ޓެކްސްއަށް މަކަރު ހެދިކަން ސާބިތުވެ ރޮނާލްޑޯއަށް ދެ އަހަރުގެ ސަސްޕެންޑެޑް ޖަލު ހުކުމެއް

22 Jan 2019 | 21:32

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކްރިސްޓިއާނޯ ރޮނާލްޑޯ ޓެކްސްއަށް މަކަރު ހެދިކަން ސާބިތުވެ އޭނާއަށް ދެ އަހަރު ދުވަހުގެ ސަސްޕެންޑެޑް ޖަލު ހުކުމަކެއް އިއްވައިފިއެވެ. މީގެ އިތުރުން މި މައްސަލައިގަ ރޮނާލްޑޯވަނީ 17 މިލިއަން ޕައުންޑުން ޖޫރިމަނާވެސް ކޮށްފައެވެ.

ޖަލު ހުކުމެއްއައި ކަމުގައިވިޔަސް ސްޕެއިންގެ ގަނޫނުގައިވާ ގޮތުން ދެ އަހަރު ނުވަތަ ދެ އަހަރުން ދަށުގެ ބައެއް ހުކުމްތަކަށް ޕްރޮބޭޝަން ލިބެއެވެ. އެހެންކަމުން އިތުރު ކުށެއް ނުކުރާނަމަ ރޮނާލްޑޯ ޖަލުގައި ހުރެ ހުކުމް ތަންފީޒްކުރާކަށް ނުޖެހޭނެއެވެ.

ކަމާބެހޭ އިދާރާތަކުން ތުހުމަތުކޮށްފައިވަނީ 2011 އައި 2014 ވަނަ އަހަރާއި ދެމެދު ރޮނާލްޑޯ ރެއާލް މެޑްރިޑްއަށް ކުޅުނު ދުވަސްވަރު ޓެކްސްއަށް މަކަރު ހަދާ އޮޅުވާފައިވާ ކަމަށެވެ.

ރޮނާލްޑޯވަނީ މި މައްސަލައިގެ ތަހުގީގުތަކަށްފަހު ސްޕެއިންގެ ޕްރޮސެކިއުޓަރުން އަދި ޓެކްސް އިދާރާތަކާއި ދެމެދު މީގެ ދުވަސް ކޮޅެއް ކުރިން އެއްބަސްވުމަކަށް އައިސްފައެވެ. މިހާތަނަށް މި އެއްބަސްވުމަށް އަމަލީ ސިފަ އައިސްފައިނުވަނީ ރޮނާލްޑޯ ސްޕެއިންގެ ކޯޓަށް ހާޒިރުވެފައިނުވާތީއެވެ.

ރޮނާލްޑޯވަނީ ވީޑިއޯ މެދުވެރިކޮށް ކޯޓަށް ހާޒިރުވުމަށް ހުށަހަޅާފައެވެ. ނަމަވެސް ސްޕެއިންގެ ކޯޓުންވަނީ އޭނާގެ ރިކުއެސްޓަށް ނޫނެކޭ ބުނެފައެވެ.

މި މައްސަލައިގަ ރޮނާލްޑޯ ކުޑަ ވަގުތުކޮޅެއް ކޯޓުގައި ހޭދަ ކުރަން ޖެހުނުއިރު މީޑިއާތަށް އޮތީ ކޯޓު ކައިރި ފުނިޖެހިފައެވެ. ކޯޓުން ނުކުމެގެން ރޮނާލްޑޯ އޭނާގެ ލޯބިވެރިޔާއާއެކު ފެނިގެންދިޔައީ ހިނިތުންވުމާއެކު ވަރަށް ހަމަޖެހިފައި ހުރި މަންޒަރެވެ.

2011 އައި 2014 ވަނަ އަހަރައި ދޭތެރޭ 12.9 މިލިއަން ޕައުންޑުގެ ޓެކްސްއަށް މަކަރު ހަދާފައިވާ ކަމުގެ ތުހުމަތުވަނީ ރޮނާލްޑޯއައި ދޭތެރޭ ކުރެވިފައެވެ. މީގެ އިތުރުން އިމޭޖް ރައިޓްސްގެ ގޮތުގައި ރޮނާލްޑޯއަށް ލިބިފައިވާ 25 މިލިއަން ޕައުންޑް ޑިކްލެއާ ކޮށްފައިވާނުވާކަމުގެ ތުހުމަތުވެސް އޭނާއައި ދޭތެރޭ ކުރެވެއެވެ.

ފަސް ފަހަރު ބެލޮންޑިއޯ ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ހިމެނެނީ ދުނިޔޭގެ އެންމެ މުއްސަނދި އެޓްލީޓުންގެ ތެރޭގައެވެ. 

Advertisement

ކޮމެންޓް