އަދީބުގެ ފަރުވާއަށް ހުރަަސްއަޅަނީ ހޯމް މިނިސްޓަރ އިމްރާން: އާއިލާ

19 Jan 2019 | 16:50

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާއަށް ހުރަސްއަޅަމުން ގެންދަވަނީ ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ކަމަށް އަދީބުގެ އާއިލާއިން ބުނެފިއެވެ.

އަދީބުގެ އާއިލާއިން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަަޔާނެއްގައެވެ.

އެ އާއިލާއިން ބުނީ އަދީބުގެ ބޭސްފަރުވާއަށް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އިސް ބޭފުޅުންނާއި ގުޅިގެން ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ހުރަސް އަޅުއްވަމުން ގެންދަވާކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވާގޮތުގައި 27 ނޮވެމްބަރު 2018ގައި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން އަހްމަދު އަދީބު އަބްދުލްގަފޫރު ގެއަށް ބަދަލުކުރެވި، 2 ޖެނުއަރީ 2019ގައި ކުރިން އެންގުމަކާނުލާ ޑޮކްޓަރުގެ އިރުޝާދާ ދެކޮޅަށް އަނބުރާ ޖަލަށް ގޮސްފައި ވަނިކޮށް، 5 ޖެނުއަރީ 2019 ވަނަ ދުވަހު އެމަޖެންސީކޮށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެނެވި ފަރުވާ ދޭން ފަށާފައިވަނީ، 19 ނޮވެމްބަރު 2018 ވަނަ ދުވަހު ކުރެވުނު އޮޕަރޭޝަނެއް ނާކާމިޔާބުވެ، އޭގެ ސަބަބުން ދިމާވި އިތުރު ސީރިއަސް މައްސަލަތަކަކާއި ގުޅިގެންނެވެ.

މި ބަޔާނުގައި ވަނީ އަދީބްގެ ސިއްހީ ހާލުކޮޅާއި ގުޅުންހުރި މުހިންމު މައުލޫމާތު ތަކެއް ހިއްސާކޮށްފައެވެ.

އެގޮތުން އަދީބުގެ ހަށިގަނޑުގައި ކިޑްނީ ހިލަހުރިކަން މީގެ ދެ އަހަރު ކުރިން ފާހަގަކުރެވުނު ނަމަވެސް، ދެ އަހަރުގެ މުއްދަތެއް އެބައްޔަށް އެކަށީގެންވާ ފަރުވާއެއް ނުކުރެވި ދިއުމަށްފަހު، ހިލަ 'ޔުރޭޓަރ'އަށް ޕާސްކޮށް، އެ ހިސާބުގައި ތާށިވުމުގެ ސަބަބުން 19 ނޮވެމްބަރު 2018ގައި އައި.ޖީ.އެމް.އެޗްގައި ކުރެވުނު ލޭޒަރ ޓްރީމަންޓް އޮޕަރެޝަންގައި ހިލައިގެ އެއްބައި ގޮއްވާލެވުނު އިރު، ހިލައިގެ އަނެއްބައި ވަދެފައިވަނީ ކިޑްނީއަށެވެ. ކަންމިހެން ހިނގުމާއެކު، ޑޮކްޓަރުން ނިންމީ އޮޕަރޭޝަން މެދުކަނޑާލުމަށްފަހު، އޮޕަރޭޝަންގެ ތެރޭގައި ދިމާވި އިތުރު ސީރިއަސް ކަންކަމަށް ފަރުވާދިނުމަށްކަމަށް ބުނެފައިވެއެވެ.

މިކަމުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ، އަނބުރާ ކިޑްނީއަށް ވަތް ހިލަކޮޅުގެ 'ފްރެގްމަންޓްސް'ތައް ފޭބުމަށް ދިގުމުއްދަތެއް ނެގުމާއި، އޭގެ ދިޔައިގެ ސަބަބުން އަދީބުގެ ހަށިގަނޑުގައި ނުރައްކާތެރި ލޭގެ އިންފެކްޝަނެއް އުފެދި އިތުރު ފަރުވާކުރަން ޖެހުންކަމަށް އާއިލާއިން މައުލޫމާތުދެއެވެ.

އާއިލާ އިން އިތުރަށް ފާހަގަ ކުރާ ގޮތުގައި އަދީބު ޑިސްޗާޖު ކުރުމުގެ އެއްވެސް ބާރެއް ޑޮކްޓަރުންނަށް ނެތްކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ. އަދި އެއީ އިދާރީ ފަރާތްތަކުން ކުރިއަށް ގެންދާ ކަމެއްކަމަށާއި ރަސްމީ ގަޑިއެއްގައި ނޫންނަމަ، އަދީބު ޑިސްޗާޖު ކޮށްފިއްޔާ އާއިލާއަށް ނޭނގޭނެކަމަށްވެސް ބުނެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement