހޮވުމުގެ އުފާ ފާޅުކުރުން ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގައިވެސް ދިވެހިން ދިރިއުޅެމުންދާ ގައުމުތަކުގައި އަންނަނީ ކުރަމުންނެވެ. އެގޮތުން މެލޭޝިއާ އަދި ލަންކާ ހިމެނެއެވެ. މިދެ ގައުމުގައިވެސް ވަނީ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންތަކެއް ނުކުމެ އުފާ ފާޅުކޮށްފަ އެވެ.

2018 ސެޕްޓެމްބަރ 23 ވީ އާދީއްތަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފައި ވަނީ މިއަދުއެވެ. އެ ނަތީޖާއިން ދައްކާގޮތުގައި، ކެންޑިޑޭޓް ނަންބަރު 1، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،052 (41.60 އިންސައްތަ) ވޯޓެވެ. އަދި ކެންޑިޑޭޓް ނަންބަރު 2، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީން މުޙައްމަދު ޞޯލިޙަށް ލިބިވަޑައިގެންނެވީ 134،705 (58.40 އިންސައްތަ) ވޯޓެވެ.

Advertisement

ކޮމެންޓް