އަންދާދުން: ބޮލީވުޑްއިގެ މުޅިން ތަފާތު ކުލަވަރެއް!

23 Jan 2019 | 10:55

ފަހަކަށް އައިސް ނެޓްފލިކްސް އިން ދަނީ ތަފާތު އެކި ގައުމުތަކުގެ ފަންނާނުން ފެނިގެންދާނެގޮތަށް އެތައް ބައިވަރު މޮޅު އަމިއްލަ އުފެއްދުންތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދެމުންނެވެ.

އެގޮތުން ނެޓްފްލިކްސް އިން އުފެއްދި "އަންދާދުން" މި ފިލްމު ވެގެންދިޔައީ ބޮލީވުޑްގެ ތަރިންތަކަށް ވިދާލުމަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.

ތްރިލާރ އެއްކަމަށްވާ މި ފިލްމުން ފެނިގެންދާ ފަންނާނުންގެ ތެރެއިން އަޔުޝްމާން ޚުރާނާ، ރާދިކާ އާޕްޓޭ އަދި އިހުގެ އުޖާލާ އެކްޓްރެސް ތައްބޫ ވެސް ހިމެނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ނެޓްފްލިކްސް އިން ރިލީޒްކުރި މި ފިލްމަށް ވަނީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ އެތައް ބައެއްގެ ތަޢުރީފުވެސް ލިބިފައެވެ.

ފްރާންސްގެ ކުރު ފިލްމެއް ކަމަށްވާ "ދަ ޕިޔާނޯ ޓިއުނާރ (2010)" އަށްބިނާކޮށް ތައްޔާރުކުރެވިފައިވާ މި ފިލްމުން އަޔުޝްމާން ފެނިގެންދަނީ ލޯފަންކަމަށް ހެދިގެން އުޅޭ ޕިއާނޯ ކުޅުންތެރިއެއްގެ ރޯލުންނެވެ. އަދި ތްރިލާރ ޖޯންރާގެ ފިލްމުތަކަކީ ބޮލީވުޑްގައި މަދުން ނޫނީ ނުފެންނަ ފިލްމތަކަކަށް ވުމުން، ސްކްރީންމަތިން ފެނިގެންދާ ބައެއް މަންޒަރުތައް ވެދާނީ ބެލުންތެރިން ސިއްސުވާލާފަދަ މަންޒަރުތަކަކަށްވުން އެކަށީގެންވެސް ވެއެވެ.

މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އަޔުޝްމާން އަށް "ލޯފަން" ޕިއާނިސްޓެއްގެ ހައިސިްއްޔަތުން، ޕިއާނޯ ކުޅެން ތައްބޫއާއި އޭނަ ފިރިމީހާ ދިރިއުޅޭ ގެޔަށް ދެވުމުން ދިމާވާ ހައިރާންކުރަނިވި ކަންތައްތަކެއްގެ މައްޗަށެވެ.

މި ފިލްމުން އެންމެ އާދަޔާ ޚިލާފު ރޯލެއް ދައްކުވައިދެނީ ތައްބޫއެވެ. ތަޖުރިބާކާރު އެކްޓްރެސްއެއްގެ ހައިސިއްޔަތުން ތައްބޫ އޭނާގެ އެ ފުރިހަމަ ހަރަކާތްތަކުން ދައްކުވައިދެނީ، އަދިވެސް އޭނާއަކީ ކާމިޔާބު އަދި ކުޅަދާނަ ފަންނުވެރިއެއްކަމެވެ.

ރާދިކާ އަޕްޓޭގެ ފަރާތުންވެސް ފުރިހަމަ ހުށަހެޅުމެއް ބަލާލަން ލިބޭއިރު، ފިލްމުގައި އޭނާއަށް އަދާކުރަން ލިބުނު ރޯލް ކުޑަކަން ފާހަގަކުރެވެއެވެ. އަދި "ލޯފަން" ޕިއާނޯ ކުޅުންތެރިޔާގެ ރޯލް އަދާކުރުމުގައި އަޔުޝްމާން ޕިއާނޯ ކުޅެން ދަސްކުރިކަން އެއީ މި ފިލްމަކީ ފެންވަރުގެ އުފެެއްދުމެއްކަން ސާބިތުކޮށްދޭކަމެކެވެ.

"އަންދާދުން" މި ފިލްމް ބިނާެފައިވަނީ ފަހަކަށް އައިސް ބޮލީވުޑުން ނުފެންނަ ފެންވަރުގެ މޮޅު ސްކްރިޕްޓެެއްގެ މައްޗަށެވެ. އަދި ފިލްމުގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ފަންނާނުންތައް މި ސްކްރިޕްޓައް ދިރުންދޭތަން ބަލާލުން އެއީ، ކިރިޔާވެސް ކުރީގެ ފިލްމުތަކަށް ލޯބިކުރާމީހަކު ނަމަ ކުރަން ލަސްކޮށްގެންވާނެ ކަމެއް ނޫނެވެ.

އެންމެ އިހުގެ ހުށަހެޅުންތެރިކަމުގެ އުކުޅުތައް ބޭނުންނޮކޮށްގެން ބެލުންތެރިންނާ ހިސާބަށް ނެޓްފްލިކްސް އިން ގެނެސްދިން މި އުފެއްދުމަކީ މޮޅު ބޮލީވުޑް ތްރިލާއެއްގެ ވަރަށް ފުރިހަމަ މިސާލެކެވެ.

Advertisement

ކޮމެންޓް