Advertisement

ސިޓީ މޮޅުވިއިރު އެވަޓަން އަދި ވެސްޓް ހަމް ކަޓައިފި

27 Jan 2019 | 08:55

އިނގިރޭސި އެފްއޭ ކަޕްގައި ރޭ މެންޗެސްޓާ ސިޓީ ކުޅުނު މެޗް 5-0 ގެ ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ޖެހިގެން އޮތް ބުރު ކަށަވަރުކުރި އިރު އެވަޓަން އަދި ވެސްޓް ހަމް އާދައިގެ ޓީމުތަކެއް އަތުން މުބާރާތުން ކަޓައިފިއެވެ.

ބާންލީއައި ދެކޮޅަށް ސިޓީ ކުޅުނު މެޗުގައި އެޓީމުގެ ލަނޑުތައް ޖަހައިދީފައިވަނީ ޖީސުސް، ސިލްވާ، ޑި ބްރޫނޭ، އަދި އަގުއޭރޯއެވެ. މި މެޗުގައި ބާންލީއަތުންވަނީ ބައިކޮޅަށްވެސް ލަނޑެއް ވަދެފައެވެ.

ވަރުގަދަ ފުރަތަމަ އެގާރައެއް އަރުވައިގެން ކުޅުނު ސިޓީވަނީ މުޅި މެޗް ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް ބާންލީކޮޅަށް ފޮނުވާލާފައެވެ. ފުރިހަމަ ވަގުތު ހަމަވިއިރުވެސް ބާންލީއަށް ސިޓީ ގޯލަށް އެންމެ ޝޮޓެއްވެސް އަމާޒުކޮށްލެވިފައެއް ނުވެއެވެ.

މެޗައި ގުޅޭ ގޮތުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރުމުގެ އިތުރުން ސިޓީ އޮތީ ލީގް ކަޕްގެ ފައިނަލުގަ ކަމަށައި، ހަމަ އެބީދައިން އެފްއޭ ކަޕްގައިވެސް ދެވެން އޮތް އެންމެ ދުރަކަށް ދާން ބޭނުން ކަމަށެވެ.

ބާންލީގެ ކޯޗް ބުނީ ސިޓީގައި ތިބީ ވަރަށް މޮޅެތި ކުޅުންތެރިން ކަމަށެވެ. އަދި ސިޓީ ކުޅުންތެރިން މޫޑްގައި ތިބިނަމަ އެހެން ޓީމުތަކަށް އެޓީމް ބަލިކުރަން ވަރަށް އުނދަގޫ ކަމަށެވެ. މީގެ އިތުރުން ސިޓީއަކީ މިސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރެވުމުގެ ގާބިލުކަން އޮތް ޓީމެއް ކަމުގައި ކަމަށެވެސް އޭނާގެ ވާހަކައިގަ ފާހަގަކޮށްފައިވެއެވެ.

މި މެޗުގައި ސިޓީގެ ފަރާތުން ފެނުނު ލަނޑުތަކާއެކު އެޓީމް މި ހިނގާ 2019 ވަނަ އަހަރު ޖެހި ލަނޑުތަކުގެ އަދަދުވަނީ 30 އަށް އަރާފައެވެ.

ޗެންޕިއަންޝިޕްގައި ކުޅެމުން އަންނަ މިލްވޯލްއައި ދެކޮޅަށް ކުޅުނު އެވަޓަން މުބާރާތުން ކެޓީ 3-2 ކުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑް ނަގާފައިވަނީ އެވަޓަންއުންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ރިޗާލިސަންއެވެ. ނަމަވެސް މިލްވޯލްގެ ގްރެގޮރީވަނީ އެވަޓަންގެ ލަނޑަށް ދެ މިނެޓް ނުވަނީސް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ފުރަތަމަ ހާފް 1-1 ކުން އެވަރުވެގެން ނިމުނުއިރު މެޗުގެ ފަހު ވިހި މިނެޓްތެރޭ ޓޮސުންވަނީ ލަނޑެއް ޖަހައި އަނެއްކާވެސް އެވަޓަންއަށް މެޗުގެ ކުރި ހޯދަދީފައެވެ. ފުރަތަމަ ހާފެކޭ އެއްގޮތަށް އެވަޓަންގެ ލަނޑަށް މާގިނައިރުތަކެއް ނުވަނީސް މިލްވޯލްވަނީ ލަނޑެއް ޖަހައި އަނެއް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ޖަހާފައިވަނީ ޖާކް ކޫޕާއެވެ.

މިލްވޯލް މެޗުން މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުގަޑިގަ މުރޭއެވެ.

މެޗުން ބަލިވެ މުބާރާތުން އެވަޓަން ކެޓުމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިހުރި އެޓީމުގެ ކޯޗް މާކޯ ސިލްވާ ބުނީ ވީޑިއޯ އެސިސްޓެންޓް ރެފްރީގެ ގަވައިދުތަށް އެއީ ހަމަޖެހޭ އެއްޗެއް ނޫން ކަމުގައެވެ. ފުޓްބޯޅަ ކުޅޭ ވަގުތު ބޯޅައިގަ އަތްލެވޭ ކަމެއް ނޭނގޭ ކަމަށައި ޕެނަލްޓީ އޭރިއާ ތެރެއިން ކުޅުންތެރިއެއްގެ އަތުން ބޯޅަ ކޮންޓްރޯލް ކުރާތަން އިދިކޮޅު އަށް ވަރަކަށް ކުޅުންތެރިންނަށް ފެންނަ އިރު ރެފްރީއަށް ނުފެންނަންވީ ސަބަބެއް ނޭނގޭކަމަށްވެސް އޭނާ ބުންޏެވެ.

ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ ވެސްޓް ހަމް އެފްއޭ ކަޕުން ކަޓައިގެން ދިޔައީ ލީގް އަންގެ ޓީމެއް ކަމަށްވާ އޭފްސީ ވިމްބެލްޑަން އަތުން 2-4 ގެ ނަތީޖާއަކުންނެވެ.

Advertisement

ކޮމެންޓް