ލޭބަރ ޕާޓީންވެސް މަޖިލީހަށް ވާދަކުރަނީ

21 Jan 2019 | 21:29

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ގެ ފަރާތުން މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.

ލޭބަރ ޕާޓީން މިހެން ބުނެފައިވަނީ އެޕާޓީ ރަޖިސްޓަރ ކުރުމަށްފަހު މިއަދު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ސްޕޯކްސްޕާސަން މައުރޫފް ޒާކިރު ވިދާޅުވީ، އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި 15 ވަރަކަށް ދާއިރާއަށް އެ ޕާޓީގެ ފަރާތުން ކެންޑިޑޭޓުން ނެރޭނެކަމަށެވެ. އަދި އެޕާޓީގެ ފަރާތުން މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، އެހެން ގޮތްގޮތުން ކުރިމަތިލާ ބައެއް ކެނޑިޑޭޓުންނަށްެވެސް ތާއިދުކުރާނެކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ.

އެބޭފުޅާ އިތުރަށް ވަނީ ޕާޓީގެ މެންބަރުންގެ އަތުން ޗަންދާގެ އުސޫލުން މެންބަރޝިޕް ފީއެއް ނަގާނެކަމަށް ހާމަކުރައްވާފައެވެ.

އަދި މި ނޫން ގޮތަކަށް ޕާޓީ ހިންގަންވެއްޖެނަމަ ދެން ޖެހޭނީ މަހުޖަނުންގެ ފަހަތުން ލާރި ހޯދަން ދުވަން ކަން ޕާޓީގެ މެންބަރުންނަށްވެސް އެނގޭނެކަމަށް މައުރޫފް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement