ފަޒާދު ޕީޕީއެމުން ވަކިކޮށްފި

06 Sep 2018 | 22:03

ފުވައްމުލައް މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ޕީޕީއެމްއިން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީއިން ނިންމައިފި އެވެ.

ސުލޫކީ ކޮމެޓީގެ އެ ނިންމުމާ އެކު، ފަޒާދު ޕާޓީން ވަކިކޮށް، އިލެކްޝަންސް ކޮމިޝަނުން އެކަން މަޖިލީހަށް އެންގުމުން، އޭނާގެ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ އެވެ.

ފަޒާދަށް ޕީޕީއެމުން މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާ އެ ޕާޓީން ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމީ ފަޒާދުގެ އަމަލުތައް ހުރި ގޮތުން، ޕާޓީއަށް ގެއްލުން ވަމުންދާތީ އާއި އެއީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ވާތީ ކަމަށެވެ. އެގޮތުން، ޕީޕީއެމްގެ ހަރަކާތްތަކާއި ޕާޓީގެ އެންގުންތަކާއި އެދޭ ކަންކަމުގައި އެއްބާރުލުން ނުދެއްވުމާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިނުގަތުމާއި އެ ގްރޫޕްގެ ނިންމުންތަކާ އެއްގޮތަށް އަމަލު ނުކުރައްވާ މައްސަލަ ސުލޫކީ ކޮމެޓީއަށް ފާހަގަވެފައިވާ ކަމަށް ޕީޕީއެމްގެ ސިޓީގައިވެ އެވެ. ޕީޕީއެމްގެ ސިޓީގައި އިތުރަށް ބުނެފައިވަނީ، ޕާޓީގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރެއްވުމާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީނަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރައްވަމުންދާ ކަން ވެސް ސުލޫކީ ކޮމެޓީއަށް ފާހަގަ ވެފައިވާ ކަމަށެވެ.

ސުލޫކީ ކޮމެޓީއަށް ޖަވާބުދާރީވުމަށް ފަޒާދަށް ދެއްވި ފުރުސަތު ބޭނުން އޭނާ ހިއްޕަވާފައެއް ނުވެ އެވެ. އެހެންވެ އެ ކޮމެޓީއިން ނިންމީ ޕާޓީއަށް ފަޒާދުގެ ފަރާތުން ގެއްލުން ލިބެމުންދާތީ އޭނާ އެ ޕާޓީން ވަކިކުރުމަށެވެ.

Advertisement

ކޮމެންޓް