ކެލިފޯރނިޔާގެ ސެނެޓާރ ކާމަލާ ހެރިސް2020 ގައި ރިޔާސީ ކެމްޕޭނަށް!

22 Jan 2019 | 07:47

ގިނަ ދުވަސްތަކެއް ވަންދެން އެމެރިކާގައި ސަރުކާރަށް ޚިދުމަތްކޮށްދީފައިވާ، ކެލިފޯރނިއާގެ ދެ ޑެމޮކްރެޓިކް ސެނެޓަރުންގެ ތެރެއިން ކާމަލާ ހެރިސް ވަނީ، ނިމި ދިޔަ މާރޓިން ލޫތާރ ކިންގް ޖރ. ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޭނާގެ ރިޔާސީ ބިޑް އިއުލާންކުރައްވައިފިއެވެ.

އޭނާއަކީ މިހާރު އެމެރިކާގެ ސެނެޓްގެ ތެރެއިން 2020ގެ ރިޔަސީ އުއްމީދެއް ގެންގުޅުއްވާކަން އާންމުކުރެއްވި 3 ވަނަ ސެނެޓާރއެވެ.

އޭނަ ނިސްބަތްވާ ޑިމޮކްރެޓިކް ޕާޓީގެ ނޮމިނޭޝަން ހާސިލްކުރެވިއްޖެނަމަ ކާމަލާ ހެރިސް ވެގެން ދާނީ، ބޮޑު ޕާޓީއަކުން ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ނުކުންނާނެ ފުރަތަމަ އެފްރިކާ-އެމެރިކާ ނަސްލުގެ އަންހެން ޝަަޙްސިއްޔަތަށެވެ.

އުމުރުން 54 އަހަރުގެ ކާމަލާ ވަނީ މީގެކުރިން އެޓާރނީ ޖެނެރަލްގެ މަޤާމްވެސް ފުރުއްވާފައެވެ. އަދި އެފްރިކާ-އެމެރިކާ ނަސްލަށް ނިސްބަތްވާ މީހެއްގެ ހައިސިއްޔަތުން ސިޔާސީ ދާއިރާގައި އެހާ ކާމިޔާބުކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތަކަށް އޭނާ ވުމުން ގިނަ ބަޔަކު އަންނަނީ ކާމަލާއަށް ތަޢުރީފުވެސް ކުރަމުންނެވެ.

2016 ވަނަ އަހަރު ސެނެޓްއިން ޖާގަ ހޯދި ކާމަލާގެ ރިޔާސީ އުއްމީދުތަކުގެ ވާހަކަ އެމެރިކާގެ ސިޔާސީ ދާއިރާގައި ދަނީ ތަފާތު އެކި ގޮތްގޮތަށް ދެކެވެމުންނެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި، ޤާނޫންތަކާއި ޤަވައިދުތަކަށް ފަރިތަ، ޖުޑިޝަރީ އަދި ސިޔާސީ އެކި މަޤާމުތައް ފުރުއްވާފައިވާ ހެރިސް ގެ ކިބައިން ފެންނަނީ، އެމެރިކާއަށް މިހާރު ދިމާވެފައިވާ ސިޔާސީ ނުތަނަވަސްކަމުން ޤައުމު އުފުއްލަދޭނެފަދަ ލީޑަރެއްގެ ކިބައިން އުއްމީދުކުރާނެ ސިފަތަކެކެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ސަރުކާރު މުޅިން ހުއްޓުމުކަށް އައިސް އޮންނަތާ އެއް މަސް ފާއިތުވެގެން ގޮސްފައިވާއިރު، އެ ގައުމުގައި ސަރުކާރު މުވައްޒިފުން މިއަދު ވަޒީފާއަށް ނުކުންނަނީ މުސާރަވެސް ނުލިބިތިބެއެވެ.

ކާމަލާ ވަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޓްރަމްޕް ސަރުކާރުގެ ގިނަ ސިޔާސަތުތަކަށް ފާޑުކިޔުމުގައި ހަރަކާތްތެރިވެފައެވެ.

ހިލޭ ބޭސްފަރުވާ އަދި އިމިގްރޭޝަން ފަދަ މުހިންމު ސިޔާސީ މައްސަލަތަކުގައި ކާމަލާ ދަނީ އެތައް މިލިއަން މީހުންނެއްގެ ހައްޤުގައިި ވަކާލާތުކުރުމުންނެވެ.

ކާމަލާގެ ސިޔާސީ ކެރިއާރ އޭނާ ބިނާކޮށްފައިވަނީ ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް މަަސައްކަތްކުރުމަށާއި، އެކި މައްސަލަތަކުގައި އިންސާނީ ކަރާމާތާއި، އިންސާފް އަދި ހަމަހަމަކަން އިސްކުރުމަށެވެ.

Advertisement

ކޮމެންޓް