ގައުމިއްޔަތުގެ ބަހާތައް ދިރުވުމަކީ އެންމެންގެ ޒިންމާއެއް!

25 Jan 2019 | 17:12

ފަހަކަށް އައިސް ދިވެހިންގެ މެދުގައި އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކަށް ވެގެންދާނީ، އަޅުގަނޑުމެންގެ ދިވެހި ދީބުގެ ސަގާފަތް ނެތެމުންދާ ވާހަކައެވެ. ދިވެހިބަހަށް ދެވޭ ސަމާލުކަން ކުޑަވެފައިވާ ވާހަކައެކެވެ. ކުރުކޮށް ދަންނަވަނީނަމަ، ދިވެހި ގައުމިއްޔަތަށް ލޮޅުންތައް އަރަމުންދާ ވާހަކައެވެ.

ކޮންމެ ގައުމެއްގައިވެސް އެގައުމުގެ ގައުމިއްޔަތު ހިމާޔަތްކުރުމަކީ އެގައުމެއްގެ ދައުލަތާއި ރައްޔިތުން ގުޅިގެން ކުރާނޭ ކަމެކެވެ. ބަވަނަ ވެފައިވާ މި ދުނިޔޭގައި އެ ގައުމިއްޔަތުގެ ބަހާތަކަށް ލޮޅުމެއް ނާާރާނޭ ބުނުމަކީ ދަތިކަމެކެވެ. ނަަމަވެސް މި ލޮޅުންތަކާއި އެކުވެސް ގައުމިއްޔަތު ދިފާއުކޮށް، ކުރިއަރުވައި، އާލާ ކުރުމަކީ ހަމަ އެންމެންގެ މައްޗަށް އޮތް ވާޖިބެކެވެ.

ކުރިންެވެސް ފާހަގަކުރެވުނު ގޮތަށް ގައުމިއްޔަތުގެ އެންމެ މުހިންެމު އެއް ބަހާއަކީ ސަގާފަތެވެ. ވަކިން ޚާއްސަކޮށް ސަގާފަތުގެ ތެރޭގައި ހިމެނޭ ސަގާފީ ހެދުންތަކަކީ މުހިންމު ބައެކެވެ.

ބަވަނަ ވެފައިވާ މިދުނިޔޭގައި، ގައުމުތަކުގެ އަންހެން އިއްޒަތްތެރިން ވަޒަނުން ބޭރުގައި ގައުމު ތަމްސީލް ކުރައްވާހިނދު އާންމުގޮތެއްގައި ތުރުކުރައްވަނީ ހުޅަނގުގެ އުސްލޫބުގެ މޮޅު އޮފީސް ހެދުންކޮޅެވެ. އެއީ ކޯޓާއި ސްކާޓް ނުވަތަ ފަޓުލޫނެވެ.

ނަމަވެސް ރާއްޖޭގެ ގިނަ އަންހެން ބޭކަނބަލުން ރާއްޖެ ތަމްސީލްކުރައްވާހިނދު ތުރުކުރައްވަނީ ސަގާފީ ހެދުމެވެ. މީގެ މިސާލެއް ގޮތުން ނިއުޔޯކްގައި ހުންނަ ރާއްޖޭގެ އދ.ގެ މިޝަންގައި މަސައްކަތްކުރައްވާ ހީވާގި ކަނބަލުން ފުދެއެވެ.

މުހިންމު ހަފްލާތަކަށާއި، މުހިންމު ޖަލްސާތަކަށް އެކަނބަލުން ދިވެހި ސަގާފީ ހެދުމުގައި ވަނީ ވަޑައިގެންފައެވެ. އަދި އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު، ދުންޔާ މައުމޫން ތަގުރީރުކުރެއްވި އިރުގައިވެސް ތަގުރީރުކުރެއްވީ ދިގު ހެދުމުގައި ހުންނަވައިގެންނެވެ.

މިއީ ދިވެހި ފިރިހެންކަތުން ނުކުރެއްވިކަމުގައިވިޔަސް، އެކަނބަލުން ފަޚުރުވެރިކަމާއި އެކު ކުރައްވާ ކަމެކެވެ.

އިއްޔެ ސޯޝަލް މީޑިޔާގައި ދެެކެވުނު އެކިއެކި ވާހަކަަތަކުގެ ތެރެއިން ލޮލުގައި އަޅައިގަތް އެއް ވާހަކައަކީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އިންޑިޔާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ވާހަކައެވެ.

ވީގޮތަކީ، ބައެއް ފަރާތްތަކަށް އެކަމަނާ ލައިގެން ހުންނެވި ހެދުން ކަމުނުދިޔައީއެވެ. ދިވެހި ސަގާފަތާއި މާ ބީރައްޓެހި ހެދުމެއް ކަމަށްބުނެއެވެ.

ހަގީގަތުގައި ދަންނަވަނީނަމަ އެކަމަނާ ބޭނުންފުޅުވާ ހެދުންކޮޅެއް ތުރުކުރެއްވުމުގެ އިޚުތިޔާރު އެކަމަނާއަށްވެސް އޮންނަން ވާނެއެވެ. ނަމަވެސް ޝަކުވާކުރި ފަރާތްތަކުގެ ޝަކުވާއަކަށް ވެގެންދިޔައީ ގައުމުގެ ނަންމަތީގައި އެކަމަނާ ދަތުރުފުޅު ކުރެއްވި އިރު ފަރަންޖީ ހެދުމެއް ތުރުކުރެއްވީތީއެވެ.

މިއީވެސް ބުރަދަނެއް ހުރި ޝަކުވާއެކެވެ. މިނިސްޓަރ މާރިޔާ ދިވެހި ދިގުހެދުމެއްގައި ރާއްޖެ ތަމްސީލްކުރައްވަން ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެންނެވި ނަމަ، ދިވެހިންގެ ސަގާފަތަށް ދިވެހިންގެ ހިތްތަކުގައި ހުރި ލޯބި ބޭރުގެ ފަރާތްތަކަށް ދެއްކުނީސްއެވެ. ދިވެހި ދިގުހެދުމުގެ ވާހަކަ ބޭރުގެ މީޑިޔާތަކުން ދެއްކީސްއެވެ. ގައުމިއްޔަތު ކުރިއަރުވަން މަސައްކަތް ކުރަމުންދާ ހިނދު، މިއީ އެކަމަނާގެ ފަރާތުންވެސް އެކަމަށް ދެވޭނެ ކުޑަ އެހީއެކެވެ.

ފިރިހެން ބޭފުޅުން ނުކުރެއްވިޔަސް އަންހެން ބޭފުޅުން ރަސްމީ ކަންކަމަށް ސަގާފީ ހެދުން ތުރުކުރައްވާކަަމަކީ އަޅުގަނޑުމެން އެކަނބަލުންނަށް ތައުރީފާއި ސަނާ ކިޔަން ޖެހޭނެ ކަމެކެވެ.

އެކަނބަލުންގެ މިސާލުން ފިރިހެންކަތުންވެސް ވީ އެންމެ ބޮޑަކަށް ބޭރު ދުނިޔޭގެ ރަސްމީ ކަންކަމުގައި ބައިވެރި ވާހިނދު، ދިވެހި ސަގާފީ ހެދުން ލާންއެބަޖެހެއެވެ. ގައުމިއްޔަތު ދިރުވުމަކީ ވަކި ޖިންސެއްގެ ޒިންމާއެއް ނޫންވިއްޔާއެވެ؟

Advertisement

ކޮމެންޓް