ސެލްފޯޑްގެ ހިއްސާގަނެ ކްލާސް އޮފް 92 އައި ބެކަމް ގުޅިއްޖެ

24 Jan 2019 | 08:37

ކުރީގެ އިނގިރޭސި އަދި މެންޗެސްޓާ ޔުނައިޓެޑުގެ ތަރި ޑެވިޑް ބެކަމް ނެޝެނަލް ލީގުގެ ފުޓްބޯޅަ ކްލަބެއް ކަމުގައިވާ ސެލްފޯޑް ސިޓީގެ 10 އިންސައްތަ ހިއްސާ ގަނެފިއެވެ.

ބެކަމްގެ އިތުރުން އެ ކްލަބްގެ ހިއްސާ އޮންނަ ކުރީގެ މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުންތެރިންގެ ތެރޭގައި ގެރީ ނެވިލް، ފިލް ނެވިލް، ރަޔާން ގިގްސް، ޕޯލް ސްކޯލްސް، އަދި ނިކީ ބަޓް ހިމެނެއެވެ. މިއިން ކޮންމެ ކުޅުންތެރިޔެއްގެ އަތުގައިވެސް އޮންނަނީ ސެލްފޯޑްގެ 10 އިންސައްތަ ހިއްސާއެވެ.

ކްލާސް އޮފް 92 ގެ ނަމުން މަޝްހޫރު މި ކުޅުންތެރިންގެ އަތުގައި މިހާރު ސެލްފޯޑްގެ ޖުމްލަ 60 އިންސައްތަ ހިއްސާ އޮތް އިރު ބާކީ 40 އިންސައްތަ ހިއްސާ އޮންނަނީ ސީގަޕޫރުގެ ވިޔަފާރިވެރިއެއް ކަމުގައިވާ ޕީޓާ ލިމް އަތުގައެވެ.

އިނގިރޭސި ފުޓްބޯޅައިގެ ފަސްވަނަ ގިންތީގެ ލީގުގައި ކުޅެމުން އަންނަ ސެލްފޯޑްއައި ބެހޭގޮތުން ބެކަމް ބުނީ މަދު ދުވަސް ކޮޅެއްގެ ތެރޭގައި އެ ކްލަބުންވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ ކަމަށެވެ. ޔުނައިޓެޑަށް އޭނާ ކުޅުނު ފުރަތަމަ ދުވަސްވަރު ސެލްފޯޑް އޮންނަ ހިސާބުގަނޑުގައި ގިނަ ވަގުތުތަކެއް ހޭދަ ކޮށްފަވާނެ ކަމުގައިވެސް ބެކަމް ބުނެފައިވެއެވެ.

ފާއިތުވި ހަތަރު ސީޒަނުގައި ސެލްފޯޑްވަނީ ތިން ފަހަރު އެޓީމް ކުޅުނު ލީގްތަކުން ޕްރޮމޯޓްވެފައެވެ.

މިކަމައި ގުޅޭ ގޮތުން ސެލްފޯޑުން ނެރުނު ސްޓޭޓްމެންޓުގައިވަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެ ކްލަބައި ބެކަމް ގުޅެން އެ ކްލަބުގެ އެންމެންވެސް ބޭނުންވެފައި ތިބި ކަމަށައި ނަމަވެސް އޭރު ވަގުތައި ހާލަތު ތަންނުދިނުމުގެ ސަބަބުން އެކަން ނުވެ އޮތީ ކަމަށެވެ.

ބެކަމް، މަޝްހޫރު ފަންނާނުން އަދި ވިޔަފާރިވެރިންނައި އެކުވެގެން އުފައްދާފައިވާ ކްލަބެއް އެމެރިކާގަ އޮވެއެވެ. އިންޓަ މިއާމީގެ ނަމުން ނަން ދެވިފައިވާ މި ކްލަބް އެމެރިކާގެ މޭޖަރ ސޮކާ ލީގުގައި 2020 ވަނަ އަހަރުން ފެށިގެން ކުޅޭނެއެވެ. މި ކްލަބްގެ ރައީސްއަކީވެސް ބެކަމްއެވެ.

Advertisement

ކޮމެންޓް