ސިފައިން ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ހައްދަވާނެކަމަށް އިންތިޚާބީ ރައީސް ވިދާޅުވެއްޖެ

01 Oct 2018 | 15:18

23 ސެޕްޓެމްބަރގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯއްދެވި " އިންތިޚާބީ ރައީސް" އިބްރާހިމް މުހައްމަދު ސާލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ ވީހާ ގިނަ ބަޔަކު ބައިވެރިކުރެވޭނެ އިންތިޒާމެއް ހަމަޖައްސަމުންދާކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. މާރިޔާ ވިދާޅުވީ " އިނޯގްރޭޝަން ކޮމެޓީ" އެއް ނަގައިގެން ކޮމެޓީން އެކަން ރާވަމުންދާކަމަށެވެ. އާ ރައީސަކީ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން އިންތިޚާބު ކުރެއްވި ރައީސަކަށްވުމުން ރައްޔިތުން އެކުރި ބުރަމަސައްކަތުގެ އުފާވެރިކަން ހިއްސާކުރައްވަން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ބޭނުންފުޅުވެވަޑައިގަންނަވާކަމަށް މާރިޔާ ވިދާޅުވިއެވެ.

އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން ކޮންމެ ދުވަހަކު ބާއްވާ ޕްރެސް ބްރީފިންގެތެރެއިން މިއަދުގެ ޕްރެސް ބްރީފިންގައި މާރިޔާ ވިދާޅުވީ މިއަދު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމްއާއި ބައްދަލުކުރައްވައި އެއް ސަރުކާރުން އަނެއް ސަރުކާރަށް ވެރިކަން ބަދަލުކުރުމުގެ މަރްހަލާ އަމާންކޮށް އޮމާންކަމާއެކު ގެންގޮސްދެއްވުމަށް އިންތިޚާބީ ރައީސް އެދިވަޑައިގެންނެވިކަމަށެވެ. އެކަން އެގޮތަށް ކުރިއަށް ދާނެކަމުގެ ޔަގީންކަން ނޭޝަނަލް ޑިފެންސްފޯސްގެ ފަރާތުން ދީފައިވާކަމަށް ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ އިންތިޚާބީ ރައީސް ނޭޝަނަލް ޑިފެންސް ފޯސްއަށް ޔަގީންކަންދެއްވީ އެމަނިކުފާނުގެ ސަރުކާރުގައި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ޑިފެންސް ފޯސް ހައްދަވާނެކަމަށެވެ.

އިއްޔެގެ ވަގުތެއްގައި ކަސްޓަމްސްގެ ދައުވަތަކަށް އިންތިޚާބީ ރައީސްވަނީ ކަސްޓަމްސްގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އަދި ދިރާގުގެ ތިރީސްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކުންފުނިން ދިން ދައުވަތެއްގައިވެސް ބައިވެރިވެވަޑައިގެންނެވިކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އިއްޔެ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރާއްޖޭގެ އިންތިޚާބީ ރައީސްއަށް ގުޅުއްވައި މަރުހަބާ ވިދާޅުވިކަމަށެވެ. އަދި މިއަދު ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާންވެސް އިބްރާހިމް މުހައްމަދު ސާލިހަށް ގުޅުއްވައި މަރުހަބާ ވިދާޅުވެ ދެގައުމުގެ އެކުވެރިގުޅުން ކުރިއަށްގެންދަވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައިވާކަމަށެވެ.

Advertisement

ކޮމެންޓް