Advertisement

އަހަރެމެންގެ ސަރުކާރުން އަހަރެމެންގެ ގައުމު އިންޑިޔާގެ ސްޓޭޓެއްގެ ދަރަޖައަށް ވަށްޓާލީތަ؟!

06 Feb 2019 | 07:17

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން އެކަމަކަށް ދިވެހިން ބިރުން އޮތްކަންތައް އެންމެފަހުންކޮށް ނިންމައިލިކަން އެއިއުލާންކުރީއެވެ. މީގެކުރިން 2008 ވަނަ އަހަރު ދިވެހި ގައުމުގެ އިގްތިސާދު އިންޑިޔާގެ މުށުތެރެއަށް ރައީސް މުހައްމަދު ނަޝީދު ލައިދިނީއެވެ. މިއަދު ރައީސް މުހައްމަދު ނަޝީދު އެކަމަކަށް ވަކާލާތުކޮށް، ދިވެހި ގައުމަށް އިންޑިޔާ ސިފައިން އަރައި ސަރުކާރު ވަށްޓާލުމަށް ގޮވާލިގޮވާލުމަށްފަހު އެމްޑިޕީއަށްވެރިކަން ލިބުމާއެކު އަވަސްއަރުވާލައިގެން އެންމެ ދޮޅުމަހެއްހާ ދުވަހުގެތެރޭގައި އިންޑިޔާއާއެކު އަސްކަރީ ގުޅުމެއް އުފައްދައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފެނިގެން މިދަނީ ނަޝީދަށް ވަރަށް ދޫދެއްވަމުން ސިޔާސަތުތައް ބައްޓަން ކުރައްވާތަނެވެ.

މަޑުމައިތިރި މިޒާޖެއްގެ ރައީސް ސާލިހަށް ޕަޕެޓެއްގެ ދަރަޖަ ނިސްބަތްކުރަން އިންތިހާއަށް ދެރަވެއެވެ. އެކަމަކު އިންޑިޔާއިން ސިފަކުރާ އެގައުމުގެ ބެކްޔާޑު ސްޓޭޓްގެ ދަރަޖައަށް މިލޮބުވެތި ދިވެހި ގައުމު ވަށްޓަވާލެއްވީ ކޮންފަދަ މަޖްބޫރީތަކެއް އޮވެގެންތޯއެވެ.

އިންޑިޔާގެ އަސްކަރީ ހިމާޔަތުގެ ދަށަށް ގައުމުގެ ގެންދަންޖެހޭ ސަބަބަކީ ކޮބާ؟

އިންޑިޔާ ކަނޑުގައި ހިގަނީ ކޮން ހަގުރާމައެއްތޯއެވެ. އިންޑިޔާ ކަނޑުގައި ހިގާފާނެ އެއްވެސް ހަނގުރާމައެއްގެ ބިރު ދުނިޔޭގެ ކަންކަން ދިރާސާކުރާ ފަރާތްތަކުގެ އެއްވެސް ދިރާސާއަކުން އަދި ނުދައްކައެވެ. ވެރިކަން ލިބިވަޑައިގަތީމާ އިންޑިޔާގެ ހަރުކަށި ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކަނި ގައުމެއްގެ ލީޑަރަކަށް ރާއްޖެގެނެސް އޭނާއާއި ކޮނޑާކޮނޑުޖައްސައި ސަލާމްކޮށްހެދުމަށްފަހު އޭނާގެ ފަހަތުން އިންޑިޔާއަށް ވަޑައިގެން މޯދީގެ ގެކޮޅުގެ ކޮޓަރިކޮޅެއްގައި އަވަހާރަފުޅު ލެއްޕެވުމަށްފަހު ނުކުމެވަޑައިގެން، އަބްދުﷲ ޝާހިދު ވިދާޅުވާގޮތަށް އިންޑިޔާގެ ރިޒާވް ބޭންކުގައި ދިވެހި ގައުމުގެ ރަޖިސްޓްރީ ބާއްވާގޮތަށް 1.4 ބިލިޔަންޑޮލަރުގެ ލޯނެއް ކަށުވަރުކޮށް، އެންމެފަހުން އިންޑިޔާގެ އަސްކަރީބާރުތައް މިލޮބުވެތި ދިވެހި ގައުމުގެ ފަސްގަނޑުގައި ސާބިތުކުރުމުގެ އޮށް އިންދެވީއެވެ.

ރައީސް ސާލިހްގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ދިވެހި ރާއްޖެއަށް މަލާމާތްކޮށް އަބަދު ބަދުބަސް އެންމެބޮޑަށް ރައްދުކޮށް ހަދާ އިންޑިޔާގެ ހިންދޫ ވަތަނީ ނިއުސްޕޭޕަރ " ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުއެއްގައި އެވިދާޅުވީ އެވާހަކަ ފުޅެވެ. އިންޑިޔާ ނޫން އެހެން އެއްވެސް ގައުމަކާއި ރައީސް ސާލިހްގެ ސަރުކާރުން އަސްކަރީ ގުޅުން ނުއުފައްދަވާނެކަމަށެވެ. ދިވެހި ރާއްޖެއިން އަސްކަރީ ގުޅުން ބާއްވާނީ އިންޑިޔާއާއެކުއެވެ. އެހެން ނަމަވެސް އެމެރިކާއާއެކު އަސްކަރީ ގުޅުން އުފެއްދުމުގެ އެހެން މަޝްވަރާތަކެއް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ގެންދަވާތީ މާރިޔާގެ މިވާހަކަފުޅު މިއީ އިތުރުފުޅު ހެއްދެވުމެއްކަމުގައިނޫނީ ނުވާނެއެވެ.

ނަތީޖާއަކަށްވާނީ ކޮންކަމެއް؟

ދިވެހި ރާއްޖެއަށް އެއްވެސް ގައުމެއްގެ އަސްކަރީ ނުރައްކަލެއް ނެތް ހިނދު އިންޑިޔާގެ އަސްކަރީ ހިމާޔަތުގެ ދަށަށް ދިވެހި ގައުމު ގެންދިއުމުން ފެންނަން އޮތީ އެންމެ ނަތީޖާއެކެވެ. ދިވެހި ރާއްޖެއަށް އެހެން ގައުމުތަކުން އެހީތެރިކަން ލިބުމުގެ ދޮރު ގޮތަކަށް ބަންދުކުރުމެވެ.

މީގެކުރިން އިސްލާމީ އަދި އަރަބި ގައުމެއްކަމަށްވާ ސައޫދީ އަރަބިއްޔާއިން ރާއްޖޭގައި އެތައް ބިލިޔަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއްކޮށް ގަލްފުގެ ދުބާއީފަދަ ޒަމާނީ ސިޓީއެއް ބިނާކުރުމަށް ހުށަހެޅުމުން އެމްޑީޕީގެ މީހުންކޮޅެއް ބޯޑުތަކެއް ދީފައި ފާފު އަތޮޅުގައި މުޒާހަރާކުރާކަން ދައްކަން ފޮޓޯނަގައި އެފޮޓޯ ސޯޝަލް މީޑިއާގައި ފަތުރައި އިންޑިޔާގެ ނޫސްވެރިން މަސައްކަތްކުރާ ބޭރުގެ ނޫސްތަކުގައި ދިވެހި ރާއްޖެއާއިބެހޭގޮތުން ހަގީގަތާއި ޚިލާފް ރިޕޯޓްތައް ލިޔެ، ގައުމު ވިއްކާލާކަމުގެ ތުހުމަތުކޮށް، ދިވެހިންގެ ބޮލަށް އެޕްރޮޕެގެންޑާ ފައްތައި، ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ރާއްޖެއަށް ކުރައްވަން އުޅުއްވި ރަސްމީ ދަތުރުފުޅަކަށް ހުރަސްއެޅުމަށް އެމްޑީޕީގެ އެކްޓިވިސްޓުން ކަނޑުމަގުން ހުރަސްއެޅުމަށް ނުކުންނަން ނިންމި ނިންމުމުގެ ފަހަތުގައިވަނީ މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި ފެނިގެންމިދިޔަ ހަގީގަތްކަން އޭރު ބުނާނީ މަދު މީހެކެވެ.

އިންޑިޔާކަނޑުގައި ދާދިގާތުގައި އެފަދަ ތަހްޒީބު ސިޓީއެއް ބިނާވެ އިންޑިޔާއަށް ބަރޯސާވުމެއް ނެތި ދިރިއުޅޭތަން ބަލަން އިންޑިޔާއަށް ކެތްވާނެ ހެއްޔެވެ. އެހެންވީމާ އިންޑިޔާގެ ދިވެހި އެޖެންޓުން ބޭނުންކޮށްގެން ސައޫދީ ރަސްގެފާނު ފައްސައިލީއެވެ. ސައޫދީގެ ހުށަހެޅުމަށްވުރެ މިއަދު މިކުރާކަންތައް މާހުތުރެވެ. ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް މާނުރައްކައެވެ.

ދިވެހި ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ މިފަދަ ނުރައްކާތެރި އަސްކަރީ ގުޅުމެއްގައި ދިވެހި ގައުމު ޖެހިފައެއް ނުވެއެވެ. ޚާއްސަކޮށް އިންޑިޔާއެވެ. ދިވެހި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ، ދިވެހި ރާއްޖެއަށް ހަމަލާދިނުމަށް އަސްކަރީ ޖެޓްތައް ނެރެން ތައްޔާރުވެގެން ތިބި އިންޑިޔާއާއެވެ.

1988 ގެ ނޮވެމްބަރގައި ބޭރުގެ ޓެރަރިސްޓު ޖަމާއަތަކުން ހަމަލާދީގެން ދިވެހި ރާއްޖެއަށް ދިމާވި ހާލަތަކީ އެހެން ހާލަތެކެވެ. އެކަމަކު އެހަމަލާ ދިވެހި ރާއްޖެއަށް ދޭކަން އިންޑިޔާ ސަރުކާރަށް ދުރާލައި އެގި ހަމަލާދިނުމުގެ ކުރިން ބޭރުގައުމަކަށް އިންޑިޔާ ސިފައިން ފޮނުވަންޖެހިދާނެކަމަށް ބަލައި އޭރުވެސް ތައްޔާރުވެގެން ތިބިކަމަށް އެކަން ތަހްގީގުކުރުމުގައި އުޅެފައިވާ ބޭފުޅުން ތުހުމަތު ކުރައްވައެވެ.

ރައީސް ސާލިހްގެ ސަރުކާރުގެ ނުކުޅެދުންތެރިކަން ނިކަން ދެކިބަލާށެވެ. ދިވެހި ގައުމުގެ ބަޖެޓް ކޮންޓްރޯލް ކުރަނީ އިންޑިޔާއިން ދޭ ލާރިންނެވެ. ގައުމުގައި ކުރިއަށް އޮތްތާގައި ތަރައްގީގެ މަޝްރޫއެއް ހިންގޭނީ އިންޑިޔާއިން ދޭ ލާރިންނެވެ. ދިވެހި ގައުމުގެ އަސްކަރީ ކަންކަން ބަލަހައްޓަން އެހަވާލުކުރީ އިންޑިޔާއާއެވެ. ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އިންޑިޔާގެ ނޫހަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ އުތުރުތިލަފަޅުގައި ރައީސް ސާލިހްގެ ސަރުކާރުން ހަދާ ކޯސްޓްގާޑު އިންފްރާންސްޓްރަކްޗަރ ފެސިލީގައި އިންޑިޔާގެ ބައިވެރިވުން އޮންނާނެކަމަށެވެ. އެތަނުގައި ތަމްރީނުދިނުމުގެ ނަމުގައި ރާއްޖޭގެ އެކްސްކްލޫސިވް އެކޮނިމިކް ޒޯން އިންޑިޔާއިން ބެލެހެއްޓުމަށް ފުރުސަތު ދެވޭނެއެވެ.

އިންޑިޔާއިން އެގައުމުގެ އަވަށްޓެރި ގައުމުތަކާމެދު ކަންތައް ކުރާގޮތުން މިނޫންގޮތަކަށް ސިފަކުރެވޭނެ ޖާގައެއް ނެތެވެ. އަވަށްޓެރި އެއްވެސް ގައުމަކަށް އިންޑިޔާގެ އަމިއްލަ އެދުމާއި އެގައުމުތަކުގެ ތަރައްގީއަށް އިންޑިޔާއިން އަޅާ ހުރަސްތަކާހެދި ކެތްނުކުރެވިގެން އިންޑިޔާއާއި ފާޅުގައި ދުރުވެގަނެގެން އުޅޭތަން ދަނީ ފެންނަމުންނެވެ. އެންމެފަހުން ބޫޓާނުންވެސް އިންޑިޔާއަށް ނޫނެކޭ ބުނީއެވެ. ގުޅުން އޮތް ހަމައެކަނި ގައުމަކީ ބަންގްލަދޭޝްއެވެ. ޝެއިޚް ހަސީނާއަކީ އިންޑިޔާގެ ޕަޕެޓެއްކަން ޚުދު އިންޑިޔާގެ ނޫސްތަކުން ސިފަކުރެއެވެ. މިއަދު ދިވެހި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީ ސަރަހައްދުގައި އިންޑިޔާގެ ދެވަނަ ޕަޕެޓެވެ. އިންޑިޔާމީހުން ދިވެހި ރާއްޖޭގެ ރައީސްއަށް މިލަގަބުދޭތަން ބަލަން އަޅުގަނޑުމެން ދެރަވެއެވެ. ލަދު ގަނެއެވެ.

Advertisement

ކޮމެންޓް