Advertisement

އެމެރިކާ ސަރުކާރު އަދިވެސް ހުއްޓުމެއްގައި!

24 Jan 2019 | 20:43

ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގައި ހިންގަވާ ސަރުކާރު "ޝަޓްޑައުން"ވެ ހުއްޓިފަވާތާ މިއަދަށް މިވީ 32 ވަނަ ދުވަހެވެ. 

މިލިއަނަކާ ގާތްކުރާ އަދަދެއްގެ ސަރުކާރު މުވައްޒަފުންނަށް މުސާރަ ނުދެވި ގިނަ ދުވަސްތަކެއް ފާއިތުވެގެންދާއިރު، އެމެރިކާ ސަރުކާރުގެ އަަސާސީ ބައެއް ޙިދުމަތްތައް ފިޔަވާ އެހެން ހުރިހާ މަސައްކަތްތަކެއް ވަނީ މެދުކެނޑިފައެވެ. އަދި އާންމު ރައްޔިތުމީހާގެ އިތުރުން، އެމެރިކާ ސަރުކާރުގެ ބެލުމުގެ ދަށުން ހިނގާ ތަފާތު ވުޒާރާތަކާއި، އިޖުތިމާޢީ ޙިދުމަތްދޭ ބިލްޑިންގް އަދި ޕާކް ފަދަ ތަންތަނަށްވެސް މި ހުއްޓުމުގެ ސަބަބުން ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.

ޖަނަވަރީ 2 ވަނަ ދުވަހުން ފެށިގެން، މުޅި ދުނިޔޭގެ އެންމެ ބޮޑު ދާރުލް އާސާރު، "ދަ ސްމިތްސޯނިއަން" އިން ވަނީ، އެތަނުގެ ދަށުން ދޭ ހުރިހާ ޚިދުމަތްތަކަކާއި ހިންގާ ހުރިހާ އިމާރާތްތައް ބަންދުކޮށްފައެވެ. އަދި އެމެރިކާގައި "ސްމިތްސޯނިއަން އިންސްޓިޓިއުޓް" ގެ ނަމުން ހިނގާ ތާރީޚާ ބެހޭ މަރުކަޒާ ގުޅުންހުރި އިމާރާތްތަކުގެ ތެރެއިން 19 އިމާރާތެއް މިހާރު ވަނީ ބަންދުކުރެވިފައެވެ. 

ކޮންމެ ދުވަހަކުވެސް އެތައް ހާސް މީހުންނެއް މި ތަންތަނަށް އެކި ސަބަބުތަކާ ހުރެ ޒިޔާރަތްކުރާއިރު، އެމެރިކާ ސަރުކާރު ބަންދުވުމާ ގުޅިގެން އާންމުންގެ މެދު އޮތް ނުތަނަވަސްކަން ދަނީ އިތުރުވަމުންނެވެ.

ސްމިތްސޯނިއަން ގެ ސެކެޓްރީ ޑޭވިޑް ޖޭ. ސްކޯރޓޮން މީޑިއާ ތަކަށް މަޢުލޫމާތު ދެމުން، ސަރުކާރު ބަންދުވުމާއި ގުޅިގެން ކޮންމެ ހަފްތާއަކުވެސް އެ މަރުކަޒަށް 1 މިލިއަން ޑޮލަރުގެ ގެއްލުންވަމުންދާކަމަށް ފާހަގަކުރިއެވެ. އަދި އެމެރިކާގެ އެތައް ދަރިވަރުން ސްމިތްސޯނިއަން ލިބިގަނެވޭ ތަޢުލީމީ އެކި ޚިދުމަތްތަކުން މަހުރޫމުވަމުންދާކަންވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

ސްމިތްސޯނިއަން މަރުކަޒުގައި އެކި ފަންތީގައި މަސައްކަތްކުރާ 4000 އަށް ވުރެ ގިނަ މުވައްޒިފުންގެ މުސާރަދިނުމަށްވެސް އެމެރިކާ ސަރުކާރުން ވަނީ ނުކުޅެދިފައެވެ. 

Advertisement

ކޮމެންޓް