Advertisement

"ލުއްކާ ޗުއްޕީ" ގެ ޓްރެއިލާރ: ހެއްވާ މަޖާ ލޯބީގެ ވާހަކައެއް

25 Jan 2019 | 17:30

މާރޗް މަހުގެ 1 ވަނަ ދުވަހު ބެލުންތެރިންނާ ހަމަޔަށް ގެނެސްދިނުމަށް ހަމަޖެހިފައިވާ "ލުއްކާ ޗުއްޕީ" ގެ ތަރިންގެ ގޮތުގައި ފެނިގެންދާނީ ކާރތިކް އާރްޔަން އަދި ކްރިތީ ސަނޮން އެވެ.

މަތުރާ، ގްވަލިއޯރ އަދި އާގަރާއިގައި މި ފިލްމުގެ ސީންތަށް ޝޫޓްކުރެވިފައިވާއިރު، ފިލްމުގެ ޓްރެއިލާރ ފެނުމުންް ގިނަ ބަޔަކު ދަނީ މި ފިލްމާމެދު ޝައުޤުވެރިކަން ފާޅުކުރަމުންނެވެ.

ކައިވެނި ކުރުމުގެ ކުރީން އެއް ގެއެއްގައި ދިރިއުޅުމަށް ނިންމާ ޒުވާން ދެ ލޯބިވެރިންގެ ވާހަކަ ދައްކުވައިދޭ "ލުއްކާ ޗުއްޕީ" ފަރުމާ ކުރެވިފައިވަނީ އިންޑިޔާގެ ޒުވާން ބެލުންތެރިންނަށް ކަމުދާނެފަދަ ގޮތަކަށްކަން ފާހަގަކޮށްލެވެއެވެ.

މި ފިލްމުގައި ކްރިތީ ސަނޮން ފެނިގެންދާނީ މަތުރާއަށް ނިޞްބަތްވާ ޒުވާން އަންހެންކުއްޖެއްގެ ރޯލުންނެވެ. ޑެއްލީގައި ކިޔަވައިނިމުމަށްފަހު އަނބުރާ މަތުރާއަށް ބަދަލުވުމަށްފަހު ކްރިތީގެ ކެރެކްޓާރ އާ ކާރތިކް އާރްޔަންގެ ކެރެކްޓާރ ދިމާވެ، ދެމީގުންގެ ދެމެދު ލޯބީގެ ގުޅުމެއް އުފެދިގެންދެއެވެ.

މި ފިލްމުގައި ކާރތިކް ފެނިގެންދާނީ މަޤްބޫލު ޓޯވީ ޕްރެސެންޓަރެއްގެ ރޯލުންނެވެ. ފިލްމުގެ ޕްރޮޑިއުސާރ ދިނޭޝް ވިޖަން މީގެ ކުރިން ވަނީ ކާރތިކް ގެ ކެެރެކްޓާއަކީ ކޮންމެ އަންހެންކުއްޖަކުވެސް މަންމަ ކައިރިއަށް ގެއަށް ގެންދާ ހިއްވާ ކަހަލަ ރަނގަޅު ފިރިހެންކުއްޖެއް ކަމަށް ސިފަކޮށްފައެވެ.

އަދި އެޔާ ޚިލާފަށް ކްރިތީގެ ކެރެކްޓާއަކީ އަދުގެ ޢިލްމީ ޒުވާނުން ރަމްޒުކޮށްދޭ، ހަމަހަމަކަން ޤަބޫލުކުރާ އަދި އަމިއްލަ ފިކުރެއްގެ މައްޗަށް ދިރިއުޅޭ އަންހެންކުއްޖެއްގެ ކެރެކްޓާކަމަށްވެސް އޭނާ ހާމަކުރިއެވެ.

ވަރަށް ތަފާތު ރޯލްތަކެއްގެ މައްޗަށް ތައްޔާރުކުރެވޭ މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ސިނެމަޓޯގްރަފާރ ލަކްސްމަން އުޓެކަރ އެވެ. ލަކްސްމަން މީގެ ކުރިން ވަނީ "ބްލޫ"، "ޑިއާރ ޒިންދަގީ" އަދި "އިންގްލިޝް ވިންގްލިޝް ފަދަ ފިލްމުތަކުގައި މަސައްކަތްތކޮށްފައެވެ. މި ފިލްމުގެ ރިލީޒް މާރޗް 1 ވަނަ ދުވަހަށް ތާވަލްކުރެވިފައިވާއިރު، ހަމަ އެދުވަހު ސުޝާންތް ސިންގް ރާޖްޕުތް ގެ ފިލްމް "ސޮންޗިރިޔާ" ވެސް ވަނީ ނެރެން ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް