2019 ވަނަ އަހަރުގެ "ޕަދްމާޝްރީ" ޝަރަފު ލިބުނު ބޮލީވުޑް ތަރިން!

27 Jan 2019 | 08:16

"ޕަދްމާޝްރީ" ޝަރަފަކީ އިންޑިޔާގައި އާންމު ރައްޔިތަކަށް ސަރުކާރުން އެރުވޭ ހަތަރުވަނަ އެންމެ މަތީ ޝަރަފެވެ.

ތަފާތު ފަންނުވެރިންނަށް މި ޝަރަފު އެރުވޭ ދާއިރާތަކަށް ބަލާލާއިރު ކުރެހުން، ތަޢުލީމް، ލިޔުންތެރިކަން، ސައިންސް، މުނިފޫހިފިލުވުން އަދި ކުޅިވަރު ހިމެނެއެވެ.

އިންޑިޔާގެ މަޢުލޫމާތާއި ބްރޯޑްކާސްޓާއި ބެހޭ ވުޒާރާއިން އާންމުކުރި "ޕަދްމާޝްރީ" ޝަރަފު ލިބިގަންނަ ފަރާތްތަކުގެ ލިސްޓުގައި، މުނިފޫހިފުލުވުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ގިނަ ބޮލީވުޑް ތަރިންގެ ނަންތައް ފާހަގަކޮށްލެވެއެވެ.

ތަޖުރިބާކާރު އެކްޓާރ މަނޯޖް ބާޖްޕާއީއަށް މި އަހަރުގެ "ޕަދްމާޝްރީ" ޝަރަފު ލިބިފައިވާއިރު، މަޝްހޫރު އެކްޓާރ، ޑިރެކްޓާރ އަދި ނެށުންތެރިޔާ ޕްރަބޫ ދޭވާއަށް ވެސް ވަނީ އިންޑިޔާ ސަރުކާރުން "ޕަދްމާޝްރީ" ޝަރަފު އަރުވާފައެވެ.

ޕްރަބޫދޭވާ އަކީ ގިނަ އިންޑިޔާމީހުން ދެކޭގޮތުގައި އެގައުމަށް އުފަންވެ "މައިކަލް ޖެކްސަން" އެކޭ އެއްފަދަ ހުނަރުވެރި ފަންނާނެކެވެ. މިޔުޒިކީ ފަންނާނު އަދި ލަވަކިޔުންތެރިޔާ ޝަންކަރ މަހާދޭވަން ވެސް މިފަހަރު "ޕަދްމާޝްރީ"ގެ ޝަރަފު ވަނީ ހާސިލްކޮށްފައެވެ.

މީގެ އިތުރުން ތެލޫގޫ ލަވަލިޔުންތެރިއެއްކަމަށްވާ ސިިރިވެންނެލަ ސީތާރާމާސަސްތްރީ އަދި މަލަޔާލަމް އެކްޓާރ މޯހަންލާލްވެސް "ޕަދްމާޝްރީ" ހާސިލްޖުރެއްވި ފަރާތްތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން، ދިވެހިންގެ ތެރޭގައިވެސް މަޝްހޫރު އިންޑިޔާ ފުޓުބޯޅަ ޓީމްގެ ކެޕްޓަން ސުނިްލް ޗޭތްރީއަށްވެސް 2019 ވަނަ އަހަރު މި ވަނީ "ޕަދްމާޝްރީ"ގެ ޝަރަފު އެރުވުނުކަންވެސް ފާހަގަކޮށްލެވެއެވެ. އަދި އެކި ދާއިރާތަކުން މި ޝަރަފް ހާސިލްކުރި ފަންނާނުންގެ ފޭނުން ދަނީ އެމީހުންގެ ކާމިޔާބީއާއި ގުޅިގެން އުފާ ފާޅުކުރަމުންނެވެ.

ހާއްސަކޮށް ދެކުނު އިންޑިޔާއަށް ނިސްބަތްވާ ޕްރަބޫދޭވާގެ ފޭނުން ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި އޭނާއަށް "ޕަދްމާޝްރީ" ލިބުމުގެ ސަބަބުން އުފާ ފާޅުކުރަމުންކަން ފާހަގަކުރެވެއެވެ. "ޕަދްމާޝްރީ" ގެ ޝަރަފު ކުރިން ހާސިލްކޮށްފައިވާ ހުނަރުވެރި ފަންނާނުންގެ ތެރެއިން ޕްރިޔަންކާ ޗޯޕްރާ، އާމިރް ޚާން އަދި ނަސީރުއްދީން ޝާހް ހިމެނެއެވެ.

Advertisement

ކޮމެންޓް