Advertisement

ސައުދީގައި ލަވަޔާއި މިޔުޒިކު ކުޅުމުގެ ހުއްދަ ދޫކުރަނީ

23 Jan 2019 | 15:43

ޒަމާނުންސުރެވެސް ހަރުކަށި، ކޮންޓޯލްކުރެވިފައިވާ މުޖުތަމަޢުއެއް ދަމަހަށްޓަމުން އަންނަ ސައުދީ އަރަބިޔާގައި، މުނިފޫހިފިލުވުމަށް ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުގައި ލަވަޔާއި މިޔުޒިކު ކުޅުމުގެ ހުއްދަ ދޫކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ސައުދީގެ މި ނިންމުން ހާމަކޮށްފައިވަނީ އެ ގައުމުގައި އަލަށް އުފައްދާފައިވާ އާންމު މުނިފޫހިފިލުވުމުގެ ކަންކަމާ ބެހޭ އިދާރާގެ އިސް ވެރިޔާ ތުރްކީ އަލް-ޝެއިކް އެވެ.

ސައުދީ ސަރުކާރުން ހުއްދަދިނުމަށް ހަމަޖެހިފައިވާ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ ތެރޭގައި ފުޓްބޯޅައާއި ގުޅޭ މައުރަޒުތަކުގެ އިތުރުން ޖާދޫގެ ހަރަކާތްތައް ހިމެނޭ ޝޯތަކާއި އިސްލާމީ ސަޤާފަތު ދައްކުވައިދޭ އިވެންޓުތައް ފާހަގަކޮށްލެވެއެވެ.

ސައުދީ އަރަބިޔާގެ ޒުވާން ވަލީއަހުދު މުހައްމަދު ބުން ސަލްމާން އިސްނަންގަވައިގެން ދެއްވި މި ހުއްދައާ ގުޅިގެން އެ ގައުމުގެ ރެސްޓޯރަންޓް އަދި ކެފޭ ފަދަ ތަންތަނަށް ޙާއްސަ ލައިސެންސެއް މެދުވެރިކޮށް މިޔުޒިކް ހަރަކާތްތަކުގެ އިތުރުން ކޮމެޑީ އިވެންޓުތަށް ބޭއްވުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.

މި ހުއްދައާ ގުޅިގެން މިހާތަނަށް ސައުދީގެ އާންމު މުނިފޫހިފިލުވުމުގެ ކަންކަމާ ބެހޭ އިދާރާއިން ވަނީ ތަފާތު 100 ގައުމީ އަދި ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ދިގު މުއްދަތުގެ އެއްބަސްވުންތަކެއްގައި ބައިވެރިވެފައެވެ.

ހަލުވި ސްޕީޑެއްގައި އެގައުމުގެ އެތެރޭގައި މުނިފޫހިފިލުވުމުގެ ކަންތައް ތަރައްޤީކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތައް ވަނީ ގިނަ ބަޔެއްގެ ސަމާލުކަން ހޯދާފައެވެ.

މުޖުތަމަޢުގެ ޢާންމު އުސޫލުތަކާ ސަޤާފާތްތަކަށް ބުރުނާރާނެ ގޮތަކަށް ކަމަށް ބުނެ ކުރިޔަށްގެންދާ ތަފާތު ހަރަކާތްތަކުގެ ތެރޭގައި ޤުރުޢާން މުބާރާތްތަކުގެ އިތުރުން އީ-ސްޕޯޓިންގެ ހަރަކާތްތަކާ، "މެޑަމް ޓޫސާޑްސް"ގެ ވެކްސް މިޔުޒިއަމް އެއް ތަޢާރަފްކުރުމުގެ ތައްޔާރީތަށް ދަނީ ކުރިޔަށްކަމަށް މީޑިއާ ރިޕޯޓްތަކުން އާންމުކޮށްފައިވެއެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި މިފަދަ ބަދަލެއްވެގެންދާނީ ސައުދީ އަރަބިޔާގެ ފަތުރުވެރިކަމުގެ ސިނާޔަދު ވަރުގަދަވެ، އެ ޤައުމުގެ ޒުވާނުންނަށް އައު ދިރުމެއްގެނެސްދޭނެފަދަ ކަމަކަށެވެ. އަދި މީގެ އިތުރުން، ހުޅަނގުގެ މީޑިޔާތަކުގެ މެދުގައި އޮންނަ ސައުދީ އަރަބިޔާގެ ހަރުކަށި "އިމެޖް"އަށް ކޮންމެވެސް ވަރަކަށް ހެޔޮ ބަދަލެއްވެސް މިކަމުގެ ސަބަބުން އަންނާނެކަމަށް ޤަބޫލުކުރެވެއެވެ.

Advertisement

ކޮމެންޓް