އެމިރޭޓްސްގައި އާސެނަލްގެ މައްޗައް މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބު ހޯދައިފި

26 Jan 2019 | 06:17

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި އާސެންލްގެ އަމިއްލަ ދަނޑު އެމިރޭޓްސް ސްޓޭޑިއަމްގައި މެންޗެސްޓާ ޔުނައިޓެޑް އާސެނަލްގެ މައްޗައް ކުރި ހޯދައިފިއެވެ.

މި މެޗް ޔުނައިޓެޑް ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލަނޑުޖަހާ ޔުނައިޓެޑަށް މެޗުގެ ކުރި ހޯދަދިނީ މީގެ އަހަރެން ކުރިން އާސެނަލް ދޫކޮށް ޔުނައިޓެޑައި ގުޅުނު ޗިލީގެ ތަރި ސަންޗޭޒްއެވެ. ސަންޗޭޒްގެ ލަނޑަށް ދެ މިނެޓް ނުވަނީސް ލިންގާޑްވަނީ ޔުނައިޓެޑަށް ލަނޑެއް ކާމިޔާބުކޮށްދީ އެޓީމުގެ ލީޑް ފުޅާކޮށްދީފައެވެ.

ސަންޗޭޒް އަދި ލިންގާޑް ޖަހައިދިން ލަނޑުތަކުގެ އެސިސްޓް ހަދައިދިނީ ރަނގަޅު ފޯމަކަށް އެޅިފައިހުރި ފޯވަޑް ލުކާކޫއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވިފައިވަނީ ލުކާކޫއެވެ.

އާސެނަލްގެ ފަރާތުން މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޖަހައިދިނީ ފުރަތަމަ ހާފް ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ސްޓްރައިކަރ އޮބާމެޔާންގްއެވެ. އާސެނަލްއުން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް ޔުނައިޓެޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗައި އެޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ސަންޗޭޒްގެ ބަދަލުގައި ކުޅެން އެރި މާޝިއަލްއެވެ.

އާސެނަލް އެފްއޭ ކަޕުން ކެޓުމުން މި ސީޒަނުގެ ބާކީ އޮތްތަނުގަ އެ ޓީމުގެ އަމާޒަކަށްވަނީ ޔުއޭފާ ޔޫރޯޕާ ލީގް އަދި އިނގިރޭސި ލީގުގެ ގަދަ ހަތަރެއްގައި ނިންމުމެވެ. އާސެނަލްއަށް އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެފަ އޮތް ނަމަވެސް ކޯޗް އެމެރީއަކީ ޔޫރޯޕާ ލީގަށް ވަރަށް ފަރިތަ ކޯޗެކެވެ. އެމެރީވަނީ ސްޕެއިންގެ ސެވިއްޔާއާއެކު ޖެހިޖެހިގެން ތިން ސީޒަނުގައި އެ މުބާރާތް ކާމިޔާބުކޮށްފައެވެ.

ޔުނައިޓެޑުގެ ކެއާ ޓޭކާ ކޯޗް ޝޯލްޝާގެ އިރުޝާދުގެ ދަށުން ހުރިހާ މުބާރާތެއްގައި މިހާތަނަށް ކުޅުނު އަށް މެޗުވެސް ޔުނައިޓެޑްވަނީ ކާމިޔާބުކޮށްފައެވެ.

ކުރިއަށް އޮތް މެޗުގައި ޔުނައިޓެޑް، ލީގުގައި ބާނީލްއައި ދެކޮޅަށް ނުކުންނައިރު އާސެނަލް ކުޅުމަށް ހަމަޖެހިފައިވަނީ ކާޑިފްއާއެވެ. 

Advertisement

ކޮމެންޓް

Advertisement