Advertisement

2009 ގެ ކަންކަން 2019ގައި ތަކުރާރުވަނީބާ؟

20 Jan 2019 | 19:32

މިދިޔަ ހުކުރު ދުވަހުގެ އެމްޑީޕީގެ ޕްރައިމަރީ ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ދޮންވެ ފައްކާވެ، މަޖިލީހުގެ ޓިކެޓްތައް ތަބަކަށްލާފައި ދިނުމަށް ނޫނެކޭ ބުނެ ރައްޔިތުން އެދޭ މީހުންނަކީ ޕާޓީގެ ކެނޑިޑޭޓުންކަމުގައި ހެދީއެވެ.

އެރޭ ޕްރައިމަރީ ނިމުނު ވަގުތުގައި މުޅި ޓްވިޓަރ މުޅިން އަޑުގަދަވެއްޖެއެވެ. ސަރުކާރުގެ އިއްތިހާދުގެ އެއް ލީޑަރ ކަމަށްވާ އޮަނަރަބަލް ގާސިމް އިބްރާހިމްގެ ހިތުގެ އުދާސްތައް ސުމާރެއް ނެތްގޮތަށް ބަންޑުންކޮށްލެއްވީއެވެ. ކޯލިޝަންގެ އެހެނިހެން ބައިވެރިން ޕްރައިމަރީގައި މޮޅުވި ފަރާތްތަކަށް މަރުހަބާ ކިޔަމުންދިޔަ އިރު، ގާސިމް އިބްރާހިމް ހުންނެވީ ކޯލިޝަން ރޫޅާލައި ގިނިކަންޏާ ހިނގާލުމަށް ދާން ތައްޔާރުވެ ވަޑައިގެންނެވެ.

އެބޭފުޅާ ޓްވީޓްކުރެއްވިއެވެ. އެމްޑީޕީއަށް ވެރިކަން ލިބުނީމާ ޖޭޕީއަށް މިފަހަރުވެސް މިޖެހުނީ ސަލާންޖަހަންށެވެ. މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމުގައި ޖޭޕީއާއެކު ގުޅިގެން މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަ ދައްކަން ޖޭޕީ ތައްޔާރުޖައީމެވެ.

އެވަގުތު މުޅި ސޯޝަލް މީޑިޔާ ކެކިއުތުރި އަރައިގެން ދިޔައެެވެ. ގާސިމް އިބްރާހިމް މަޖިލީހަށް ކުރިމަތިލައްވަންޏާ ހުރިހާ ފަރާތަކާއި ގުޅިގެން ކުރިމަތިލަންޏާ، އެމަނިކުފާނު އަނެއްކާވެސް ރައީސް ޔާމީންއާއި ބައިއަތު ހިއްޕަވަނީތޯ ގިނަ ބަޔަކު ސުވާލު އުފައްދަން ފެށިއެވެ. އަދި ވެރިކަމަށް އައުމުން ގާސިމްގެ ބޭނުމެއް ދެން ނެތްކަމަށާއި ކޯލިޝަނުން ގާސިމް ބޭރުކުރުމަށްވެސް ގޮވާލަމުންދިޔަ ފަރާތްތައް މަދެއް ނޫނެވެ.

ހުކުރު ދުވަހުގެ ރޭ އޮތް އެމްޑީޕީގެ ޕްރައިމަރީގައި ގިނަ އަދަދެއްގެ ފަރާތްތަކުން ވޯޓުލީ ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އެކަން ޚުދު ރައީސް ޔާމީންއަށްވެސް އަދި ގާސިމް އިބްރާހީމްއަށްވެސް ފެނިވަޑައިގަންނަވާނެއެވެ. އެމްޑީޕީއިން ގިނިކަންޏާ މަޖިލީހުގެ މެޖޯރިޓީ ހާސިލްކުރެވޭނެފަދަ ތާއިދު އޮތްކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ. ޕްރައިމަރީން ބަލިިވި ކެނޑިޑޭޓުންވެސް މޮޅުވި ކެނޑިޑޭޓުންނަަށް މަރުހަބާކިޔައި، މަޖިލީހުގެ ގޮނޑި ކާމިޔާބުކޮށްދިނުމަށް ކެމްޕެއިން ކޮށްދޭނެކަމަށް ބުނެހެދިއެވެ. އެތެރޭގެ ޑިމޮކްރަސީ ދޮންވެ ފައްކާވާނީ ހަމަ މިވަރަށް ނޫންތޯއެވެ؟

މުސްކުޅިން ބުނެއުޅޭ ބަހެއް އޮވެއެވެ. މާޒީއަކީ މުސްތަގްބަލްގެ މޫނު ބަލާ ލޯގަނޑެވެ. ދެންމެ މި ދެއްކި ހުރިހާ ވާހަކަތަކަކީވެސް މީގެ ކުރިން ހަމަ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގައިދިޔަ ކަމެކެވެ. 2008 ވަނަ އަހަރު އޭރުގެ ރައީސް މައުމޫން ބަދަލުކުރަން ހެދި ކޯލިޝަންގެ އެންމެ އިސް އެއް ބައިވެރިޔަކީ ހަމަ އޮނަރަބަލް ގާސިމް އިބްރާހިމްއެވެ.

އެފަހަރުވެސް މަޖިލިސް އިންތިޚާބުގެ ކުރިން ކޯލިޝަންގެ މާމުއި ހަނދުވަރު މޫސުމުގައި، އެ ކޯލިޝަން ވަރިފަށަށް އެރީއެވެ. ގާސިމް ކޯލިޝަނުން ދުރުވެ އޭރުގެ އިދިކޮޅާއި ކޯލިޝަން ހައްދަވައިގެން މެޖޯރިޓީ ފަޅީގައި އިންނެވީއެވެ.

ނަމަވެސް އޭރާއި މިހާރާއި ވަރަށް ތަފާތެވެ. ސޯޝަލް މީޑިޔާގައި ވައިރަލް ވެގެން އުޅޭ ޓެން އިޔަރ ޗެެލެންޖުންވެސް އެކަން އިނގެއެވެ. ގާސިމް ސަރުކާރު ކޯލިޝަންއާއި ފެޔަށް ވަޑައިގަންނަަވަން މަސައްކަތް ކުރައްވާކަމުގައި ވަނީނަމަ، ދެން އޮތް ފަޅިއަކީ ރައީސް ޔާމީންއެވެ. އެކޮޅުކޮޅުން އެލުވައި ކާޅަށް ކޮށައި ކާންދިންކަމުގައިވިޔަސް ދެނެއް ރައީސް ޔާމީންއަށް ތާއިދުނުުކުރައްވާނެކަަމަށް ވިދާޅުވެ، ދެން ރައީސް ޔާާމީންއާއި އަލުން ގުޅިއްޖެނަމަ ރައްޔިތުންގެ ގާތުގައި ގާސިމްއަށް އޮންނާނެ ތާއިދާއި މެދު ސުވާލު އުފެއްދެއެވެ. ހަމައެހެންމެ ރައީސް ޔާމީންއާއި އެމަނިކުފާނުގެ ކޭމްޕްގެ ސިޔާސީ މުސްތަގްބަލާއި މެދު ސުވާލު އުފެދިފައި އޮއްވާ، އަދި އަދާލަތު ޕާޓީއާއި އެމްއާރްއެމްވެސް ކޯލިޝަނާއި ދުރުނުވާން އޮއްވައި ގާސިމް ވަޑައިގަންނަވަނީ ކޮން ދިމާލަކަށްތޯ ސުވާލު އުފެދެއެވެ.

މަޖިލިސް 19 ހަމަ ގައިމުވެސް ވެގެންދާނީ ފޯރިގަދަ މަޖިލީހަކަށެވެ. ޖަޒީރާ ސަރުކާރުގެ ވައުދުތައް ފުއްދުމުގައި ހޭވައްޓާލާފައި އުޅެންޖެހޭ މި މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެންވާނެކަމަށް ރައީސުލްޖުމްހޫރިއްޔާވެސް ވިދާޅުވެއްޖެއެވެ. މަޖިލީހެއްނަމަ އިދިކޮޅުގެ ބަސްވެސް އޮންނަންވާނެއެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ ނުލިބޭނެކަން އެނގުމުން ގާސިމް ކޯލިޝަނާއި ފެޔަށް ވަޑައިގަތުމަކީ ގާސިމްއަށް 2009 ގައި ކުރި ފަދައިން ސިޔާސީ ފައިދާއެއް ކުރާނެ ކަމެއްބާވައެވެ؟

Advertisement

ކޮމެންޓް