Advertisement

"ފައިވް ފީޓް އަޕާޓް": "ދަ ފޯލްޓް އިން އަވާރ ސްޓާޒް" ގެ ފޭނުންނަށް ކަމުދާނެ އާ ރިލީޒްއެއް

22 Jan 2019 | 10:59

ފަހުގެ ތާރީޚުގައި ޒުވާން ބެލުންތެރިންގެ މެދު ދުވަހަކުވެސް ލޯބީގެ ފިލްމެއް މަޤްބޫލުނުވާވަރަށް ކުރިއަރައިގެންދިޔަ "ދަ ފޯލްޓް އިން އަވާރ ސްޓާޒް" އަކީ ކެންސަރު ބައްޔަށް ފަރުވާ ލިބިގަންނަމުން އަންނަ ދެކުއްޖެއްގެ ވާހަކަައެކެވެ. ހިތްދަތި ދެރަ ތަޖުރިބާތަކެއް ކުރަންޖެހިފައިވާ ފުރާވަރުގެ ދެ ކުއްޖެއް ލޯބީގެ ގުޅުމުން ގުޅޭ މަންޒަރު ދައްކުވައިދޭ މި ފިލްމުވެގެންދިޔައީ ގިނަ ބަޔަކު ރޮއްވާލި ބްލޮކްބަސްޓާރ އަކަށެވެ.

ހަމަ މިފަދައިން ބެލުންތެރިންގެ އިހްސާސްތަކާ ކުޅެލާނެ އުފެއްދުމެއްކަމަށް ގިނަ ބަޔަކު ސިފަކުރާ "ފައިވް ފީޓް އަޕާޓް" އަކީ މި އަހަރު މާރޗް 22 ގައި ނިކުންނަ ޒުވާން ލޯބީގެ ފިލްމެކެވެ.

މި ފިލްމުން ފެނިގެންދާނީ ފަރުވާލިބިގަތުން އުނދަގޫ ބައްޔެއްކަމަށްވާ ސިސްޓިކް ފައިބްރޯސިސް އާއެކު ދިރިއުޅެމުން އަންނަ ދެކުދެިންނެވެ.

ދިވެހިންގެތެރޭގައި "ރިވާރޑޭލް" އިން މަޝްހޫރުި ކޯލް ސްޕްރައުސް ފިރިހެން ލީޑްގެ ގޮތުން ހަރަކާތްތެރިވާ މި ފިލްމުގެ އަންހެން ބަޠަލާއަކީ "ސްޕްލިޓް" އިން ބެލުންތެރިންނަށް ފެނިގެންދިޔަ ހުނަރުވެރި އެކްޓްރެސް ހޭލީ ލޫ ރިޗާޑްސަން އެވެ.

ފިލްމުގައި ދައްކުވައިދޭ ދެކުދިންވެސް، ސިސްޓިކް ފައިބަރޯސިސް ހުރުމާއެކު މަޖުބޫރުވަނީ އަބަދުވެސް އެކަކު އަނެކަކާ މަދުވެގެން ފަސް ފޫޓު ދުރުގަ ހުރުމަށެވެ. މާ ގާތްވުމުގެ ސަބަބުން އިންފެކްޝަނެއް ޖެހިއްޖެނަމަ ފުރާނައަށް ނުރައްކާވެދާނެކަން ދެނެހުރެ، ފުރާވަރުގެ ދެކުއްޖަކު ލޯބިގެ ގުޅުމުން ގުޅޭ މަންޒަރު ދައްކުވައިދޭ މި ފިލްމަށް ވަނީ ތަފާތު ފާޑުކިޔުންތަކެއްވެސް އަމާޒުވެފައެވެ.

ބައެއް މީހުން ދެކޭ ގޮތުގައި މި ފިލްމަކީ ސިސްޓިކް ފައިބްރޯސިސް ފަދަ ސީރިއަސް ބައްޔެއްގެ މަތި އޮމާންކޮށްލާގޮތަކަށް ތައްޔާރުކުރެވިފައިވާ އުފެއްދުމެކެވެ.

ރޭޗަލް ލިޕިންކޮޓް ލިޔެފައިވާ "ފައިވް ފީޓް އަޕާޓް" ފޮތަށް ބިނާކޮށް ހެދި މި ފިލްމަކީ، އަސްލު ދިރިއުޅުމުގައި ސިސްޓިކް ފައިބްރޯސިސްގެ ސަބަބުން ހިތްދަތިކަން ތަޙައްމަލްކުރަމުން އަންނަ ބަލިމީހުންގެ އިހުސާސްތަކަށް އިހްތިރާމް ކޮށްގެން ތައްޔާރުކުރި އުފެއްދުމެއް ނޫންކަމަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ނަމަވެސް ފިލްމު ތައްޔާރުކުރުމުގައި އާންމު ދިރިއުޅުމުގައި ސިސްޓިކް ފައިބްރޯސިސް އާ ހަނުގުރާމަކުރާ މީހުންގެ ހިއްސާ އޮތްކަންވެސް ފާހަގަކޮށްލެވެއެވެ.

އަދިފިލްމުގެ އެއްވެސް މަންޒައް ސިނަމާގައި އަދި އަޅުވާފައިނުވާއިރު، ފިލްމު ބެލުމަށްފަހު ނޫނީ މި ފިލްމަކީ "ދަ ފޯލްޓް" އަަށްވުރެއްވެސް އަސަރުގަދަ ބްލޮކްބަސްޓާރއެއްތޯ ޔަޤީންކުރެވޭކަށްނެތެވެ. 

Advertisement

ކޮމެންޓް