އައްޑޫ ސިޓީގެ ޖަގަހައެއްގައި ރޯކުރި ފަރާތާ ރައީސް ޔާމީނާ އެއްވެސް ގުޅުމެއްވޭތޯ ތަހްގީގްކުރުމަށް އެމްޑީޕީން ގޮވާލައިފި

06 Sep 2018 | 21:39

އައްޑޫ ސިޓީ “އެޑްވާންސް ޖަގަހަ” ރޯކޮށް އަންދާލި މައްސަލަ ކުށްވެރިކޮށް، މިކަން ކުރި މީހުންނާ ރައީސް ޔާމީނާ އެއްވެސް ގުޅުމެއްވޭތޯ ބަލައި، ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ޙާޒިރުކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން (އެމްޑީޕީ)އިން ގޮވާލައިފި އެވެ.

އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އައްޑޫ ސިޓީ ފޭދޫ އެޑްވާންސް ޖަގަހައިގައި ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހުޅު ޖެހުމުގެ ސަބަބުން އެއިމާރާތްވަނީ ބޭނުންނުކުރެވޭ މިންވަރަށް އަނދާ، ވިރާނާވެފައިވާ ކަމަށެވެ. މީގެ ސަބަބުން ލިބުނު ގެއްލުން 5 ލައްކަ ރުފިޔާއަށް އަރާނެކަމަށް އަންދާޒާކުރެވޭ ކަމަށް އެމްޑީޕީންގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީން ބުނީ، މީގެކުރިންވެސް އައްޑޫ ސިޓީ މީދޫގައި އަޅާފައިހުރި “ނިންމާ ޖަގަހަ”އިގެ ބިއްލޫރިގަނޑު ތަޅާލައިފައިވާކަމަށާއި އަދި މޫނު ނިވާކޮށްގެން ތިބި ބަޔަކު، އައްޑޫ ސިޓީ މަރަދޫގައި ހުންނަ އެޕާޓީގެ އޮފީހަކަށްވަދެ ތަނުގައި ތިބި މީހުންނަށް އެކިވަރުގެ ހާނިއްކަކޮށްފައިވާ ކަމަށެވެ. މިއިން އެއްވެސްކަމެއް އެދެވޭގޮތެއްގައި ބަލާ، ތަޙްޤީޤުކޮށް، ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރެވިފައިނުވާކަމަށް އެޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"އެޑްވާންސް ޖަގަހަ ރޯކޮށްލުމާއި، އެހެނިހެންވެސް މިބާވަތުގެ ޖަރީމާތަކަކީ ބަޔަކު އަޑީގައި ތިބެ، ދުރާލާ ރާވާއިގެން، ރިޔާސީ ކެމްޕޭނަށް ހީނަރުކަން ގެނައުމަށާއި، ކެމްޕޭނުގެ ޙަރަކާތްތެރިންނަށް ބިރު ދެއްކުމަށް ހިންގާ ނޭއްގާނީ ޖިނާޢީ ޢަމަލުތަކެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީން ބުނީ އެއަމަލަކީ ސެޕްޓެންބަރު 23، 2018 ގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުޙައްމަދު ސޯލިޙަށް ތާއީދާއި، ތަރުހީބު ހަޖަމުކުރުމަށް ދަތިވާ ބަޔަކު ހިންގާ ވިޔަޔާނުދާ ކަންތައްތަކެއް ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކަންމިހެން ހުރިއިރު އެޕާޓީ އާއި، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ އަދި ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އެކުވެ އުފައްދާފައިވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަން ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް ކުރެވޭ ކެމްޕޭނަށް ހުރަސްއެޅުމަށް ހިންގަމުންގެންދާ ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓާލައި، ސުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ޙައްޤު އެންމެންނަށްވެސް ހަމަހަމަކަމާއެކު ލިއްބައިދިނުމަށް ސަލާމަތީ ޚިދުމަތްތަކާއި، އިލެކްޝަންސް ކޮމިޝަނަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އެޑްވާންސް ޖަގަހަ ރޯކޮށްލުންފަދަ މާލާއި، ޖާނަށް ގެއްލުންވާ މަގުން، ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ދެކޮޅަށް ހިންގަމުންގެންދާ އަނިޔާވެރި ޖަރީމާ ތަޙްޤީޤުކޮށް، ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދޭންޖެހޭ ޤާނޫނީ ޙިމާޔަތާއި، ރައްކާތެރިކަން، ފިކުރުގެ ތަފާތުތަކަށް ބެލުމެއްނެތި ލިއްބައިދިނުމަށް ކަމާބެހޭ މުއައްސަސާތަކަށާއި، ސަރުކާރަށް  އެމްޑީޕީން ވަނީ އިލްތިމާސްކޮށްފަ އެވެ.

Advertisement

ކޮމެންޓް