ކަންގަނާ ރަނާވަތް މިފަހަރު "ޖާނސީ ކި ރާނީ" ގެ ރޯލުން!

23 Jan 2019 | 10:01

"މަނިކަރްނިކާ: ދަ ކްވީން އޮފް ޖާނސީ" އިން ކަންގަނާ ފެނިގެންދާނީ އިންޑިޔާގެ ތާރީޚުގެ ތެރެއިން ފާހަގަކޮށްލެވޭ ޝަޙްސިއްޔަތެއް ކަމަށްވާ، ޖާނސީ ގެ ރާނީގެ ގޮތުގައި މަޝްހޫރުވި "ލަކްޝްމީބައި" ގެ ރޯލުންނެވެ. ލަކްޝްމީ އަކީ 1857 ވަނަ އަހަރު އިންޑިޔާއިން އިނގިރޭސި ކޮލޮނިސްޓުންނާ ދެކޮޅަށް ކުރި ބަޣާވާތުގައި ފާހަގަކުރެވުނު ލީޑަރެކެވެ. 

އޭރު އޭނާ އަކީ އިންޑިޔާގެ "ޖާނސީ" އޭ ކިޔުނު، މިހާރުގެގޮތުންނަމަ "އުއްތަރް ޕްރަޑޭޝް" ގެ ރާނީއެވެ.

"މަނިކަރްނިކާ މި ފިލްްމުން ދައްކުވައިދޭ މަންޒަރުތަކާ ދެކޮޅަށް އިންޑިޔާގެ ބައެއް ފަރަތްތަކުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު، މި ފިލްމް މި ވަނީ ކަންްގަނާގެ މުޅި ފިލްމީ ހަޔާތުގަވެސް އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަށެވެ. ސަބަބަކީ ކަންގަނާ އެންމެ ފަހުން ފެނިގެން ދިޔަ ދެ ފިލްމްވެސް ވަރަށް ބޮޑަށް ބޮކްސް އޮފީހުގައި ނާކާމިޔާބުވެފައެވުމެވެ. އެހެންކަމުން 75 ކްރޯރ ރުޕީސްގެ ބޮޑު ބަޖެޓަކުން ކަންގަނާ އަދި އޭނާގެ ޓީމްގެ ފަރާތުން މި ދައްކުވައިދޭ އައު އުފެއްދުމުގެ ފެންވަރު ބަލާލުމަށް ގިނަ ބަޔަކު ވަނީ ކެތްމަދުވެފައެވެ.

ކަންގަނާގެ އިތުރުން މި ފިލްމުން ފެންނާނެ ތަރިންގެ ތެރެއިން، ޓީވީ ސީރިއަލްތަކުން ބެލުންތެރިންގެ މެދު މަޤްބޫލުކަން ހާސިލް ކޮށްފައިވާ އަންކިތާ ލޯޚަންޑޭ ފާހަގަކޮށްލެވެއެވެ. 

މި ފިލްމު ވެގެންދާނީ ބޮޑު ސްކްރީނުން އަންކިތާ ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. ފިލްމުގެ މިޔުޒިކުން މަޝްހޫރު ފަންނާނުން ކަމަށްވާ ޝަންކަރް، އެހްސާން އަދި ލޯއި ވިދާލާއިރު، އެ ތިން ފަންނާނުންވެސް ވަނީ ފިލްމަށް ވަރަށް ފުރިހަމަ ލަވަތަކެއް ތައްޔާރުކޮށް ރިލީޒްވެސް ކޮށްފައެވެ. 

ޖާނސީ ގެ ރާނީގެ ހަޔާތަށް ބިނާކޮށްފައިވާ ފިލްމުން ފެނިގެންދާނެ ތަފާތު، ތާރީޚީ މަންޒަރުތަކެއް ފެނިގެންދާނެކަމަށް ޤަބޫލުކުރެވެއެވެ. އަދި އިނގިރޭސިންނާ ދެކޮޅަށް ހަނގުރާމަކުރާ މަންޒަރުތައްވެސް މި ފިްމުގައި ގެނެސްދޭނެކަން މިހާރު ސެޓް ފޮޓޯތަކުން ވަނީ ކަށަވަރުވެފައެވެ.

އަދާކުރަން އުނދަގޫ ރޯލަކުން ފެނިގެންދިޔުމުގެ އިތުރުން، ޑައިރެކްޓަރެއްގެ ބައިވެސް ކަންގަނާ އަދާކުރާއި މި ފިލްމު ވެގެންދާނީ 2019 ގެ އެންމެ ބޮޑު އެއް ރިލީޒަށެވެ.

Advertisement

ކޮމެންޓް