ހިގުއައިން ޗެލްސީއަށް ބަދަލުވެއްޖެ

24 Jan 2019 | 07:59

ލޯނު އެއްބަސްވުމެއްގެ ދަށުން ގޯލާ ރައްޓެހި ފޯވަޑް ގޮންޒާލޯ ހިގުއައިން އޭސީ މިލާންއުން ޗެލްސީއަށް ބަދަލުވެއްޖެއެވެ.

މި ސީޒަނުގެ ބާކީ އޮތް މުއްދަތަށް ޗެލްސީއިން ހިގުއައިން ގެންގޮސްފައިވަނީ 2020 ވަނަ އަހަރުގެ ނިޔަލަށް ލޯނު އެއްބަސްވުން 18 މިލިއަން ޔޫރޯއަށް އައު ކުރެވޭގޮތަށެވެ. މީގެ އިތުރުން ޗެލްސީ ބޭނުންވެއްޖެނަމަ 36 މިލިއަން ޔޫރޯއަށް ހިގުއައިން ގަތުމުގެ އިހްތިޔާރުވެސް މި އެއްބަސްވުމުގެ ދަށުން އެ ކްލަބަށް ލިބެއެވެ.

މި ސީޒަނުގެ މިހާތަނަށް އޭސީ މިލާނަށް ހިގުއައިން ކުޅެދިން 22 މެޗުގައި އޭނާވަނީ 8 ލަނޑު ކާމިޔާބުކޮށްފައެވެ.

ޗެލްސީއަށް ބަދަލުވުމައި ބެހޭގޮތުން ހިގުއައިން ބުނީ އޭނާއައި ދޭތެރޭ ޗެލްސީ ޝައުގުވެރިކަން ފާޅުކުރުމުން ފުރުސަތުގެ ބޭނުން ހިފަން ބޭނުންވީ ކަމަށައި އަބަދުވެސް ޕްރިމިއާ ލީގުގައި ކުޅެން ބޭނުންވެފައި ހުރި ކަމުގައެވެ. ޗެލްސީއަކީ ވަރަށް ބޮޑު ތާރީހެއް އޮތް ކްލަބެއް ކަމުގައިކަމަށްވެސް ހިގުއައިން ބުންޏެވެ.

ޔުވެންޓަސްގެ އިތުރުން ރެއާލް މެޑްރިޑްއަށްވެސް ކުޅެދީފައިވާ ހިގުއައިންވަނީ ނަޕޯލީގައި ކުޅުނު ދުވަސްވަރު ޗެލްސީގެ މިހާރުގެ ކޯޗް ސަރީގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކާ ގިނަ ލަނޑުތަކެއް އެ ކްލަބަށް ކާމިޔާބުކޮށްދީފައެވެ.

Advertisement

ކޮމެންޓް