ޕިކަޗޫ ރަޔަން ރޭނޯލްޑްސްގެ އަޑާއެކު ބޮޑު ސްކްރީނަށް!

25 Jan 2019 | 14:05

"ޕޮކެމޮން" އޭ ބުނުމުން، އެޔަކީ ކޯޗެއްކަން ނޭނގޭ މީހަކު މުޅި ދުނިޔެމަތީގަވެސް މަދުވާނެއެވެ. ދިވެހި ކުޑަކުދިންގެ މެދު ޒަމާނުންސުރި މަޤްބޫލް ޕޮކެމިން ފްރެންޗައިޒުން ވަނީ އެތައް އަހަރުތަކެއްގެެ މަތިން، ތަފާތު އެކި ގޮތްގޮތަށް ޕޮކެމޮންގެ ކެރެކްޓާތައް ފޭނުންނާ ހިސާބަށް ގެނެސްދެމުންނެވެ.

އެގޮތުން ކޮންސޯލް ގޭމްތަކުގެ އިތުރުން، އެނިމޭޓެޑް ކާޓޫން، ފިލްމް، އަދި ދާދި ފަހުން ދިވެހިންގެ ތެރެއަށްވެސް މަޝްހޫރުވި "ޕޮކެމޮން ގޯ" މޮބައިލް އެޕްގެ ތެރެއިންވެސް އެތައް ސަތޭކަ ޕޮކެމޮންއެއް ވަނީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ.

ޔަޤީނުންވެސް، ހުރިހާ ޒާތެއްގެ ޕޮކެމޮންގެ ތެރެއިން، އެކި އުމުރުފުރާތަކުގެ މެދުގަވެސް އެންމެ މަޤްބޫލް ޕޮކެމޮން އަކީ އެއްކަލަ ކުޑަ، އަބަދުވެސް ލޯބި ލޯބިކޮށް "ޕިކާ-ޕިކާ" އޭ ގޮވާލާ ޕިކަޗޫއެވެ.

އެހެންނަމަވެސް މިއަހަރު ވަނީ ޕިކަޗޫ މުޅިން ތަފާތު ގޮތަކަށް ދައްކުވައިދޭ ގޮތަށް ފަރުމާކުރެވިފައިވާ ފިލްމެއް ސިނަމާތަކަށް ރިލީޒްކުރަން ހަމަޖެހިފައެވެ.

"ޕޮކެމޮން ޑިޓެކްޓިވް ޕިކަޗޫ" ގެ ވާހަކަ ބިނާވެފަވަނީ މަރެއް ތަހްޤީގުކުރުމަށް ހަރަކާތްތެރިވާ ޕިކަޗޫއަށް ދިމާވާ ތަފާތު އެކި ހެއްވާ މަޖާ ކަންތައްތަކެއްގެ މައްޗަށެވެ.

މި ފިލްމުގެ ޓްރެއިލާ ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ ބައިވަރު ސަބަބުތަކެއް ފާހަގަކޮށްކެވެއެވެ. އެގޮތުން، "ޑިޓެކްޓިވް ޕިކަޗޫ" ވެގެންދާނީ ޕޮކެމޮން ފިލްމަކުން ފުރަތަމަ ފަހަރަށް ޕޮކެމޮންތަށް ދައްކުވައިދޭން އެނިމޭޝަންގެ ބަދަލަށް ސީ.ޖީ.އައި ބޭނުންކުރާ ފުރަތަމަ ފިލްމަށެވެ. އަދި މިފިލްމުގައި ޕިކަޗޫ "ޕިކާ-ޕީކާ" ކިޔުމުގެ ބަދަލުގައި އިނގިރޭސިބަހުން ރަޔަން ރޭނޯލްޑްސްގެ އަޑުން ވާހަކަވެސް ދައްކާނެއެވެ.

މިހާ ތަފާތު ޕޮކެމޮން ފިލްމެއް ފޭނުންނާ ހަމަޔަށް އަންނައިރު، ގިނަ ބަޔަކު ތިބީ ފިލްމު ބެލުމަށްފަހު ނޫނީ ފިލްމާމެދު ވަކި ގޮތެއް ނުކިޔާ، މި އަހަރުގެ މޭ 10 ވަނަ ދުވަހުގެ އިންތިޒާރުގައެވެ.

Advertisement

ކޮމެންޓް

Advertisement