Advertisement

ލީގުގައި ލިވަޕޫލް މޮޅުވަމުން އައި އައުން ނިމުމަކަށް

30 Sep 2018 | 17:18

އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލް ދަމަހައްޓަމުން އައި މޮޅުވުމުގެ ރިކޯޑަށް ޗެލްސީއިން ނިމުމަކަށް ގެނެސްފިއެވެ. ލީގުގައި ލިވަޕޫލާއި ޗެލްސީ ބައްދަލުކުރި މެޗު ނިމިފައިވަނީ 1-1 ކުން އެއްވަރު ވެގެންނެވެ.

ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ ފޯރިގަދަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީ ޗެލްސީއިންނެވެ. މި ލަނޑު ޖަހާފައިވަނީ މެޗުގެ 25 ވަނަ މިނެޓުގައި ރެއާލް މެޑްރިޑުން ޗެލްސީއާއި މި ސިޒަނުގައި އަލަށް ގުޅުން ކްރޮއޭޝިއާގެ ތަރި މަޓެއޯ ކޮވެޗިކް ދިން ބޯޅައަކުން މިފަހުން އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކަމުންދާ އިޑެން ހަޒާޑެވެ.

ދެޓީމުގެ ފަރާތުންވެސް އިދިކޮޅު ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި މި މެޗުގައި ލިވަޕޫލަށް ނަތީޖާ އެއްވަރު ކޮށްދިނީ ސަލާހްގެ ބަދަލުގައި ކުޅެން ނުކުތް ޝަގިރީ ދިން ބޯޅަ އަކުން 89 ވަނަ މިނެޓުގައި ޑެނިއަލް ސްޓަރިޖެވެ. ސްޓަރިޖްވެސް މިމެޗުން ފެނިފައިވަނީ ބަދަލު ކުޅުން ތެރިއެއްގެ ގޮތުގައެވެ.

މިދިޔަ ހަފްތާގައިވެސް މި ދެޓީމް ވަނީ އިނގިރޭސި ލީގް ކަޕްގައި ބައްދަލުކޮށްފައެވެ. އެ މެޗް 2-1 ކުން ކާމިޔާބުކޮށް ފައިވަނީ ޗެލްސީއިންނެވެ. 

Advertisement

ކޮމެންޓް