ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގައި އިސް ބޭފުޅަކަށް ޝާހިދު

30 Sep 2018 | 16:45

ރިޔާސީ އިންތިޚާބަށް ފަހު، ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ މަރުހަލާގެ މަސައްކަތްތަކުގައި، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ފަރާތުން ސިޔާސީ ގޮތުން އިސްކޮށް ހަރަކާތްތެރިވާނީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ކަމަށް ހަމަޖައްސައިފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން އިބޫގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަން ކުރުމަށާއި ސަރުކާރު ބަދަލު ކުރުމުގެ ކަންކަން ކުރުމުގެ މަސައްކަތް ހަވާލު ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދުއާއި ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، ޝާހިދު ހަމަޖެއްސެވީ ސިޔާސީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނުގެ ދަށުން، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ އެންމެ އިސްވެރިޔާ ކަމަށްވާ ޑައިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަން ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ޖަލުގަ އާއި ރާއްޖެއިން ބޭރުގައި ތިއްބެވި ސިޔާސީ ބޭފުޅުން މިނިވަން ކުރަން ކުރަމުންދާ މަސައްކަތާ ބެހޭގޮތުން މާރިޔާ ވިދާޅުވީ މިވަގުތު އެ ހުރިހާ ބާރެއް އޮތީ މިހާރުގެ ސަރުކާރަށް ކަމަށާއި އެކަމުގައި އެއްބާރުލުން ދެއްވަން އިބޫގެ ފަރާތުން ތިބީ ތައްޔާރަށް ކަމަށެވެ. އަދި ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް، ރައީސް އަބްދުﷲ ޔާމީނާ އެކު އިބޫ ބޭއްވި ބައްދަލުވުމުގައި އެދިވަޑައިގެންފައިވާ ކަން ވެސް މާރިޔާ ފާހަގަ ކުރެއްވި އެވެ.

Advertisement

ކޮމެންޓް